ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ހއ އާއި ހދ އަތޮޅުގެ 18 ރަށެއްގައި ފެންބޮޑުވެ ހާދިސާތައް ހިނގާ ގެއްލުން ވެއްޖެ އެވެ.
އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ. އެންޑީއެމްއޭ އިން ބުނީ އެ ރަށުގައި ބޮޑުވި ފެންގަނޑު ހިންދަން ހަތް ޕަންޕު ބޭނުން ކުރަމުންދާ ކަމަށެވެ. އެ ސިޓީގައި 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވިއްސާރާގައި ނޮޅިވަރަމް އަދި ނޮޅިވަރަންފަރަށްވެސް ވަނީ ވަރަށް ގެއްލުންވެފަ އެވެ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު އެއް ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ނޮޅިވަރަންފަރުގައި ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، ދެ ޕަންޕްގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނެއްލައިދޫ އަދި ކުމުންދޫއަށްވެސް ވިއްސާރާގައި ގެއްލުންވި އެވެ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
ވައިކަރަދޫގައި ރަށުތެރޭގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ނަމަވެސް މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ގެއްލުމެއް ނުވެ އެވެ.

ނައިވަދޫ، ފިނޭ އަދި ކުރިންބީއަށް ބަލާއިރު ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައެވެ. އަދި ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވެ އެވެ.
ހަނިމާދޫ އަދި މަކުނުދޫ މި ދެ ރަށުގެ ހާލަތުވެސް އާންމު ގޮތެއްގައި ރަނގަޅެވެ.
ހއ އަތޮޅަށް ބަލާއިރު ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފަ އެވެ. އަދި ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.

ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވެ އެވެ. ދިއްދޫގެ ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވެ އެވެ. ތަކަންދޫގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އަތޮޅުގެ ރަށްތަކުގެ ތެރެއިން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެން ހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
ޅ. ނައިފަރު 16 ގެއަކަށް ފެންވަދެ، ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް