ދިވެހިރާއްޖެއަށް ސޭފް ޓްރެވަލްސް ސްޓޭމްޕް ލިބިއްޖެ

15 Sep 2020 | 17:43

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގައުމުތަކަށް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ)އިން ދޭ ސޭފް ޓްރެވަލްސް ސްޓޭމްޕް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މިކަން ވަނީ ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވީރު އާންމުކުރި ނޫސްބަޔާނެއްގައި ހާމަކޮށްފައެވެ.

ސޭފް ޓްރެވަލްސް ސްޓޭމްޕަކީ ވޯލްޑް ޓްރެވަލް އޯގަނައިޒޭޝަން އަދި 200އަށްވުރެ ޓްރެވަލް ކުންފުނިތަކުން ގަބޫލުކުރާ ސްޓޭމްޕެކެވެ. މި ސްޓޭމްޕްގެ މައިގަނޑު މަގްސަދަކީ ދަތުރުވެރިންގެ މެދުގައި ފަތުރުވެރިކަމަށް އޮތް އިތުބާރު އާކޮށްދީ، ފުރިހަމަ ސިއްހީ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ ފިޔަވަޅުތައް އެޅިފައި އޮތްކަމަށް އަންގައިދިނުމެވެ. 

މިއީ ކޮވިޑް-19 އަދި މިފަދަ އެހެނިހެން ބަލިތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން އެކުލަވާލެވުނު ފުރަތަމަ ސޭފް ޓްރެވަލްސް ސްޓޭމްޕެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މި ސްޓޭމްޕް ލިބުމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. ދާދިފަހުން ދިވެހިރާއްޖެއިން ވަނީ ހުރިހާ ފަތުރުވެރިންވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް ނަހަދާ ނާދެވޭނެގޮތަށް އުސޫލުތައް ބަދަލުކޮށްފައެވެ.

Advertisement

ކޮމެންޓް