ސައުދީއަށް ދިފާއީ އެހީތެރިކަން ދިނުމަށް މިސްރުން މަޝްވަރަކުރަނީ
ޔަމަނުގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާ އަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ސައުދީއަށް ދިފާއީ އެހީތެރިކަން ދިނުމަށް މިސްރުގެ މަޖިލީހުގައި މަޝްވަރާކުރަން ނިންމައިފިއެވެ.
މިސްރުގެ މަޖިލީހުން ވަނީ، މި ނިންމެވުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކާއި ގުޅޭ ގޮތުން ހާއްސަ ސެޝަނެއް އެ އިދާރާގައި ބާއްވަން ނިންމާފައެވެ. މިކަމާއި ގުޅޭ ގޮތުން، ދިފާއީ ތަހުލީލުވެރިއަކު އަލް ޖަޒީރާއަށް ބުނި ގޮތުގައި، އެ ގައުމުގެ މަޖިލީހުން މިކަމަށް ހުއްދަ ދީފިނަމަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މިސްރުގެ ސިފައިންނަށް ސައުދީ އަރަބިއްޔާއަށް ދިފާއީ އެހީތެރިކަން ދެވިދާނެއެވެ.
ކަނޑުގެ ރައްކާތެރިކަމާ ބެހޭ ތަޖުރިބާކާރު އަލެކްސަންޑްރު ހުޑިސްޓިއާނު އެ ނޫސް އޭޖެންސީއަށް ބުނީ، މިސްރުން ރަތް ކަނޑަށް ސިފައިން ފޮނުވުމާއި ސައުދީގެ ބަނދަރުތަކަށް ހަނގުރާމަ އުޅަނދުތައް ފޮނުވުމުގެ އިތުރުން، ސައުދީގެ ބިމަށް ހަތިޔާރާއި ވަސީލަތްތައް ބަދަލުކުރުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.
ހުޑިސްޓިއާނުގެ ވިސްނުމުގައި ކައިރޯއިން ދެވިދާނެ އެންމެ ގާތް އެހީއަކީ ޑްރޯން ހަމަލާތަކާއި މިސައިލްތަކުން ރައްކާތެރިވުމަށް ދޭ އެހީތެރިކަމެވެ. އެއީ ސައުދީގެ ދިފާއު ވަރުގަދަކުރުމަށް މުހިންމު ދާއިރާއެއް ކަމަށް އޭނާ ބުނެއެވެ.
ހަމައެއާއެކު، މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީގެ އެދުމަށް، އެ ގައުމުގެ ޕާލިމެންޓް މިއަދު މެންދުރުފަހު ކުއްލި ޖަލްސާއަކަށް އެއްވާނެއެވެ. އެގޮތުން، ހޮނިހިރު ދުވަހު ސީސީ ބުނީ، ރިޔާދުން އެހީއަށް އެދިއްޖެނަމަ ސައުދީ އަރަބިއްޔާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
މިދިޔަ މަހު ކައިރޯގައި ސައުދީގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރި ބައްދަލުވުމުގައި، ރަތް ކަނޑުގައި ރައްކާތެރިކަމާއެކު، އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމަށް ސައުދީން ކުރާ ގޮވާލުމަށް ސީސީ ތާއީދުކޮށްފައިވެއެވެ.
ސައުދީއަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މިސްރުގެ މަޖިލީހުގައި ބާއްވާ ކުއްލި ބައްދަލުވުން އޮންނާނީ މިސްރު ގަޑިން 1 ޖަހާއިރުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް