ހުރިހާ ތުހުމަތުތަކަށް އިންކާރުކުރަން، މިއީ ރޭވިގެން ހިންގާ ޖަރީމާއެއް: އަލީ ވަހީދު

20 Jul 2020 | 12:07

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާ އަދި ފުރައްސާރައިގެ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވީ ރޭ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމަށްފަހު، ބޭރުގައި ހުންނަވާ މީޑިޔާތަކާއި ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެކަމަށާއި، މީގެ ކުރީގެ ތަހުގީގުތަކުގައި އަމަލު ކުރެއްވި ފަދައިން ހަނު ނުހުންނަވާނެކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެކަމަށާއި، އެ ތުހުމަތުތަކަށް އިންކާރުކުރައްވާކަން ރޭ ތަހުގީގުގައި ވިދާޅުވެފައި ވާނެކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވެ އަޅުގަނޑު ދަންނަވާފައި އޮންނާނެ ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް"، އެބޭފުޅާ ވިދާޅުވިއެވެ. 

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެބޭފުޅާގެ ހުރިހާ ވަގުތަކާއި އަމާޒެއް ހުރީ އެބޭފުޅާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފު ކުރުމަށެވެ. އަދި ޒުވާން ދައުރުގެ ބޮޑު ބައެއް އެކި މަގާމު ތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.

އަލީ ވަހީދު ފުލުހަށް ހާޒިރުކުރެވުނުއިރު، އޭނާގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިފައެވެ. އަދި އޭނާގެ ލެޕްޓޮޕާއި ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށުގައިވާކަން އެނގިފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން 15 މީހެއްގެ ބަޔާން މިހާތަނަށް ވަނީ ނެގިފައެވެ. މި ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވިއެވެ. ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.

Advertisement

ކޮމެންޓް