16 Aug 2020 | 20:37
ރައީސް އަބްދުﷲ ޔާމީންގެ ގެދޮރާއި މުދާ ދައުލަތަށް ނަގާނެތަ؟

މީގެކުރިން ރާއްޖޭގެ ސިޔާސީ ޝަރީއަތްތަކުގައި އަޅުގަނޑުމެންގެ ހަނދާނުގައި ރައީސެއްގެ ގެދޮރާއި އެންމެހައި މިލްކިއްޔާތު ދައުލަތަށް ނެގީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އިބްރާހިމް ނާސިރުގެ ގެދޮރާއި މުދަލާއި އެންމެހައި މިލްކިއްޔާތްތަކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެކަން ކުރީ އެމަނިކުފާނުގެ ވެރިކަން ބަޣާވާތްކޮށް ވަށްޓާލުމަށް ކެރަފާ އަހުމަދު ނަސީމުމެން ހިންގި ހަރަކާތްތަކުގެ އަޑީގައި ހުންނެވީ ނާސިރުކަމަށް ފެނިގެން، އެކަމުގެ ނަފްރަތުގައި ނާސިރުގެ ވެރިކަމުގައި ދައުލަތުން ވަށްކަންކޮށްފައިވާކަމަށް ޝަރީއަތް ހިންގައިގެންނެވެ.

ރައީސް މައުމޫންގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މީހުންގެ މުދާ ދައުލަތަށް ނަގައެވެ. މުހައްމަދު އަމީންގެ ވެރިކަން ވަށްޓާލުމަށްފަހު އޭނާގެ ގެދޮރާއި މުދާނަގަން ނިންމިއެވެ. ރައީސް މުހައްމަދު ނަޝީދު މިހާރު ފޮތެއް ލިއުއްވައިގެން އުޅުއްވާ ދެރަދުންގެ ވެރިކަމުގެ ޒަމާނުގައިވެސް އަތިރީގެއަށް ބާރުލިބުމުން ކަކާގޭ މީހުންގެ މުދާ އަދި ކަކާގެއަށް ވެރިކަން ލިބުމުން އަތިރީގޭ މީހުންގެ މުދާ ނެގުމަކީ އާއްމުކޮށް ހިގަމުންއައިސްފައިވާ ސިޔާސީ ޖަރީމާތަކެކެވެ. މުދާނެގުން އެކަންޏެއްނޫނެވެ. ބާރުގެއްލިގެންދާ މީހާގެ މުޅިއިންދިރާސް ނައްތާލައެވެ. މާލެއާއި ވައިވެސް ނޭޅޭހާ ދުރަށް ހިލިހިލާޖަހައި އަރުވާލައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ނާސިރުގެ މުދާތައް ދައުލަތަށް ނެގިތާ އެތަކެއް އަހަރުފަހުން، މިއަދު އަޅުގަނޑުމެންނަށް އެގުނީ ރައީސް މައުމޫންގެ ވެރިކަން ވަށްޓާލުމަށް ނާސިރު މަސައްކަތްޕުޅު ކުރައްވާފައި ނުވާކަމެވެ. އޭނާ ނުކުރައްވާ ކުށްތަކަކަށް ފަހުން ރައީސް މައުމޫން މައާފްދެއްވިނަމަވެސް ރާއްޖެއައިސް ވަންނާނެ ތަނެއް ނެތުމުން އޭނާ އަވަހާރަވަންދެން ދިރިއުޅުއްވީ ސިންގަޕޫރުގައެވެ.

މިއަދު އަނެއްކާވެސް އަޅުގަނޑުމެން އުދަރެހުން މިދައްކައިލަނީ ވެރިކަންކުރި މީހެއްގެ މިލްކިއްޔާތު ނަގަން ސިޔާސީ ވާދެވރިން އަޑީގައި ތިބެގެން ދައުލަތުން އުޅޭ ތަނެވެ. ދެރަދުންގެ ޒަމާނުގައިވެސް ހަމަ ފެނިފައިވާ އަދި ރައީސް މައުމޫންގެ ވެރިކަމުގައިވެސް ފެނުނު ސަބަބުތައް ދައްކާތަން ފެނެއެވެ. ހިތާމައަކީ މިކަމުން އުފެދިގެންދާ ބަދަލުހިފުމުގެ ރޫހް ޒަމާންތަކަކަށް ދެމިގެންދާނެތީއެވެ.

މީގެކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް ރައީސް މައުމޫންގެ ގެ ސަރުކާރަށް ނަގަންވެގެން އެމްޑީޕީގެ ނުފޫޒުގަދަ މާލޭ ސިޓީކައުންސިލްގެ މެމްބަރުން މަގުމަތީގައި ކުނާފަތުރައިގެން ތިބެ ހުކުމް އިއްވައި ހެދިއެވެ. އަނެއްކާ އެމްޑީޕީގެ ދެވަނަ ވެރިކަމުގައިވެސް މިތެޅިފޮޅެނީ އެޕާޓީގެވެރިން އެންމެ ޖެހިލުންވާ ސިޔާސީ މީހާގެ މުދާތައް ހިފުމަށެވެ. މިފަހަރު ކުރިއަށްވުރެ މާ ގަދަބާރާއެކުއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީލޯންޑަރިންގެދައުވާ އުފުލައި އެދައުވާ ސާބިތުކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ޔާމީންގެ އެކައުންޓްތަކުގައިހުރިކަމަށް ދައުލަތަށް އެގެންހުރި ހުރިހާފައިސާއެއް ކޯޓްމެދުވެރިކޮށް ނަގަން އަންގައި ކްރިމިނަލް ކޯޓްގެ ގާޒީ އަލީ ރަޝީދު ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން އެދުނުގޮތަށް ހުކުމްކޮށްދެއްވާފައެވެ. ހުކުމްގައި ބުނި ހަމަސްދުވަހުގެތެރޭގައި އެފައިސާ ނުދައްކައިގެން ދައުލަތުގެ އެޓާރނީޖެނެރަލް އަނެއްކާ ސިވިލްކޯޓްގައި އެފައިސާ ނަގައިދޭންވަނީ އެދިފައެވެ. ދައުލަތުން ޔާމީންގެ މުދާތައް ނަގަން އުޅޭއިރު ކްރިމިނަލްކޯޓްގެ ހުކުމްގް އިސްތިއުނާފް ނުވެސް ނިމެއެވެ. އިސްތިއުނާފް ނުނިމެނީސް އަދި ޖިނާއީކޯޓުން މައްސަލަވެސް ނުނިމެނީސް މީރާމެދުވެރިކޮށް ޔާމީންގެ ގެދޮރުނެގުމަށް ނަގަން އެޓާރނީޖެނެރަލް ރިފްއަތު އެގެންދަވަނީ މަސައްކަތްކުރައްވަމުނެވެ. މީރާއިން އެކަންކުރާއިރު އެމުދަލާއިމެދު އަމަލުކުރާނެގޮތް ކަނޑައަޅައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް މިހާރު ހުންނެވި އެމްއެމްއޭއިން އެއޮތީ ވަގުތުން ގަވާއިދެއްހައްދަވައިދެއްވާފައެވެ.

މިއީ އެމްއެމްޕީއާރްސީއާއި ގުޅޭ މަނީލޯންޑަރިންގެ މައްސަލައެއްކަމަށް ދައުލަތުން މީހުންނަށް ދެއްކިޔަސް ފަހަތުގައިވަނީ މުޅިން އެހެން މަންޒަރެކެވެ. ދުވަހަކުވެސް ރައީސް އަބްދުﷲ ޔާމީނަށް އެބުރި ސިޔާސީ މައިދާނަށް ނުނުކުމެވޭގޮތް ހެދުމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެވޭނެފަދަ ގޮތެއް ދިމާވެއްޖެނަމަ ކުރިމަތިވާނެ ބިރުވެރި ދުވަސްތައް ރައީސް މުހައްމަދު ނަޝީދަށް ރަގަޅަށް ވިސްނިވަޑައިގަންނަވައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވެސް ވިސްނިވަޑައިގަންނަވައެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ގައިން ކަސްދޮޅު ނައްޓުވާލެވޭނެ އެއްވެސް މަގެއް ކުރިއަށް މިއޮތް ދުވަސްތަކުގައި ތަނަވަސްވުމަކީ ދުރުކަމެކެވެ. އޭނާގެ މައްޗަށް އަދިވެސް ހުކުމްތައް ކުރާނެއެވެ.

ފަނޑިޔާރުގޭގެ ފިޔަތައްކޮށާލުން

ކޯޓްތަކުން ދައުލަތުން އެދޭގޮތަށް ހުކުމްކޮށްދޭނެއެވެ. އިސްތިއުނާފްގައި އޮތް މައްސަލަ ހައިކޯޓުން އެހެންގޮތަކަށް ހުކުމް ބަދަލުވާނެކަމަށް ހީވާނަމަ މިއަދު ހައިކޯޓް އެއޮތްގޮތަށް ނޯތީހެވެ. ކަފާލަތުގެ ދަށުން ޔާމީން ދޫކުރުމަށް ހައިކޯޓުން ދެއްކި ހުއްޖައްތަކުން ވިސްނާ މީހަކަށް ކަންކަން ދޭހަވާން ފުދެއެވެ. ކިރިޔާވެސް އެމްޑީޕީގެ ތިލަފަތުން ނިންމާފައިވާ ނިންމުމާއި ފުށުއަރާ ޝަރީއަތެއް ހިންގާފާނެ ފަޑިޔާރެއް ހުރިނަމަ އެމީހެއްގެ ބޮލުގައި އޮންނާނީ ކޮންމެވެސް އިލްޒާމެއް އެޅިފައެވެ. ދެން މުހައްމަދު ނަޝީދާއި ހިސާން ހުސައިންގެ ކޮންޓްރޯލްކުރާ ކުޑިޝަލް ސާވިސްކޮމިޝަނުން އެމީހަކު ވަކިކުރަން ފެންނަގޮތެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އަނެއްކާ ނަޝީދު މަޖިލީހަށް ވަޑައިގެން އެތަނުގައި އާރާއި ބާރުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވައިގެން އެފަޑިޔާރަކު ވަކިކުރައްވާތަން މިހާރުވެސް ދަނީ ފެންނަމުންނެވެ. ނަޝީދު ބޭނުންފުޅުވާގޮތަށް ފަނޑިޔާރުގެ ކުދިކުދިކޮށް ވީދަމުންދާތަން ފެނެއެވެ. ދިވެހިންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދެއްވީ އެގޮތުންގެ މަތިންނެވެ. ފަނޑިޔާރުގެއަށް ފާޑުކިއުމަކީ އެންމެ ބޮޑެތި މަސްލަހަތުތައް ގެއްލިގެންދާފަދަ ކަމަކަށް ވިޔަސް ސިޔާސީ މީހުން ފަނޑިޔާރުގެއާއި ކުޅެމުންދާހާ ދުވަހަކު އެއީ އިންސާފުވެރި ހުކުމްކުރާތަނެއްކމަށް ހީކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެކެވެ. އެހެންވީމާ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ހައިކޯޓުން ނިމިގެންދާނެގޮތް މިހާރު ވަޒަންކޮށްލެއްވިދާނެއެވެ.

ދެވަނަ އަލީހަމީދެއް އުފަންކުރުން

ދެން އޮތީ ސުޕްރީމްކޯޓްގެ މަރްހަލާއެވެ. އެކޯޓަށް ލައްވާފައި ތިއްބެވި ބައެއް ފަނޑިޔާރުންނަކީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި އާއްމުންގެ ތެރެއަށް ނުކުމެ ސިޔާސީ ހަރަކާތްތައް ހިންގެވި ބޭފުޅުންނެވެ. އެކިބޭފުޅުން އެކިވަރަށެވެ. މިމަރްހަލާއަށް ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަންނާނެކަން އެގިގެން ޔާމީންގެ މައްޗަށް ހުކުމްކުރެއްވި ފަނޑިޔާރު އަލީ ރަޝީދު މިވަނީ އަނެއްކާ ސުޕްރީމްކޯޓަށް އިސްކުރަން ރައީސް ހުށަހަޅުއްވާފައެވެ. ރޯމާދުވާލު މިކުރަނީ ކީއްކަން އެންމެންނަށްވެސް އެގެއެވެ. މިއީ ސުޕްރީމްކޯޓަށް ކުރިން މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަލީހަމީދު އިސްކުރިގޮތެވެ. އަލީހަމީދަކީ ކޮންކަހަލަ ފަނޑިޔާރެއްކަން ނަޝީދަށް ރަނގަޅަށް އެގިވަޑައިގަންނަވައެވެ. އެހެންވެ ފަނޑިޔާރު އަލީހަމީދު ސުޕްރީމް ކޯޓަށް ލައްވަން ހުށަހެޅުއްވީ ސީދާ ނަޝީދެވެ. އެކަންވީވެސް އެގޮތަށެވެ. ހުކުމްތައް އަންނަނީވެސް އެގޮތަށެވެ. ހަމައެފަދައިން ދެވަނަ އަލީއެއް އަނެއްކާ ސުޕްރީމް ކޯޓަށް މިލައްވަނީވެސް ހަމަ އެއްކުޅިއެއް ތަކުރާރު ކުރެއްވުމަށެވެ. ހުރިހާ މަލާމާތަކާއި ފުރައްސާރައެއް ކުރެވެނީ ކޯޓްތަކަށެވެ. އެކޯޓްތަކަށް ސިޔާސީ މީހުން ހަތަރެސްފައި ވައްދާފައި އޮންނަ ވަރު އާއްމު މީހަށް މުޅިން ފަހުމް ނުވެދާނެއެވެ. އަލީ ރަޝީދު ސުޕްރީމް ކޯޓަށް ލުމުގެ ހަމައެކަނި ބޭނުމަކީ އަބްދުﷲ ޔާމީންގެ މުދާ ދައުލަތަށް ނަންގުވައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތަ ނުދީ ޔާމީން ޖަލުގައި ބޭންދެވުމެވެ.

ކޮންމެއަކަސް މިއީ ރައީސް މުހައްމަދު ނަޝީދު އެލިއުއްވާ ދެރަދުންގެ ވެރިކަމުން ފިލާވަޅުލިބިގެން ސިޔާސީކުޅިކަމަށް ދެކެވަޑައިގެން ދިވެހި ރާއްޖޭގައި އަލުން ތައާރަފްކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި ސިޔާސީ ޖަރީމާތަކެކެވެ. މިއަދުގެ ވެރިންގެ ވެރިކަން އަބަދަށް ދެމިއޮންނާނެކަމަށް ދެކެނީހެއްޔެވެ. ޅެންވެރިޔާ ވިދާޅުވެފައިވާ ފަދައިން ތަދްބީރު ކުރާ ޕްލޭނަކާއި އެއްގޮތަށް އެއްކަމެއްވެސް ނުހިގައެވެ. ދެން އަންނަވެރިޔަކުވެސް ނަފްރަތާއެކު ބަދަލު ހިފުމަށް ފައިބައިގެންދާންޖެހުނު ވެރިންގެ މުދާތަކާއި މައިންބަފައިންގެ ގޯތިގެދޮރަށްދަންދެން ނަގަން ދިމާކުރާނެފަދަ ހާލަތެއް މެދުވެރިކޮށްފައި ބެއްވުމަކީ ހިތާމަހުރިކަމެކެވެ. މިސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައްކަމަށް ތުހުމަތުކުރެވޭ މައްސަލަތައްވެސް މިދަނީ ފުނިޖެހެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Jun 2026
މޮރޯކޯއަތުން ބަލިވެ ސޮކްޓްލޭންޑަށް ހާސްކަން
މި ގްރޫޕްގެ މެޗްތައް މިހާހިސާބަށް އާއިރު، އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ބްރެޒިލް އަދި މޮރޯކޯއަށެވެ
20 Jun 2026
އޮސްޓްރޭލިއާ ބަލިކޮށް އެމެރިކާއިން ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
މި މޮޅާއެކު އެމެރިކާ ވެފައިވަނީ މެކްސިކޯއަށްފަހު ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ޓީމަށެވެ
19 Jun 2026
އައު މަސްމާރުކޭޓް މަޝްރޫއުއަށް ކައުންސިލުން ހުރަސް އަޅާ، އެކަމަކު މަޝްރޫޢު ކުރިއަށްދާނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
19 Jun 2026
15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ މިހާތަނަށް ހިފެހެއްޓި އެންމެ ބޮޑު ޝިޕްމަންޓް
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
19 Jun 2026
މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭ ގޮތެއްވުމުން އެކަން ވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
19 Jun 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް ފަށައިފި
16 ހަފުތާގެ މުއްދަތަށް މިއަދު ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ.
19 Jun 2026
ކޮންގޯގެ 'ސްޓެޗޫ' ސަޕޯޓަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ނުފެނުނީ ކީއްވެ؟
"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މިޝެލް ކުކާ އެމްބޯލަޑިންގާ އަކީ، މެޗު ކުރިއަށްދާ މުޅި 90 މިނެޓު ވަންދެން އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން ހުއްޓި ހުރެގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސަޕޯޓަރެކެވެ.
19 Jun 2026
ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު
އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.