ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އިލެކްޓްރޯނިކް ނިޒާމު ނުވަތަ އީ-ވޯޓިންގ މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވާ ހޯމަ ދުވަހުއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް އަންނަ މަހުގެ 3 ދުވަހުގެ ރޭ 23:59 ގެ ކުރިން ރަޖިސްޓަރީވާން ޖެހޭނެއެވެ.
މީގެ އިތުރުން، ބާ ކައުންސިލުން މީގެ ކުރިން އީ-ވޯޓިންގ މެދުވެރިކޮށް ބާއްވާފައިވާ އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވަކީލުން މި އިންތިހާބުގައި އަލުން ރަޖިސްޓަރީވާކަށް ނުޖެހޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. ނަމަވެސް، ކުރިން ރަޖިސްޓަރީވެފައިވާ ފަރާތެއްގެ އެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް މައުލޫމާތު އަޕްޑޭޓްކުރުމަށް ބާ ކައުންސިލުން އިލްތިމާސްކުރެއެވެ.
ބާ ކައުންސިލުން ކުރިން ބޭއްވި އީ-ވޯޓިންގ އިންތިހާބުތަކުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން، އެ ދަފުތަރުގައި ނަން ހިމެނިފައިވޭތޯ ބެލުމަށް އިއުލާނާއެކު އެޓޭޗްކޮށްފައިވާ ލިޔުމުންނާއި، އެކަމަށް ދީފައިވާ ހާއްސަ ލިންކު މެދުވެރިކޮށް ވަކީލުންނަށް ފަސޭހަކަމާއެކު ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް