ޗައިނާއަށް ވަނީ ޖުމްލަ 3 ބިލިޔަން ޑޮލަރު ދަރާފައި: ރައީސް ނަޝީދު
ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް ދަރާފައިވާ ދަރަނީގެ ޖުމްލަ އަދަދު ހަގީގަތުގައި ޖުމްލަކޮށް 3.1 ބިލިޔަން ޑޮލަރަށް އަރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް ދިވެހިރާއްޖެއިން ދަރާފައިވާ ދަރަންޏާއި ބެހޭގޮތުން ބީބީސީން ތައްޔާރުކުރި ރިޕޯޓަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދު ހަގީގަތުގައި 3.1 ބިލިޔަން ޑޮލަރަށް އަރާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން ސަރުކާރަށް ދިން ލޯނުތައް، ސަރުކާރުގެ ކުންފުނިތަކަށް ދިން ލޯނުތައް، އަދި އަމިއްލަ ފަރާތްތަކަށް ދިން ލޯނުތަކުގެ ތެރެއިން ދިވެހި ސަރުކާރުން ގެރެންޓީދިން ލޯނުތައް ހިމެނޭކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ދިވެހިރާއްޖެއިން ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ވަދެފައިވާކަމުގެ ބިރުވެރިކަން އެބައޮތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި މި ލޯނުތަކުން އުފެދުނު އެސެޓްތަކުގެ ވިޔަފާރި ޕްލޭނުން އެ ދަރަނިތައް އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަމެއް ފެންނަން ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ލިޔެކިޔުންތަކުގައި ޕްރޮޖެކްޓްތަކުގެ އަގު އިންފްލޭޓްކުރެވިފައިވާ ކަމަށާއި، ހަގީގަތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ ލިޔެކިޔުންތަކުގައިވާ ދަރަނީގެ އަދަދު މަތިކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ލިބުނީ 1.1 ބިލިޔަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތަކެއް ހާމަކުރައްވާފައި ނުވާކަމަށް ބީބީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓްގައި ބުނާގޮތުގައި ކުރީގެ ސަރުކާރުގެ އޮފިޝަލުންނާއި ޗައިނާގެ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ދިވެހިރާއްޖެއިން ޗައިނާއަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1.1 ބިލިޔަން ޑޮލަރާއި 1.4 ބިލިޔަން ޑޮލަރުގެ އަދަދެކެވެ. ރައީސް ނަޝީދު ވަނީ ދިވެހިރާއްޖެއަށް ދަރަނިތައް އަނބުރާ ނުދެއްކިއްޖެނަމަ އަވައްޓެރި ސްރީލަންކާ ފަދައިން ކަންތައްތަކެއް ދިމާވެދާނެކަމަށް ވިދާޅުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists