ކުލި ނުދެއްކުމުން ހުޅުމާލޭގެ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީއަށް ނަގައިފި
ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވަނީ 2026 ނޮވެންބަރު 2 ވީ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި މި ނިންމުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ވެސް ސޮލާރިސް ހޮސްޕިޓަލިޓީއަށް ނުދެވޭނެ ކަމަށް ވަނީ އަންގާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅަންޖެހުނީ އެ ބިމަށް ދައްކަންޖެހޭ ކުލި ނުދައްކާތާ ދިގު މުއްދަތެއް ވެފައިވާތީއެވެ. އަދި މި ނިންމުން ނިންމާފައިވަނީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ފާހަގަކުރި ގޮތުގައި، މިފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ޚިދުމަތްދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ފަހުގައެވެ. އަދި އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތްތަކަށް އަބަދުވެސް ވީހާ ވެސް ފަހި މާހައުލަކާއި ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް