ރަސްމާލެ މަޝްރޫޢާ ގުޅިގެން އިމްރާންގެ ފާޑުކިޔުންތަކަށް ވައްޑޭގެ ސުވާލުތަކެއް
ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ސަރުކާރުން ބުނެފައިވާ ރަސްމާލެ މަޝްރޫޢާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله އެކްސްގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދަވާތީ، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އެކަމާ ގުޅިގެން އިމްރާނަށް ސުވާލުތަކެއް ކުރައްވައިފިއެވެ.
އިމްރާން އެކްސްގައި މިފަހުން އަންނަނީ ރަސްމާލެ މަޝްރޫޢުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެގޮތުން އެންމެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ ރަސްމާލެ މަޝްރޫޢުއަކީ ދިވެހި ފަސްގަނޑު ޒަޔަނިސްޓުންނަށް ވިއްކުން ކަމަށް ސިފަކުރައްވާފައެވެ.
"މިލޮބުވެތި ފަސްގަނޑުން 500 ހެކްޓަރގެ ބިން ޒަޔަނިސްޓް ޔަހޫދީންނަށް ވިއްކާލައިފިނަމަ ރައީސް މުޢިއްޒު ވެގެންދާނީ ދިވެހި ތާރީޚް ދުށް ޤައުމުދެކެ އެންމެ ލޯބި ނުވާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތަށް އެންމެބޮޑު ޚިޔާނާތެއްވީ ވެރިޔެއްގެ ގޮތުގައި" އިމްރާން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު، ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ ސަރުކާރުގައި، އިމްރާނު ހޯމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ހިނގައިދިޔަ ކަންކަމަށް އަމާޒުކޮށް ސުވާލުތަކެއް ކުރައްވާފައެވެ.
"މުޙައްމަދު” ކިޔާ ޒަޔަނިސްޓް ޔަހޫދީންވެސް އުޅެނީތޯ؟ ނ.އަތޮޅު ބޮޑު ފަޅެއް، ތިޔަބުނާ މީހުންނަށް ވިއްކާލިއިރު މަނިކުފާނު ކޮބާތޯ؟ ރާއްޖޭގައި އޮތްހާ ފަޅުރަށާ ފަޅުތައް ވިއްކާ ހުސްކުރިއިރު ތިޔަ ޤައުމީ ލޯބި އޮތީ ކޮންތާކުތޯ؟"
ރަސްމާލެ މަޝްރޫޢަކީ ދުބާއީ މޯލް އަދި ބުރުޖު ޚަލީފާ ބިނާކުރި އިމާރު ޕްރޮޕަޓީސްގެ ވެރިޔާ މުޙައްމަދު އަލްއައްބާރުގެ ކުންފުނި އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ބިމުގައި 8,800 ޕްރޮޕަޓީ ތަރައްޤީކޮށް، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރަށް ލީސްހޯލްޑް އުޞޫލުން ދޫކުރަން ހަމަޖެހިފައިވެއެވެ.
އީގަލް ހިލްސް ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅާނެ އެވެ. މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ބުނެފައިވާއިރު މިއީ މެރީނާ މަޝްރޫޢުގެ އިނީޝިއަލް ކޮމިޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި މަޝްރޫޢާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް އެއްބަސްވުމުގައި ސޮއެކުރި ދުވަހު ސަރުކާރާއި އީގަލް ހިލްސް ކުންފުނިން ނެރުނު ގުޅިފައިވާ ނޫސްބަޔާނެއްގައި ބުންޏެވެ. މީގެ އިތުރުން، މި މަޝްރޫޢާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް