ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
އީރާނަށް ބިރުދައްކަމުންދާއިރު އެ ގައުމާއެކު މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދު ނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ބުނެފިއެވެ.
ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، މަޝްވަރާގެ މޭޒަކަށް ދިޔުމުގެ ކުރިން އެމެރިކާއިން އީރާނުގެ ރައްޔިތުންގެ ހައްގުތައް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން، "އެމެރިކާއިން އަހަރެމެންގެ ގައުމުގެ ހައްގުތައް ގަބޫލުކޮށް، އެމީހުން ގަނާކުރުމާއި ހަމަލާދިނުން ހުއްޓާލަން ޖެހޭނެ. އޭރުން އަހަރެމެންނަށް އެކުގައި އިށީނދެ ވާހަކަ ދެއްކޭނީ،" ކަމަށް ޕެޒެޝްކިޔާން ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "ހުރިހާ މަގެއް ބަންދުކޮށް، ބިރުދައްކަމުން، އެއާއެކު ވާހަކަ ދައްކަން ގޮވާލުމަކީ ބަލާ ނުގަނެވޭނެ ކަމެއް" ކަމަށެވެ.
ވެފައިވާ އެއްބަސްވުންތަކުން އެމެރިކާ ފަހަތަށް ޖެހޭ ކަމަށް ވެސް ޕެޒެޝްކިޔާން ބުންޏެވެ. އެއްބަސްވުމަކަށް ވަދެއްޖެނަމަ އެއަށް ތަބާވާން ޖެހޭނެ ކަމަށް އޭނާ ބާރުއަޅައި ބުންޏެވެ.
އީރާނުގެ ރައީސް މި ވާހަކަ ދައްކާފައިވަނީ އެމެރިކާއާއެކު ވާހަކަ ދެއްކުމަށް އެ ގައުމުން ކަނޑައަޅާ ޝަރުތުތައް ފާހަގަކޮށް، އެމެރިކާގެ ބިރުދެއްކުންތަކާއި ފިއްތުންތަކަށް ފާޑުކިޔުމުގެ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް