ހިޔާލު ތަފާތުވުމުން ރޮޒެއިނާ އެމްޑީޕީން ވަކިކުރުމަށް ރައީސް ނަޝީދު ހުށައަޅުއްވައިފި

17 Aug 2020 | 11:52

އެމްޑީޕީގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަކިކުރުމަށް އެޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފިއެވެ.

އިތުބާރުހުރި ގޮތަކަށް ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް ހުށައަޅާކަމަށް ވިދާޅުވެފައެވެ. 

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން އެ މެންބަރަކު ވަކިކުރުމަށް ހުށައެޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރޮޒައިނާ މި ދުވަސްވަރު ޓްވިޓަރގައި ދަނީ ރައީސް ނަޝީދާއި މަޖިލީހުން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ އުނދަގުލަކާއި ނުލައި މެނިފެސްޓޯގައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރުމަށް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ އިތުރަށް ވަނީ ގައުމެއްގައި އެއްފަހަރާ ދެ ރައީސުންނަކަށް ވެރިކަން ނުކުރުވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެކަމަނާ ހުންނެވީ ޕާޓީގެ ލީޑަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement