1.7 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އަޅާފައިހުރި ވޭޕް ކާޓްރިޖު ތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އާއި، ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޝާވިންއާއި، ޢިޝާ އަޝްރަފް 15 ދުވަހަށް އަދި މުޙައްމަދު ނާހިލް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
އޭގެފަހުންވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެ މުއްދަތު ހަމަވެގެން މިމަހު 6 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް