ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ރޯޑު އެސްއެސްއޭ އާއި ކައުންސިލް ޓީމަށް ފަސޭހަ މޮޅެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ރޯޑު އެސްއެސްއޭ އަދި މަހިބަދޫ ކައުންސިލް ޓީމުން ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ 21 ވަނަ މެޗުގައި މަހިބަދޫ ކައުންސިލްގެ ޓީމު ނުކުތީ ހޮސްޕިޓަލް ބީ ޓީމާ ދެކޮޅަށެވެ.
މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ މަހިބަދޫ ކައުންސިލް ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު މަހިބަދޫ ކައުންސިލުން ގެންދިޔައީ 25-14 އިންނެވެ. އަދި ދެވަނަ ސެޓު 25-19 އިން ކާމިޔާބުކޮށް މެޗު ކަށަވަރުކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަހިބަދޫ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 9، އިބްރާހީމް ރީހާން އެވެ.

މުބާރާތުގެ 22 ވަނަ މެޗުގައި ރޯޑު އެސްއެސްއޭ އާއި ސްޓެލްކޯ (ޑީ-16) ބައްދަލުކުރި މެޗު ވެސް ނިމުނީ ސީދާ ދެ ސެޓުން ރޯޑު އެސްއެސްއޭ ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-14 އިން ރޯޑު އެސްއެސްއޭ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-12 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޮޅު ކުޅުމެއް ދެއްކި ރޯޑު އެސްއެސްއޭ ޓީމުގެ ޖާޒީ ނަންބަރު 14، އިސްމާއީލް އަފްޝަން އެވެ.

މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ ތިންވަނަ މުބާރާތެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ފޯރިއާއެކު ކުރިއަށްގެންދާއިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެއެވެ. މި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް