އެއް ސުފުރާއެއް މަތީގައި ކަނީ-
އެއް ސުފުރާއެއް މަތީގައި ކަނީ-
ލައިފްސްޓައިލް 20 Oct 2026 | 08:57

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ

ހަލަބޮލި އަދި ބުރަ ދިރިއުޅުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކެއުމުގެ ވަގުތު ވެފައިވަނީ އަވަސްއަވަހަށް ފޯނަށް ބަލަމުން ނުވަތަ ޓީވީ ދޮށުގައި އެކަނި އިނދެ ނިންމާލާ ކަމަކަށެވެ. ނަމަވެސް، ކެއުމުގެ މޭޒުދޮށުގައި އެކަނި އިނުމުގެ ބަދަލުގައި، ޢާއިލާގެ މެންބަރަކާ ނުވަތަ ގާތް ރަޙްމަތްތެރިއަކާ އެކު އިށީނދެލުމަކީ ބަލާބެލުމަށް ކިތަންމެ އާދައިގެ ކަމެއް ނަމަވެސް، މިއީ އިންސާނާގެ ޖިސްމާއި ނަފްސަށް އޭގެ ސަބަބުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ.

ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި އެކުގައި ކެއުމަކީ ޑިޕްރެޝަނާއި ޑިމެންޝިއާ ފަދަ ބަލިތަކުން ދުރުކޮށްދީ، ދިރިއުޅުމުގެ އުފާވެރިކަން އިތުރުކޮށް، އުމުރު ދިގުވުމަށް ވެސް މަގުފަހިކޮށްދޭ އާދައެކެވެ.

މިއީ އަލަށް އީޖާދުކުރި ޑައެޓެއް ނޫނެވެ. މިއީ އިންސާނީ ތާރީޚުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އެންމެ ފުރިހަމަ އެއް ސަގާފަތެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ އިޤްތިޞާދާއި ސުލޫކީ ސައިންސްގެ ޕްރޮފެސަރު ޖޭން އެމެނުއެލް ޑި ނެވް ވިދާޅުވާ ގޮތުގައި، ކެއުމަކީ ހަމައެކަނި ބަނޑުފުރާލުމެއް ނޫނެވެ؛ އެއީ މީހުން ގުޅުވައިދީ، ހިތްތަކުގައި އިތުބާރު ބިނާކޮށްދޭ މުހިންމު ވަސީލަތެކެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ކުރިއެރުން

އެކުގައި ކެއުމާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުން އެންމެ ބޮޑު އަލިއަޅުވާލުމެއް ލިބިފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ. ޗައިނާގެ ޒެޖިއަންގް ޕްރޮވިންޝަލް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޝިންއީ ވަންގް އާއި އޭނާގެ ޓީމުން، އުމުރުން 60 އަހަރުން މަތީގެ 9,361 އަންހެނުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ކެއުމުގެ ވަގުތުގައި މޭޒުދޮށުގައި ތިބޭ މީހުންގެ ޢަދަދަކީ ޑިޕްރެޝަނަށް ހުށަހެޅޭ މިންވަރު އަންދާޒާކޮށްދޭ މުހިންމު މިންގަނޑެކެވެ. މީހާގެ މާލީ ޙާލަތާއި ޢާންމު ޞިއްޙަތު ކޮންމެ ގޮތެއްގައި ހުރި ނަމަވެސް، އެކުގައި ކެއުމުން އެމީހަކަށް ނަފްސާނީ ހިތްހަމަޖެހުން ލިބުދޭކަން މި ދިރާސާއިން ސާބިތުވިއެވެ.

މީގެ އިތުރުން، ޖަޕާނުގެ ޓޯކިއޯގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ވެސް ފާހަގަކުރެވުނީ ހަމަ މިފަދަ ނަތީޖާއެކެވެ. ޢާއިލާއާ އެކު އެއް ގެއެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް، ގިނަ ފަހަރަށް އެކަނި އިނދެ ކާ 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނަށް ޑިޕްރެޝަންގެ އަލާމާތްތައް ފެނުމުގެ ފުރުޞަތު، އެހެން މީހުންނާ އެކު ކައިބޮއި އުޅޭ މީހުންނަށްވުރެ ފަސް ގުނަ އިތުރުވާ ކަމަށް އެ ދިރާސާއިން ދެއްކިއެވެ.

އުފާވެރިކަން މިންކުރެވޭ މުހިންމު މިންގަނޑެއް

ދުނިޔޭގެ އެކި ޤައުމުތަކުން ގާތްގަނޑަކަށް 150,000 މީހުން ބައިވެރިވި ގެލަޕް ވޯލްޑް ހެޕީނަސް ރިޕޯޓުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެހެން މީހުންނާ އެކު ކާ މިންވަރު އިތުރުވާ ވަރަކަށް އެމީހުންގެ އުފާވެރިކަން އިތުރުވެގެންދެއެވެ. ޕްރޮފެސަރު ޑި ނެވް ފާހަގަކުރެއްވި ގޮތުގައި، މީހެއްގެ ދިރިއުޅުމުގެ ހިތްހަމަޖެހުން ވަޒަންކުރުމުގައި ވަޒީފާގެ ޙާލަތާއި ލިބޭ އާމްދަނީ ފަދައިން، އެކުގައި ކެއުމުގެ އާދައަކީ ވެސް ވަރަށް ނުފޫޒުގަދަ ބާރެކެވެ.

ތާރީޚަށް ބަލާއިރު ވެސް މިކަން ފެންނަން އެބައޮތެވެ. އިނގިރޭސި ބަހުގައި އެކުވެރިޔާއަށް ނިސްބަތްކޮށް ބޭނުންކުރާ "ކޮންޕޭނިއަން" މި ލަފުޒު އުފެދިފައިވަނީ ލެޓިން ބަހުގެ "ކެއުން ހިއްސާކުރުން" މި މާނައިންނެވެ. ހަމައެފަދައިން، ޗައިނީޒް ބަހުގައި ވެސް އެކުވެރިކަމަށް އިޝާރާތްކުރާ ލަފުޒުތައް ގުޅިފައިވަނީ އެއް ތަށިން ކައިބޮއި އުޅުނު ގުޅުމާއެވެ.

ސިކުނޑީގެ ޞިއްޙަތާއި ރަހައިގެ މީރުކަން

އޮކްސްފޯޑް ޔުނިވަރސިޓީގެ އެންތްރޮޕޮލޮޖިސްޓް ރޮބިން ޑަންބާ ހާމަކުރައްވާ ގޮތުގައި، އެކުގައި ކެއުމުގެ ސަބަބުން އިންސާނާއަށް ހިތްހަމަޖެހުން ގެނެސްދޭ "އެންޑޯފިން" ހޯރމޯންތައް ދޫކުރަން ފަށައެވެ. އަދި ޕެންސިލްވޭނިއާ ޔުނިވަރސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި އެހެން މީހަކާ އެކު ކާނާ ހިއްސާކުރާ ވަގުތުތަކުގައި ކާއެއްޗެހީގެ މީރުކަން ވެސް މާ ބޮޑަށް އިޙްސާސް ކުރެވެއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު ޖަޕާނުން ހެދި ދިރާސާއަކުން ފާހަގަވި ގޮތުގައި އަބަދު އެކަނި ކައިބޮއި އުޅޭ މީހުންގެ ސިކުނޑީގެ ހަނދާނާއި ވިސްނުމާ ގުޅޭ މުހިންމު ބައިތައް ކަމަށްވާ "ހިޕޮކެމްޕަސް" އަދި "މެޑިއަލް ޓެމްޕޯރަލް ލޯބް" ގެ ބޮޑުމިން ކުޑަވެގެންދެއެވެ. އެކުގައި ކެއުމުގެ ތެރެއިން ދެކެވޭ ވާހަކަތަކާއި ލިބޭ އުފާވެރިކަމުގެ ސަބަބުން ސިކުނޑި ހަރަކާތްތެރިވެ، ސްޓްރެސް ކުޑަވެގެންދެއެވެ. މިއީ ފަހުގެ އުމުރުގައި ޑިމެންޝިއާ ފަދަ ހަނދާން ނެތޭ ބަލިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ބާރެކެވެ.

ދައުވަތެއް ދިނުމަކީ ދުޅަހެޔޮކަމުގެ ފެށުން

އެކަނިވެރިކަން އިންތިހާއަށް އިތުރުވަމުންދާ މި ޒަމާނުގައި މިކަމަށް އޮތް ޙައްލަކީ ވަރަށް އާދައިގެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންނާ އެކު ވަގުތު ހޭދަކުރަން އެހެން މީހުން ބޭނުންވާ މިންވަރު އަޅުގަނޑުމެންނަށް އަބަދުވެސް ވަޒަންކުރެވެނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން، ރަޙްމަތްތެރިއަކަށް ނުވަތަ އެކަނިވެރިވެފައިވާ މީހަކަށް އެކުގައި ކެއުމަކަށް ދަޢުވަތު ދިނުމަކީ ޖެހިލުންވާންވީ ކަމެއް ނޫނެވެ.

ސްޓޭންފޯޑް ޔުނިވަރސިޓީގެ ސައިކޮލޮޖިސްޓް ޖަމީލް ޒަކީގެ ދިރާސާތަކުން ވެސް ކަށަވަރުވަނީ، ލަދުގަންނަ މީހުން ވެސް ކޮފީއަކުން ނުވަތަ ކެއުމަކުން ބައްދަލުވުމުން އެމީހުން ސޯޝަލައިޒް ވުމަށް ބޮޑު ހިތްވަރެއް ލިބެއެވެ.

ޚުލާޞާކޮށް ބަލާއިރު، އެކުގައި އިށީނދެ ކެއުމަކީ ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވައިލުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ހިތްތަކަށް ދިރުންދީ، ނަފްސު ހާސްކަމުން ސަލާމަތްކޮށް، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ޝިފާއެކެވެ. މިއަދުގެ މި އަވަސް ދުނިޔޭގައި، ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް، ޢާއިލާއާއި އެކުވެރިންނާ އެކު އެއް ސުފުރާއަކުން ކެއުމަށް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމަކީ ތިބާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އުފާވެރި ދިގު އުމުރަކަށް މަގުފަހިކޮށްދޭނެ އެންމެ ފުރިހަމަ އެއް ނިންމުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
30 Oct 2026 ލައިފްސްޓައިލް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
28 Oct 2026 ލައިފްސްޓައިލް

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް

މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...