Advertisement

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 24 ގަޑިއިރު ޑޮކްޓަރުންނާއި ނަރުހުން ތިބޭނެ: ޑރ.ނަޒްލާ

03 Aug 2020 | 08:23

ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޚާއްސަ މެޑިކަލް ފެސިލިޓީގައި އެނދުމަތިކުރެވިފައިވާ ބަލި މީހުންނަށް އަޅާލުމަށް އެތަނުގައި 24 ގަޑިއިރު ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުންދާނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިހެން ވިދާޅުވީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އަޅާ ނުލާކަމުގެ ޝަކުވާތަކެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. އަދި މިފަދަ ޝަކުވާތަކެއް ވޮއިސްއަށްވެސް ވަނީ ލިބިފައެވެ. އެގޮތުން އެފަރާތްތަކަށް ކާތަކެތި ހަވާލުކުރުމުން ކާންދޭ ވަގުތު ލަސްވުމާއި، އެފަރާތްތައް އެންމެ ފުރިހަމައަށް އެޓެންޑްނުވާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި އެތަނުގައި ތިބި ބަލި މީހުންގެ ހާލަތު އާއިލާތަކަށް އެނގުން ލަސްވާކަމަށްވެސް ބައެއް ބަލިމީހުންގެ އާއިލާ މެންބަރުން ވަނީ ވޮއިސްއަށް ކިޔައިދީފައެވެ.

މިކަންކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފެސިލިޓީގައި އެއްވެސް މައްސަލައެއް އުޅޭކަމަށް މިހާތަނަށް މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށާއި، އެހެން ފެސިލިޓީތަކަށްވުރެ ބޮޑަށް އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ ފަދަ ބަލިމީހުން އެތަނުގައި ތިބުމުން ފަންނީ ފަރާތްތަކުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި އައިސީޔޫއާއި ވޯޑްގައި ތިއްބަވާ ފަރާތްތަކަށްވެސް ދޭންޖެހޭ އަޅާލުން ދެމުންގެންދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މި ފެސިލިޓީގައި އާންމުކޮށް ތިބޭނީ އުމުރުން ދުވަސްވީ ފަރާތްތައް އަދި އާންމުކޮށް ހޮސްޕިޓަލްގަ އެޑްމިޓް ކުރީމަ ވާގޮތަށް ކައިރީގައި އެހެން ބޭފުޅަކަށެއް، އާއިލާގެ ބޭފުޅުންނަށް ނުތިއްބެވޭނެ. އެހެންވީމަ ފަހަރެއްގަ އެބޭފުޅުންގެ އެކްސްޕެކްޓޭޝަންސް އާއި އެއްވަރަށް ބައެއް ފަހަރަށް ކަންކަން ދިމާނުވެދާނެ"، ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް 24 ގަޑިއިރު އެތަނުގައި ނަރުހުންނާއި ޑޮކްޓަރުން ތިއްބަވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުންވެސް ކޮންމެ ދުވަހަކު ބަލިމީހުންގެ ހާލަތު ބަލާނެކަމަށް ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް