"ފެއިލްވެއްޖެ" ނަމުގައި އިދިކޮޅު ކޯލިޝަނުން ރެލީއެއް ބާއްވަން ކުރި މަސައްކަތް ފެއިލްވެއްޖެ

16 Jul 2020 | 10:26

“ފެއިލްވެއްޖެ” ނަމުގައި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ރެލީއެއް ބާއްވަން ކުރި މަސައްކަތް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ހުއްދަ ނުދިނުމުން ފެއިލްވެއްޖެއެވެ.

މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ސިޓީ ހުށައަޅާފައިވާނެ ކަމަށެވެ. އެގޮތުން މިމަހުގެ 6ވަނަ ދުވަހުގައި ކާނިވާ ސަރަހައްދު ހޯދުމަށް ހައުސިންގ މިނިސްޓްރީގެ ކިބައިން އެދިފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް އެކަމާއި ގުޅޭގޮތުން މިއަދާއި ހަމައަށްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ފަހުގެ ތާރީޚަކަށް މި ރެލީ ފަސްކުރެވިފައިވާކަން ޝުޖާއު އިއުލާން ކުރެއްވިއެވެ. ނަމަވެސް މި ރެލީއަށް ތައްޔާރުވުމާއި ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ފެއިލްވެއްޖެ ރެލީ ބޭއްވުމަށް ޕީޕީއެމް-ޕީއެންސީން ނިންމީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މިމަހުގެ 15 އަދި 16 ވަނަ ދުވަހުގައި މާލޭގައި މި ރެލީ ޕްރޮމޯޓްކުރުމަށް ލައުޑް ސްޕީކަރު ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް މާލެ ސިޓީ ކައުންސިލުގައި އެދުނު ކަމަށެވެ. މިކަމަށް ސިޓީ ކައުންސިލުން ހުއްދަ ދިން ނަމަވެސް ފުލުހުންގެ ކިބައިންވެސް ހުއްދައެއް ހޯދަން ޖެހޭނެކަމަށް އެންގިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް