އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް
އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަންހެން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން އަސްކަރީ ތަމްރީނު ދޭ ކޭމްޕެއް ހުޅުވައިފިއެވެ. ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި މަރުކަޒަކީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އަސްކަރީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ކެމްޕޭނުގެ ބައެކެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ އެމެރިކާއިން އެއްގަމު މަގުން އީރާނަށް ދީފާނެ ހަމަލާއަކުން ޤައުމު ދިފާޢުކުރުމަށް އަންހެނުން ތައްޔާރުކުރުމެވެ. މި ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން، އަންހެނުން ބަޑި ޖަހަން ދަސްކުރުމާއި، ފާރުތަކަށް އެރުމާއި އަދި ޒިޕްލައިން ފަދަ އުނދަގޫ އަސްކަރީ ތަމްރީނުތައް ފުރިހަމަކުރަމުންދާ މަންޒަރު ފެނެއެވެ.
މީގެ އިތުރުން، މިއަހަރުގެ ކުރީކޮޅު ތެހެރާނުގެ އިންޤިލާބު މައިދާނުގައި "ޑޯޓާސް ޑިވޯޓެޑް ޓު އީރާން" ގެ ނަމުގައި ބޭއްވި އެއްވުމެއްގައި އެތައް ހާސް އަންހެނުންނާއި އަންހެން ކުދިން ބައިވެރިވެފައިވެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ބުނެފައިވާ ގޮތުގައި އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އަޑުއުފުލި މި އެއްވުމުގައި ބައިވެރިވި އަންހެނުން ވަނީ އިސްލާމީ އިންޤިލާބުގެ ލީޑަރަށް ބައިއަތު ހިފުމާއެކު، ޤައުމު ދިފާޢުކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. މި އެއްވުން ބާއްވާފައިވަނީ އީރާނުގައި ފާހަގަކުރާ "އަންހެން ކުދިންގެ ދުވަސް" އާ ދިމާކޮށެވެ.
ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް މުޙްސިން ރިޟާއީ ވިދާޅުވީ، މިވަގުތު ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަލް މަޔާދީން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި މަޝްވަރާތައް ފެށޭނީ ޖޫން މަހުގެ ވަގުތީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހަތް ޝަރުޠަށް އެމެރިކާއިން ސާފު ޖަވާބެއް ދިނުމުން ކަމަށެވެ. މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރާ ބައްދަލުކުރެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ކުޑަކަމަށް ބުނެފައެވެ. ނަމަވެސް، އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ޤަބޫލުކުރަން ދެކޮޅު ހެދިއެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ކުރިއަށް އޮތް މަސްތަކުގައި އީރާނަށް ދޭ އިޤްތިޞާދީ ފިއްތުންތައް އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޕެރިހުގައި ބޭއްވި ޖީ7 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ވާހަކަދައްކަމުނއ ރޫބިއޯ ބުނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ތެލުން ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށްދާނެ ކަމަށާއި، މިހާރު ލިބެމުންދާ މަދު އާމްދަނީވެސް ވަރަށް އަވަހަށް މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް