ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު އިތުރުކުރަނީ

14 Jul 2020 | 22:01

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

މިކަމާއި މެދު މަޝްވަރާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންނާއި އެކު އޮތް ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަން ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި، ކޯވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމަށް ޚާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ދިވެހި ޚާރިޖީ ޚިދުމަތް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިނިސްޓަރަށާއި ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ، ކޯވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒުހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

 މިގޮތުން، ޚާރިޖީ ޚިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް