ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެސިޓީގެ ގެތަކަށް ޒިޔާރަތްކުރުން މަނާކޮށްފި

05 Aug 2020 | 12:34

މި ދުވަސްވަރު މާލޭ ސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ބަލި ފެތުރެމުން ދިއުމާއި ގުޅިގެން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލޭސިޓީގެ ގެތަކަށް ޒިޔާރަތްކުރުން މަނާކޮށްފިއެވެ.

އެކަން މަނާކޮށްފައިވަނީ މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބިދީފައިވާ ބާރުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރެއްގައެވެ.

ރޭ އެކަމަނާ ނެރުއްވި އަމުރެއްގައިވާ ގޮތުގައި ވަކިގޮތެއް އަންގަންދެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެން ކަންކަމުގައި ގެތަކަށް ޒިޔާރަތްކުރުމަކީ މަނާކަމެކެވެ. އަދި ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމައަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމަތީގައި މީހުންނާއި ދުއްވާ އެއްޗެހި އުޅުމަކީ މަނާކަމެކެވެ. މިވަގުތުގެ ތެރޭގައި ވިޔަފާރިތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތްތައްވެސް ފޯރުކޮށްނުދެވޭނެއެވެ.

ރޭގަނޑު ދިހައެއް ޖަހާއިރުން ފެށިގެން ކާފިއުއެއް ހިންގުމަށް ނިންމާފައިވާއިރު، މިކަމަށް ބާރުދިނުމުގެ ގޮތުން ހުރިހާ ވިޔަފާރިތަކެއް ރޭގަނޑު 9:30 ގައި ބަންދުކުރަން ޖެހޭނެ ކަމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުންނަށް އެއް ތަނަކަށް އެއް ނުވެވޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ޓީމް ކުޅިވަރުތައް ކުޅުންވެސް ވަގުތީގޮތުން ވަނީ މަނާ ކުރެވިފައެވެ.

އެޗްޕީއޭއިން ބުނާގޮތުގައި މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވުމުން އެކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ. ފުލުހުން ވަނީ ކާފިއުގެ އަމުރަށް ތަބާނުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް