މޫސާ ޞާލިހު އެމްއޭސީއެލްއިން ރިޓަޔަރ ކުރައްވައިފި

26 Jul 2020 | 18:26

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އެކުންފުނީގެ ޑެޕިއުޓީ ޗީފް އިންފޮރމޭޝަން އޮފިސަރ މޫސާ ޞާލިހް ރިޓަޔަރ ކުރައްވައިފިއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނީ ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 39 އަހަރު ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މޫސާ ޞާލިހް ރިޓަޔަރވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އެ ޓްވީޓްގައި ވަނީ އެކުންފުނީގެ ތަރައްގީއަށް އެބޭފުޅާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި މޫސާ ހަވާލުވެ ވަޑައިގެންނެވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުގައެވެ. އެބޭފުޅާ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޮޑުބޭބޭފުޅެކެވެ.

މޫސާ ޞާލިހަށް ފަހު އެމްއޭސީއެލް ހިންގުމާއި އެމްޑީ އަދި ސީއީއޯއެއްގެ ހައިސިއްޔަތުން ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ގޯޑަން ސްޓުވާޓެވެ. ގޯޑަންއަކީ މި ދާއިރާގައި 30 އަށްވުރެ ގިނަ އަހަރު ހަރަކާތްތެރިވެލައްވާފައިވާ ފަރާތެކެވެ.

އެނގިފައިވާ ގޮތުގައި މި ހިނގަމުންދާ ބަންދު ދުވަސްތަކަށް ފަހު، އެބޭފުޅާ ރަސްމީގޮތުން ވަޒީފާއަށް ނުކުންނަވާނެއެވެ. 

Advertisement

ކޮމެންޓް