މިނިސްޓަރ މަލީހު ކަނޑުމައްޗަށާއި ދަނޑަށް، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް!

15 Sep 2020 | 12:43

2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕެއިންގެ އެންމެ ބޮޑު އެއް ވައުދަކީ ސުމޭކު ނުވަތަ ޑިޖިޓަލް ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމެވެ. އެކަމަށްޓަކައި ކެމްޕެއިންގެ ތެރެއިން ވީ އެންމެ ބޮޑު ވައުދަކީ އިންޓަރނެޓްގެ އަގުތައް އަތްފޯރާ ފަށަށް ތިރިކުރުމެވެ. އެކިއެކި ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ދިވެހިރާއްޖެއިން ލިބޭ އިންޓަރނެޓްގެ ޚިދުމަތަކީ ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އެންމެ އަގުބޮޑު އިންޓަރނެޓްގެ ޚިދުމަތެވެ.

މި އަގުބޮޑު އިންޓަރނެޓް ޕެކޭޖްތައް ނަގައިގެން ލިބޭ ޚިދުމަތުގެ ވާހަކަ އަބަދުވެސް އަޅުގަނޑުމެން އެންމެން  އަހަމެވެ. ސްޕީޑް ސްލޯވުމާއި، ޖީބީ އަވަހަށް ހުސްވުމަކީ އަބަދުވެސް ކުރާ ޝަކުވާއެކެވެ. އެހެނަސް އެ އުނދަގުލުން ދިވެހިންނަށް އަދިވެސް މިންޖެއް ނުލިބެއެވެ. 

2018ވަނަ އަހަރުގެ އިންތިޚާބަކަށް ފަހު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީއެއް އެކުލަވާލުމަކީ ސުމޭކު ދިވެހިރާއްޖެއަކަށް ކުރާ ދަތުރަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށް ގިނަބަޔަކަށް ގަބޫލުކުރެވުނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި މަގާމަށް އައްޔަންކުރެވުނު މުހައްމަދު މަލީހު ޖަމާލަކީ ޓެކްނޮލޮޖީގެ ދާއިރާގައި މީގެ ކުރިން އެހާބޮޑަށް ހަރަކާތްތެރިވެފައިވާ ފަރާތެއް ނޫންކަމުން، އެބޭފުޅާއަށް މިމަގާމު ދިނުމާއި މެދު ގިނަބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވިއެވެ. އެހެން ނަމަވެސް، ފަހަރެއްގައި މިނިސްޓަރ މަލީހަށް މިކަން ވެދާނޭ ބުނި ފަރާތްތައްވެސް ވަކިމަދެއް ނޫނެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އާ މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައިއޮތީ ދިވެހިރާއްޖޭގައި ލިބޭ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުތައް ތިރިކުރުމެވެ. މިކަމުގެ މަސައްކަތްތައް ފުރަތަމަ ކުރަން ފެށުނު އިރުގައި ދެންމެ ދެންމެއަކު އިންޓަރނެޓްގެ އަގުތައް ތިރިކުރީއޭވެސް ހީވިއެވެ. މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ އިންޓަރނެޓް ސާރވިސް ޕްރޮވައިޑަރުންނާ އެކު މަޝްވަރާކޮށްވެސް ހެދިއެވެ.

އެހެނަސް ވަކި ހިސާބަކުން މި މަސައްކަތް މަޑުޖެހިގެން ދިޔައީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރެއިންކަމެއް، ނުވަތަ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ތެރެއިން ކަމެއް ނޭނގެއެވެ. އިންޓަރނެޓްގެ ޚިދުމަތުގެ އަގުތައް ތިރިވެއްޖެކަމުގެ "އުފާވެރި ޚަބަރު" ވަރަށް އަވަހަށް ލިބޭނެކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީން އަބަދުމެ ބުނެއެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައިވެސް މިކަން ކުރާނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވެއެވެ. އެހެނަސް ހަމަ ގައިމުވެސް އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮކުރާނެކަމަށް މިނިސްޓަރ މަލީހު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަދު ގިނަބަޔަކަށް މިވަނީ ގޭގައި ތިބެން މަޖުބޫރުވެފައެވެ. ގޭގައި ތިބެގެން ކިޔެވުމާ މަސައްކަތްކުރުމާއި އަދި މުނިފޫހިފިލުވުމުގެ ކަންތައްތައް ގިނަބަޔަކު ކުރަމުންދާއިރު، އެކަމުގައި އެންމެ ބޮޑު އެހީތެރިޔާއަކަށް ވާންޖެހޭނީ އިންޓަރނެޓެވެ. އެހެނަސް، ކަންތައްތައް ވަމުންދަނީ އެއާއި ދިމާ އިދިކޮޅަށެވެ.

ސަހަރޯއެވެ! އިންޓަރނެޓްގެ ސްޕީޑް ލަަސްކަމުން އޮންލައިން ކްލާހަކަށް ނުވަތަ ބައްދަލުވުމަކަށް ވަދެވެނީ ލައްކަ ހާލުންނެވެ.  އިންޓަރނެޓްގެ ޕެކޭޖް ކުއްލިއަކަށް ހުސްވެގެންދާގޮތެއް ހަމަ ހިލާ ނޭނގެއެވެ. މާލީގޮތުން ގޮތުން ގިނަބަޔަކު ތަދު ދުވަސްވަރެއްގައި ބޫސްޓަރ ނުވަތަ އެޑް-އޯންސް ނެގުމަކީ ކޮންމެ މީހަކަށް ކުޅަދާނަކަމެއްވެސް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ގިނަބަޔަކު ފުރިހަމަ އިންޓަރނެޓް ލިބިދިނުމުގެ ހައްގުން މަހުރޫމްވެ، އެފަރާތްތަކުގެ ނަފްރަތާއި ރުޅި ދިވެހިރާއްޖޭގެ އައިއެސްޕީތަކާއި ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލަށް އަމާޒުވެގެންދެއެވެ.

އެހެނަސް މިނިސްޓަރ މަލީހުތޯއެވެ؟ އެބޭފުޅާގެ ޓްވިޓަރ ބައްލަވައިފި ފަރާތަކަށް ފެންނާނީ ގޭގެ ހޯމް ގާރޑެންގައި ގަސް އިންދުމާ، ދޫނި ގެންގުޅުއްވުމާ، މަސްވެރިކަން ކުރެއްވުމާ ޑައިވިންގކުރެއްވުމާއި ވަޅުން ދިޔަ ހިއްކަވާ މަންޒަރެވެ. ބައެއް ފަަަހަރަށް މަލީހަކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރޭވެސް ހީވާ ކަހަލައެވެ. އެ ޕޯސްޓްތަކުގައި ރަނގަޅު މެސެޖްތައްވެސް ހުރެއެވެ. މިފަދައިން ކުރައްވާ ކޮންމެ ޓްވީޓަކަށް އެތަކެއް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެންދެއެވެ. އެ ކުރައްވާ ޓްވީޓްގެ ފޮޓޯ އަދި ވީޑިޔޯތައްވެސް ލޯޑްނުވާ ކަމަށާއި، މިއީ ރައްޔިތުންނަށް ކުރައްވާ މަލާމާތެއްތޯވެސް ގިނަބަޔަކު ސުވާލުކުރެއެވެ. މިހެންވުމުން މިނިސްޓަރ މަލީހު ބައެއް ފަހަރަށް މީހުން ބްލޮކްވެސް ކުރައްވައެވެ.

ހުސްވަގުތުގައި ކުރާ ކަންތައްތައް މީސް މީޑިޔާގައި ހިއްސާ ކުރުމަކީ އެއްވެސް ހާލަތެއްގައި މައްސަލައެއް ނޫނެވެ. އެއީ ޚުދު އަޅުގަނޑުވެސް ކުރާ ކަމެކެވެ. އެހެނަސް، އެ މީސް މީޑިއާތަކާއި ގުޅޭ އިންޓަރނެޓްގެ ޚިދުމަތަކީ އެކަމަކާއި މެދު ދިވެހިން މާޔޫސްވެފައިވާ ކަމެކެވެ. ދިވެހިން އެދެނީ އިންޓަރނެޓްގެ އަގު ހެޔޮވުމަށެވެ. ސުމޭކު ރާއްޖެއަކަށް ކުރާ ދަތުރުގެ ދުވެލި ހަލުވިވުމަށެވެ. މިނިސްޓަރ މަލީހަކީ މޮޅު ދަނޑުވެެރިއެއްތޯ ނޫނީ މަސްވެރިއެއްތޯ ބަލާކަށް ނޫނެވެ! 

Advertisement

ކޮމެންޓް

Advertisement