ވިލިނގިލިން ފެނިގެންދިޔައީ ކޮވިޑަށްވުރެ ނުރައްކާތެރި ބަލިމަޑުކަމެއް: ޑރ.ނަޒްލާ

01 Sep 2020 | 12:31

ގއ.ވިލިނގިލިން މިއަދު ފެނިގެންދިޔައީ ކޮވިޑަށްވުރެ ނުރައްކާތެރި ބަލިމަޑުކަމެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިފަދައިން ވިދާޅުވީ ގދ.ތިނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެނދުމަތިކުރުމަށް އެރަށު ބަޔަކު ދެކޮޅު ހަދައި، އެމީހާ ރަށަށް އެރިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ ބަލިމީހާ ރަށަށް އެރުވުމަށް ދެކޮޅު ހެދުމުން އެމީހާއާއި އޭނާގެ އާއިލާއަށްވެސް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާއަށް ސިއްހީ ފަރުވާ ދިނުން ލަސްވެ، އޭނާއަށް ނަފްސާނީގޮތުންވެސް ގެއްލުން ލިބިފައިވާކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވަނީ މިފަދަ ހާލަތެއްގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ގއ.ވިލިނގިލީގައި ހިނގައިދިޔަ އަމަލަކީ ކޮވިޑަށްވުރެ ނުރައްކާތެރިކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 68 އަހަރުގެ މީހެއްކަން ފާހަގަކޮށްލެވެއެވެ. އެމީހާ ވިލިނގިއްޔަށް އެރުވުމަށް ފުލުހުން ވަނީ ގިނަ އިރުތަކެއް ވާންދެން މަސައްކަތްކޮށްފައެވެ.

ދިވެހިރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސަން"އަށް މައުލޫމާތުދެމުން އެ އިހުތިޖާޖްގެ ބައިވެރިއަކު ބުނީ، އެފަރާތްތަކުން އިހުތިޖާޖް ކުރަމުން ދަނީ ވިލިނގިލީގައި ގާއިމުކުރި ކޮވިޑް-19 ފެސިލިޓީއަކީ ފަރުވާ ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށްބުނެ ކަމަށެވެ. އެގޮތުން އެތަނުގައި ހުންނަނީ އެންމެ ވެންޓިލޭޓަރެއް ކަމަށާއި، ކޮވިޑް ޓެސްޓު ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ބުންޏެވެ.

އަދި ނަރުހުންނާއި ޑޮކްޓަރުންވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށް އެފަރާތުން ބުންޏެވެ.

Advertisement

ކޮމެންޓް