ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަންއެއް

17 Sep 2020 | 07:27

ފްރާންސް ލީގުގައި ޕީއެސްޖީ އަދި މާސޭ ބައްދަލު ކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ނޭމާއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ޕީއެސްޖީ އަދި މާސޭ ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ރެފްރީ ވަނީ ޖުމްލަ 5 ކުޅުންތެރިޔަކަށް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްޖީގެ ނޭމާ، ކަރޒާވާ، އަދި ޕަރޭދޭސްގެ އިތުރުން މާސޭގެ އަމާވީ އަދި ބެނެޑެޓޯއަށެވެ.

މީގެ ތެރެއިން ކަރޒާވާ އަދި އަމާވީއަށް ސީދާ ރަތް ކާޑު ދެއްކިއިރު ޕަރޭދޭސް އަދި ބެނެޑެޓޯ ދަނޑުން ފޮނުވާލީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ބްރެޒިލްގެ ތަރި ނޭމާ އަށް ސީދާ ރަތެއް ދެއްކީ ވީއޭއާރް މެދުވެރިކޮށް ބެލި ބެލުމުގައި އިދިކޮޅު ޓީމުގެ ޑިފެންޑަރ އަލްވާރޯ ގޮންޒާލޭޒްގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

ފްރާންސް ލީގުގެ ޑިސިޕްލިނަރީ ކޮމިޝަނުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ނޭމާ ދެ މެޗަށް ސަސްޕެންޑް ކުރުމަށެވެ. ޕަރޭދޭސް އަށްވެސް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާއިރު ކަރޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މާސޭގެ އަމާވީ ތިން މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު ބެނެޑެޓޯ އަށް އައީ އެއް މެޗުގެ ސަސްޕެންޝަންއެކެވެ.

އެ މެޗަށްފަހު ނޭމާ ވަނީ އަލްވާރޯ ގޮންޒާލޭޒް އޭނާ އާމެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ބީދައިން ދިމާކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަން ވީއޭއާރް މެދުވެރިކޮށް އިތުރަށް ތަހުގީގު ކުރުމަށްވެސް ނޭމާ ވަނީ އެދިފައެވެ. ފްރާންސް ފުޓްބޯޅައިގެ ގަވަރނިންގ ބޮޑީއިން ވަނީ ނޭމާގެ ތުހުމަތުތަށް އިތުރަށް ތަހުގީގު ކުރާނެކަމަށް ބުނެފައެވެ.

މި މައްސަލައިގަ ޕީއެސްޖީ އެޓީމުގެ ތަރި ނޭމާ އަށް ފުރިހަމައަށް ތާއިދު ކުރާކަމަށް ބުނެފައިވާއިރު މާސޭ އިން ވަނީ އެ ކްލަބުގެ އަލްވާރޯ ގޮންޒާލޭޒް އަކީ 'ރޭސިސްޓް' އެއް ނޫން ކަމަށް ބުނެ ސްޓޭޓްމަންޓް އެއް އާންމުކޮށްފައެވެ. އަލްވާރޯ ގޮންޒާލޭޒް އެ ކްލަބައި ގުޅުނު ދުވަހުން ފެށިގެން އޭނާގެ އަހުލާގު ބަހައްޓަމުން އައިސްފައިވާ ގޮތުންނާއި އޭނާއާއެކު ކްލަބަށް ހިދުމަތްކުރާ އެހެން ކުޅުންތެރިންގެ ހެކިބަހުން އެކަން ސާބިތުވާކަމަށްވެސް އެ ސްޓޭޓްމަންޓްގައި ވެއެވެ. 

Advertisement

ކޮމެންޓް