ރިޔާސީ ދެ ކޮމިޝަންވެސް ފެއިލްވެއްޖެ، އުވާލަންޖެހޭ: މަޖިލިސް ރައީސް

14 Jul 2020 | 11:42

ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލި ދެކޮމިޝަންވެސް ފެއިލްވެފައިވާ ކަމަށާއި އެދެކޮމިޝަންވެސް އުވާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިމިއްޖެކަން އިއުލާނުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ކޮމިޝަންތަކަށް ބާރު ދިން ގާނޫނުގައި ބުނާ މަސައްކަތް ކޮމިޝަންތަކުން ކުރަމުން އަންނަކަމަށް ދަންނަވަން ދަތި ކަަމަށެވެ. 

"މަރުތަކާއިބެހޭ ކޮމިޝަން އުފައްދާފައިއެވަނީ ޤާނޫނު ނަންބަރު 2018/4 ރިޔާސީ ކޮމިޝަންގެ ޤާނޫނު ދަށުން. އެޤާނޫނުގެ ދަށުން ދެކޮމިޝަނެއް ވަނީ އުފެއްދިފަ. އެ ދެކޮމިޝަންގެ މަސައްކަތްވެސް ކުރެވުނުކަމަށް ދަންނަވަން އަޅުގަނޑަށްދަތި. އެއްގޮތަކީ މިޤާނޫނުވެސް އުވާލުން. އަދި ކޮމިޝަންވެސް އުވާލުން. އަޅުގަނޑުގެ ހިތަކަށް މިހާރު ނުވަދޭ އެދެ ކޮމިޝަން އޮތުމުގެ ބޭނުމެއް އޮތްކަމަކަށް” މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު އެކޮމިޝަންތައް އޮތުމުގެ ބޭނުމެއް ނުފެންނަކަމަށާއި، ޤާނޫނާއި، ކޮމިޝަންތައްވެސް އުވާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. މި ކަމުގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް