ޗައިނާ، އަކްސޫ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ
ޗައިނާ، އަކްސޫ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ
ދުނިޔެ 24 Sep 2026 | 03:53

ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ސަހަރާގެ ވޭން؛ ކެކެޔާގެ ކުރީގެ ޙާލަތު

ޓެކްލަމަކާން ސަހަރާގެ އުތުރު އައްސޭރީގައި އޮންނަ ކެކެޔާއަކީ ކުރީގައި ނުރައްކާތެރި ވެލީގެ ތޫފާންތަކުން މަޝްހޫރުވެފައި އޮތް ސަރަޙައްދެކެވެ. ޓެކްލަމަކާން ސަހަރާއަކީ 337,000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއް ހިމެނޭ ޗައިނާގެ އެންމެ ބޮޑު ސަހަރާއެވެ. އުއިޣޫރު ބަހުން "ކެކެޔާ" ގެ މާނައަކީ ފެހި ވާދީތައް ނުވަތަ ފެހި އައްސޭރިއެވެ.

މަޝްރޫޢު ފެށުމުގެ ކުރިން ކެކެޔާގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 ދުވަހު ވެލީގެ ތޫފާން އާދެއެވެ. ބަހާރު މޫސުމާއި ފިނި މޫސުމުގައި ގަދަ ވައި ޖެހި ސިޓީތައް ވެލީން ބެދެއެވެ. ދުވާލުގެ ވަގުތުގައިވެސް ރައްޔިތުން ބައްތި ދިއްލައިގެން ތިބެން ޖެހެއެވެ. އެކްސޫގެ ޖުމްލަ ސަރަޙައްދަކީ 131,700 އަކަ ކިލޯމީޓަރެވެ. އޭގެ ތެރެއިން ތިންބައިކުޅަ ދެ ބަޔަކީ ސަހަރާއެވެ. ސަހަރާ އޮތީ ސިޓީއާ އެންމެ ހަ ކިލޯމީޓަރު ދުރުގައެވެ. ކޮންމެ އަހަރަކުވެސް ސަހަރާ ސިޓީއާ ދިމާއަށް ފެތުރެމުން ދިޔައެވެ.

އަކްސޫ ސަރަހައްދު ކުރިން ހުރި ގޮތާއި މިހާރު؛ ފޮޓޯ / ސާކަލް އޮފް ދަ އާރްތް

ސަހަރާގެ ވޭން ނިމުމަކަށް އައުން

1985 ވަނަ އަހަރު އެކްސޫގެ ޖަންގަލި ފެން ވަސީލަތް ދަތުރުފަތުރު އަދި އެ ނޫން ދާއިރާތަކުގެ ވެރީން މަޝްވަރާކޮށް ދިރިއުޅުމަށްޓަކައި ގަސް އިންދުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައެޅިއެވެ. 1986 ވަނަ އަހަރު 250 އަށް ވުރެ ގިނަ މީހުންގެ ޓީމަކުން ކެކެޔާގައި 16.8 ކިލޯމީޓަރުގެ ފެން ދައުރުކުރާ ކެނެއް ހަތަރު މަސް ދުވަހުގެ ތެރޭގައި ބިނާކުރިއެވެ. ފެން ލިބުމުގެ ދަތިކަމާއި ބިމުގެ ލޮނުގެ ނިސްބަތް މަތިވުމާއި ބޮޑެތި މެޝިނަރީ ނެތުމުގެ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި އެންމެ ފުރަތަމަ ބެޗުގައި ބައިވެރިވި މީހުން މަސައްކަތް ފެށިއެވެ. ކެކެޔާގެ ބިމުގައި ލޮނުގެ ނިސްބަތް އެންމެ މައްޗަށް ދިޔައީ 9.87 އިންސައްތައަށެވެ.

ފުރަތަމަ ގަސް؛ ރޭންޖަރުންގެ ހިތްވަރު

1987 ވަނަ އަހަރު ފުރަތަމަ ބެޗުގެ 32 ފޮރެސްޓް ރޭންޖަރުން ކެކެޔާއަށް ވަނެވެ. ބިން އޮތީ ހިލަހެން ހަރުކޮށެވެ. އެހެންކަމުން, ފުރަތަމަ ކެނޑޫސް (ޕިކް އެކްސް) އިން ފެންމަތި ތެޅިއެވެ. ދެން ބޮޑެތި ވަޅު ކޮނެ ފަށަލަ ފަށަލައަށް ގަސް ކާނާ އާއި ވެލި އެޅީ ގަސްތައް ދިރިހެދޭނެ މާއްދާ ލިބޭނެ ގޮތް ހެދުމަށެވެ.

ދެ އަހަރު ފަހުން ގަސްތައް އިންސާނެއްގެ އަތް ވަރަށް ބޮޑުވެ ދިރިހެދެން ފެށިއެވެ. 1987 އިން 1989 ވަނަ އަހަރާ ދެމެދު ގަސްތައް ދިރިހެދޭ ނިސްބަތް 87.5 އިންސައްތައަށް އެރިއެވެ. 1988 ވަނަ އަހަރު ގަސް އިންދި މީހުންނަށް އެ މީހުން އިންދި ކުނާރު ގަހުގެ ކުޑަ މޭވާކޮޅެއް ލިބުނެވެ. އެ ކުނާރު ކުޑަވެފައި ފޮނި ނޫން ނަމަވެސް ގިނަ ބަޔަކު އުފަލުން ރޮއުނެވެ.

އަކްސޫ، ޗައިނާ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ

"ގްރޭޓް ގްރީން ވޯލް އޮފް ޗައިނާ" - 32 އަހަރުގެ ނަތީޖާ

32 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސިފައިންނާއި ދަރިވަރުންނާއި ޓީޗަރުންނާއި ސިވިލް ސާވެންޓުންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ހަތަރު މިލިއަން މީހުން އެ ސަރަހައްދުގައި ގަސް އިންދިއެވެ. އެގޮތުން، އެ މަޝްރޫއުގެ ދަށުން ޓެކްލަމަކާން ސަހަރާގެ އުތުރު އިމުގައި އުތުރުން ދެކުނަށް 25 ކިލޯމީޓަރު ދިގު އިރުމަތިން ހުޅަނގަށް ދެ ކިލޯމީޓަރު ފުޅާ "ފެހި ބޮޑު ފާރެއް" ޗައިނާއިން ބިނާކޮށްފައިވެއެވެ. އެ ފާރަށް ކިޔާ ނަމަކީ "ގްރޭޓް ގްރީން ވޯލް އޮފް ޗައިނާ" އެވެ.

1996 ވަނަ އަހަރު މަޝްރޫޢަށް 10 އަހަރު ފުރުނު އިރު ޓެކްލަމަކާން ސަހަރާގެ އުތުރު ބިތް ސެޓެލައިޓް ރިމޯޓް ސެންސިން ޗާޓުން ފެހިކޮށް ފެންނަން ފެށިއެވެ. 2008 ވަނަ އަހަރު އެކްސޫ ސިޓީ ޤައުމީ ފެންވަރުގެ ފޮރެސްޓް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެއީ ޗައިނާގެ ހުޅަނގު އުތުރުގެ ސަރަޙައްދުގައި އެ ދަރަޖަ ލިބުނު ފުރަތަމަ ސިޓީއެވެ.

ތިމާވެށީގެ ބޮޑު ބަދަލު

އެކްސޫ ފޮރެސްޓްރީ ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު މަޝްރޫޢު މައިގަނޑު ގޮތެއްގައި ނިމުނު އިރު 13.37 މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވެއެވެ. 32 އަހަރުގެ ތެރޭގައި އެކްސޫގެ ޖަންގަލީގެ ނިސްބަތް 3.35 އިންސައްތައިން 8.9 އިންސައްތައަށް އުފުލުނެވެ. ސިޓީގެ ފެހި ސަރަޙައްދުގެ ނިސްބަތް 35.46 އިންސައްތައަށް އެރިއެވެ. ކެކެޔާ ސަރަޙައްދަށް ބަލާ ނަމަ ޖަންގަލީގެ ނިސްބަތް 1986 ގައި އަށް އިންސައްތައިން 2020 ގައި 73 އިންސައްތައަށް އެރިއެވެ.

ކެކެޔާ މެމޯރިއަލް ސެންޓަރުގެ ވެރީން ބުނީ ވެލީގެ ތޫފާން ކުރިން އަހަރަކު ތިން މަހަށް ދެމިގެންދިޔަ ނަމަވެސް މިހާރު 20 ދުވަހަށް މަދުކޮށްފައިވާ ކަމަށެވެ. ސަރަޙައްދީ މީޓިއޮރޮލޮޖީ ސްޓޭޝަނުގެ ތަޙުލީލުތައް ދައްކާ ގޮތުން ވެލީގެ ތޫފާން ދުވަސް އެވެރެޖްކޮށް 6.5 ދުވަހަށް މަދުވެ ފިނި މޫސުމުގެ ހޫނުމިން ދެ ދަރަޖައާ ތިން ދަރަޖައާ ދެމެދު މައްޗަށް ގޮސް ވާރޭ ވެހުން 6.1 މިލިލީޓަރާ 18 މިލިލީޓަރާ ދެމެދު އިތުރުވެފައިވެއެވެ. ގްލޯބަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 1980 ގެ އަހަރުތަކުގައި އަހަރަކު 60 މިލިލީޓަރުގެ ވާރެ ވެހުނު ނަމަވެސް މިހާރު ގާތްގަނޑަކަށް 120 މިލިލީޓަރަށް އެ ޢަދަދު ވަނީ އަރާފައެވެ. ވައިގެ ތެތްކަން 17.5 އިންސައްތައަށް އިތުރުވެފައިވެއެވެ.

އަކްސޫގައި ދަނޑުވެރިކަން؛ ފޮޓޯ / ލިންކްއެޑްއިން

ހަމައެކަނި ޖަންގައްޔެއް ނޫން؛ އިޤުތިޞާދީ ފައިދާ

ކެކެޔާ ގްރީނިން މަޝްރޫޢަކީ ހަމައެކަނި ގަހުން ހެދިފައިވާ ފާރެއް ނޫނެވެ. އިންދި 102,000 ހެކްޓަރުގެ ގަސްތަކުގެ ތެރެއިން 80 އިންސައްތައަކީ ދަނޑުވެރިކަމަށް ބޭނުންކުރެވޭ ގަސްތަކެވެ. ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ފެށުނީއްސުރެ އެނގުނީ ހަމައެކަނި ހިޔާ ޖަންގަލި އިންދައިފި ނަމަ ބެލެހެއްޓުމުގެ ބޮޑު ޚަރަދު ދެމެހެއްޓެނިވި ނޫން ކަމެވެ. އެހެންކަމުން ޖަންގަލީގެ ތެރޭގައި އާފަލު އަކުރޮޓު ކުނާރު ފަދަ ފައިދާ ލިބޭ ގަސް ހައްދައި ސަރުކާރުން ގަސް އިންދުމަށް ފަހު ދަނޑުވެރީންނާ ބިން ހަވާލުކޮށް ލިބޭ އާމްދަނީ ދަނޑުވެރީންނަށް ދިނެވެ.

މިއަދު ކެކެޔާ މަޝްރޫޢުގެ 86 އިންސައްތައަށް ވުރެ ގިނަ ގަސްތަކުން އިޤުތިޞާދީ ފައިދާ ލިބެއެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް އެކްސޫ ޕްރިފެކްޗާގައި މޭވާ ހައްދާ ބިމުގެ ޖުމްލަ ސަރަޙައްދު 300,000 ހެކްޓަރަށް އެރީ ކަމަށް ޝިންހުވާ ނިއުސް ރިޕޯޓުކޮށްފައިވެއެވެ. ދަނޑުވެރީންނަށް މޭވާ ހެއްދުމުން ބޮލަކަށް އެވެރެޖްކޮށް 5,500 ޔުއާން (ގާތްގަނޑަކަށް 767 ޑޮލަރު) ލިބެއެވެ. އެއީ އެ މީހުންގެ އަހަރީ ޖުމްލަ އާމްދަނީގެ 26.25 އިންސައްތައެވެ.

ކެކެޔާ ގްރީނިން މަޝްރޫޢު ފެށި ވެންސޫ ކައުންޓީ މިއަދު ޗައިނާގެ މަޝްހޫރު މޭވާ އުފެއްދުމުގެ މަރުކަޒަކަށް ވެ މޭވާގެ ޖުމްލަ އުފެއްދުން 30 އަހަރު ކުރީގެ ޢަދަދަށް ވުރެ 20 ގުނައަށް އިތުރުވެފައިވެއެވެ.

އަކްސޫ ޗައިނާ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ

ފަތުރުވެރިކަމާއި ވަޒީފާ

ކެކެޔާގައި 130 އަށް ވުރެ ގިނަ ދަނޑުވެރި ފަތުރުވެރިކަމުގެ ތަންތަން ހިންގައެވެ. އެ ތަންތަނަށް 1.5 މިލިއަނަށް ވުރެ ގިނަ ޒިޔާރަތްކުރުންތައް ލިބި 758 މިލިއަން ޔުއާންގެ ފަތުރުވެރިކަމުގެ އާމްދަނީ ލިބިފައިވެއެވެ. އެ ތަންތަނުން އެތައް ހާސް ގޭބީސީތަކަށް ވަޒީފާ ފޯރުކޮށްދީފައިވެއެވެ.

ކެކެޔާ ނިމުނަސް މަސައްކަތް ނުނިމޭ؛ ތިން މިލިއަން މޫ

2015 ވަނަ އަހަރު ކެކެޔާ މަޝްރޫޢަށް ފަހު އެކްސޫ ކޯރުގެ ވާދީ ވީގާން ކޯރުގެ ވާދީ އަދި ކޮންގްޓައިލިކް ސަރަޙައްދުގައި "ތިން މިލިއަން މޫ" ގެ ތިމާވެށީގެ އިޢާދަކުރުމުގެ ބޮޑެތި މަޝްރޫޢުތައް ފެށިފައިވެއެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ޓެކްލަމަކާން ސަހަރާގެ ދެކުނު ބިތުގައި ފަހު ގަސްތައް އިންދައި 3,046 ކިލޯމީޓަރުގެ ފެހި ބެލްޓު ޗައިނާއިން ވަނީ ފުރިހަމަކޮށްފައެވެ.

ދުނިޔެއަށް ނަމޫނާއެއް

ކެކެޔާ މަޝްރޫޢަކީ ޗައިނާގެ ތިމާވެށީގެ އިޢާދަކުރުމުގެ ނަމޫނާ މޮޑެލެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބެލެވެއެވެ. 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުނުކެނޑި މަސައްކަތުން ކެކެޔާ ސަރަޙައްދު ވެލީގެ ތޫފާން ޖެހޭ ތަނެއްގެ ގޮތުގައި އޮވެފައި ފެހި ވެށްޓަކަށް ބަދަލުވެފައިވެއެވެ. ހަތަރު ޖީލުގެ ރައްޔިތުންގެ ހިތްވަރާއި ޢަޒުމުން ބިނާކުރި މި ފެހި ފާރު ހަނަފަސްކަމާ ދެކޮޅަށް ދުނިޔެ ކުރާ މަސައްކަތުގައި ޗައިނާގެ ދައުރު ދައްކުވައިދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު
01 Oct 2026 ހަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ދެމިއޮތް ވަރުގަދަ ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށް ރައީސުލްޖު...

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟
29 Sep 2026 ދުނިޔެ

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟

ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ޗައިނާއިން އެމެރިކާގެ އެޓްލާންޓާ ސިޓީއަށް ދެ ޖަޔަންޓް ޕެންޑާ ހަދިޔާކޮށްފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ މި ...

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
24 Sep 2026 ކުޅިވަރު

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި

ޗައިނާގައި މިއަދު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ދިވެހިރާއްޖޭގެ ގައުމީ ޓީމާ ވާދަކޮށް ޗައިނާގެ ގައުމީ ޓީމުން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ޗައިނާ...

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
24 Sep 2026 ހަބަރު

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް

ދިވެހިރާއްޖެއާ ޗައިނާގެ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ އެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކ...

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި
24 Sep 2026 ދުނިޔެ

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި

ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން އެ ޤައުމާއި އެމެރިކާގެ އިސް ވިޔަފާރި މަންދޫބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތަކެއް ބާއްވާފައިވާކަން މިއަދު ކަ...