މީހެއްގެ މަސާނާ އިން 3.1 ކިލޯގެ ހިލައެއް ނަގައިފި؛ ”މިއީ މިހާތަނަށް ނެގުނު އެންމެ ބޮޑު ހިލަ“
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސްރީލަންކާގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަނެއްގައި 55 އަހަރުގެ ފިރިހެނެއްގެ މަސާނާ (ބްލެޑާ) އިން 3.1 ކިލޯގްރާމް ބަރުދަން ހުރި ހިލައެއް ނަގައިފިއެވެ. މި އޮޕަރޭޝަން ކުރެވިފައިވަނީ ޓްރިންކޮމަލީ ޖެނެރަލް ހޮސްޕިޓަލުގައި މިދިޔަ ހަފުތާގައި
ރެކޯޑުތައް ދައްކާ ގޮތުން މި ހިލައަކީ މިހާތަނަށް އޮޕަރޭޝަނެއް ކޮށްގެން މަސާނާއިން ނެގި އެންމެ ބޮޑު ހިލައެވެ. އެ ހިލައިގެ ދިގުމިނުގައި 18.7 ސެންޓީމީޓަރު ހުރި އިރު ބަރުދަން ހުރީ ވިހާ ތުއްތު ކުއްޖެއްގެ ބަރުދަނާ އެއްވަރަށެވެ.

އެ ޕޭޝަންޓް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ސްޓްރޯކެއް ޖެހިގެންނެވެ. ފަރުވާ ދެމުން ދިޔައިރު ކުޑަކަމުދިޔުމުގައި ދަތިތައް ހުރިކަން ފާހަގަކުރެވުމުން ޓެސްޓްތައް ހެދި އިރު މަސާނާގައި ހިލަ ހުރިކަން ޑޮކްޓަރުންނަށް އެނގުނީއެވެ.
"އެކި ރެކޯޑުތަކަށް ބެލީމާ މިއީ މިހާތަނަށް ލިޔެ ރެކޯޑުކުރެވި އޮޕަރޭޝަނެއް މެދުވެރިކޮށް ނެގުނު އެންމެ ބޮޑު މަސާނާގެ ހިލަ" އޮޕަރޭޝަނުގައި އިސްކޮށް ހުންނެވި ޑޮކްޓަރު ޕްރަގަލަތަން ބާލަކްރިޝްނަން ބީބީސީ ސިންހަލައަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ޕޭޝަންޓުގެ ސިއްހީ ހާލު ރަނގަޅު ކަމަށާއި މި ހިލަ ގާތްގަނޑަކަށް ފަހެއް ނޫނީ 10 ވަރަކަށް އަހަރު ވަންދެން އެ ޕޭޝަންޓުގެ މަސާނާގައި އޮތް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ކުޑަކަމުދާ ތަކެތީގައި ހުންނަ މިނަރަލްސް ކްރިސްޓަލައިޒްވެގެން ހަރު އެތިކޮޅުތަކެއްގެ ގޮތުގައި ޖަމާވެގެން ދިޔުމުން މަސާނާގެ ހިލަ އުފެދެއެވެ. މަސާނާ ރަނގަޅަށް ހުސްނުވެ ކުޑަކަމުދާ ތަކެތި ގިނައިން ޖަމާވެ ކްރިސްޓަލައިޒް ވުމުން މިފަދަ ހިލަ އުފެދުމުގެ ފުރުސަތު ބޮޑެވެ.
ގިނީސް ވޯލްޑް ރެކޯޑްސްގައި މިހާތަނަށް ރެކޯޑު ކޯށްފައި އޮތީ 2003 ވަނަ އަހަރު ބްރެޒިލްގައި ނެގި 1.9 ކިލޯގެ ހިލައެކެވެ. އެ ހިލައިގެ ދިގުމިނުގައި ހުރީ 17.9 ސެންޓީމީޓަރެވެ.
ޕޭޝަންޓް މިހާރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެހެނިހެން ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންދާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް