އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، "ބޮޑު ބަދަލު" ޓީމުން ހޯދައިފިއެވެ.
އިއްޔެ ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި 2028 ގައި "ބޮޑު ބަދަލު" ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ފައްޔާޒް އިސްމާއީލް ވަނީ، އިންތިހާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. މީގެ އިތުރުން، އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކެންޑިޑޭޓުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
"ބޮޑު ބަދަލު" ހަރަކާތް ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ޤައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިދިނުމުގައި ޕާޓީގެ އާންމު މެންބަރުން ދެއްވި އެއްބާރުލުމަށް ފައްޔާޒް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި ނަތީޖާއިން ދައްކުވައިދެނީ ޕާޓީއަށް ބޮޑު އިސްލާހީ ބަދަލެއް ގެނައުމަށް ގެންގުޅޭ ތަސައްވުރަށް އާންމު މެންބަރުން ކުރާ ފުރިހަމަ އިތުބާރު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ޤައުމަށް އަނެއްކާވެސް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ބުނާ ގޮތުގައި، ހުކުރު ދުވަހު ބޭއްވުނު އެތެރޭގެ އިންތިހާބުގައި ޖުމްލަ 1,102 މަޤާމަކަށް މެންބަރުން އިންތިހާބު ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ޕާޓީގެ އެންމެ އިސް ނިންމުންތައް ނިންމާ ޤައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް