ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި
ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ.
މި ބިލު އެޖެންޑާއިން ނަގާފައިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން ރޭ އާންމުކުރި މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާގައި އޮތީ ހިމަނާފައެވެ. އެ ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު އެވެ.
ނަމަވެސް، ފަހުން އެ އެޖެންޑާ ނަގައި އާ އެޖެންޑާއެއް ނެރެފައިވާއިރު އާ އެޖެންޑާގައި އެ ބިލެއް ހިމަނާފައެއް ނެތެވެ. އެކަމަކު މަޖިލީހުގެ ވެބްސައިޓުން މި ބިލު އަދިވެސް ފެންނަން އެބަ އޮތެވެ.
މި އިސްލާހް އެޖެންޑާއިން ނެގިއިރު، ގާނޫނުލް އުގޫބާތަށް ގެންނަން ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ރޭ ވިދާޅުވީ މި އިސްލާހުތައް ގެނައުމަކީ ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
ބަންޑާރަ ނާއިބު އުޝާމް ވަނީ ގާނޫނުލް އުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށް ހުށައެޅި އިސްލާހުގެ ބޭނުން ވިދާޅުވެ ދެއްވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި ކަމަށެވެ. އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި އެ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށް އުޝާމް ފާހަގަކުރެއްވި އެވެ.
އަދި އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައި ނުވާކަމަށް އުޝާމް ވިދާޅުވި އެވެ.
މީގެ އިތުރުން، މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްރާއީލު" މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައި ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރު ކުރާކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ބަންޑާރަ ނާއިބު އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ވެސް މެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް