ހިސާބު މުދައްރިސު ހިސާބު ފޮތްތައް ތަސްހީހު ކުރެއްވުން: އޭކް ދުއި ދަސް ސައްހަވުން

23 Sep 2020 | 11:41

މިއީ އަޅުގަނޑުމެންގެ މަޖީދީ ތައުލީމުގެ ދުވަސްވަރުގައި ކިލާހުގައި ހިނގި ކަމެކެވެ. އަހަރަކީ 1975 ވަނަ އަހަރެވެ. އޭރު އަޅުގަނޑުމެން އުޅުނީ ގުރޭޑު ހައެއްގައެވެ. މި ވާހަކަ ގުޅެނީ އެއަހަރުގެ ހިސާބު ކިލާހާއެވެ. ހިސާބު މުދައްރިސު ފިލާވަޅު އޮޅުން ފިލުއްވައިދެއްވުމަށް ފަހު، ގިނަ ތަމްރީނުތަކެއް ހެދުމަށް ކުދިންނާ ހަވާލުކުރައްވައެވެ. ހިސާބުގެ މަންހަޖީ ފޮތުގެ ފަހު ސަފުހާތަކުގައި ތަމްރީނުތަކުގެ ޖަވާބު ލިޔެވިފައި އޮވެއެވެ. ދެން، ބައެއް ކުދިން ކަންތައް ކުރާ ގޮތަކީ އަމިއްލައަށް، މުދައްރިސު ދެއްކެވި ގޮތަށް، ފިޔަވަޅަކަށް ފަހު ފިޔަވަޅަކާއިގެން ކުރިއަށް ގޮސް، ހެޔޮ ގޮތުގައި ތަމްރީނުތައް ހައްލުކުރުމުގެ ބަދަލުގައި، ތަމްރީނު ހައްލުކުރި ގޮތް ދައްކާލަން އެކުދިން ބޭނުންވާ އެއްޗެއް އެގޮތް މިގޮތަށް ލިޔެލާފައި، ފޮތުގެ ފަހަތުގައި އޮންނަ ސައްހަ ޖަވާބު ނަކުލުކޮށް، ތަމްރީނުގެ ކޮންމެ ނަމްބަރެއްގެ އެންމެ ފަހަތުގައި ލިޔެލަނީއެވެ. ދެން، ހިސާބު މުދައްރިސު، ކުދިންނަށް އިތުބާރުކުރައްވާފައި، ބައްލަވާލައްވަނީ ހަމަ އެކަނި ޖަވާބަށެވެ. އެ ޖަވާބަށް ވާސިލުވުމަށް ދަރިވަރުން އެޅި ފިޔަވަޅުތަކަކަށް ނުބައްލަވައެވެ.

ދެން، ފަހުން އަޅުގަނޑުމެން އެ ފަދަ ކުދިންގެ ހިސާބު ފޮތް ބަލާލުމުން ފެންނަނީ އޭކް ދުއި ދަސް އަންނަތަނެވެ. އާދެ، އެކަކާ އެކަކާ އެއްކުރީމާ ދިހައެއް ވެސް ނިކުމެފައި އޮންނަ ނަތީޖާއެވެ. ދެން، މިކަމާ އަޅުގަނޑުމެން އެންމެން މަޖާކޮށް ހީ ހަދަމެވެ. މިކަން ފަޅާ އެރީ ލައްކަ ދުވަސް ފަހުންނެވެ!

މިހާރު މިކަހަލަ މަންޒަރެއް އަޅުގަނޑުމެންގެ ތެރެއިން އެބަ ފެނެއެވެ. އޭކް ދުއި ތީން އަށް ވުމުގެ ބަދަލުގައި، އޭކް ދުއި ދަސްއަށް ވާ މަންޒަރެވެ. މި މަންޒަރު ގުޅެނީ ރާއްޖޭގައި، ސަރުކާރުގެ ފެންވަރުގައި ހިނގާ ފަސާދައިގެ އަމަލުތަކާކަމުން، މިވާހަކައިގެ ތަފްސީލަށް ދިޔުމުގެ ކުރިން، މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ.

ރާއްޖޭގައި، ކައިރި މާޒީއަށް ބަލާލާއިރު، ވޭތުވެ ދިޔަ ހަތްދިހަވަރަކަށް އަހަރުތަކުގެ ތެރޭގައި އުފެދުނު ހުރިހާ ސަރުކާރެއްގައި ވެސް، ފަސާދައިގެ އަމަލުތައް ހިންގިއެވެ. މިސާލަކަށް ރައިސް މުހައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައި، ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމު ރައްޔިތުން ބަނޑަށް ޖެހުނު އިރު، ވެރިޔާގެ ޚާއްސުންނަށް ޚާއްސަ އިނާޔަތްތައް ލިބި 'އުދުހުނު' ވާހަކަ ދެކެވުނެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖޭގެ އާންމުންގެ ބަޔަކަށް، ލިބުނު ގެއްލުމުގެ ބަދަލުގައި މި މީސްމީހުނާ ހަވާލުކުރުމަށް ޖަޕާނު ސަރުކާރުން ދިން ބޮޑު އަދަދެއްގެ ނަގުދު ފައިސާ، އެމީހުންނަށް ނުދީ، ވެރިޔާ ބޭނުންކުރެއްވި ވާހަކަވެސް ދެކެވެއެވެ. ރައީސް ނާސިރުގެ ދުވަސްވަރުގެ ޚިޔާނަތުގެ މައްސަލަތަކެއް 80ގެ އަހަރުތަކުގެ ކުރީކޮޅުގައި، ރައީސް ނާސިރުގެ މައްޗަށް އުފުލި ޝަރީއަތުން ސާބިތުވިއެވެ. އެދުވަސްވަރުގެ ނިސްބަތުން ބޮޑެތި އަދަދުޔަކެވެ. ރައީސް މައުމޫނުގެ ދުވަސްވަރު އެންމެ އަޑުގަދަވި ފަސާދައިގެ އަމަލަކީ އެފް.ޕީ.އައި.ޑީ.ގެ މައްސަލައެވެ. އެމައްސަލައިގައި ޝާމިލުވާ މީސްމީހުންނަށް ރިސޯޓުތަކާއި ރާއްޖެއިންނާއި ރާއްޖޭން ބޭރުން އިމާރާތްތައް ގަނެވި ދިޔައިރު، އެ މައްސަލައިގެ ތަހުގީގު ނިމުނީ ތަހުގީގަށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެފައެވެ. އަދި، ދެން އައި ދުވަސްވަރުވެސް މިކަހަލަ ކަންކަން ކުރެވުނެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ބައެއް އެއާޕޯޓު ބޭރުގެ ފަރާތްތަކާ ހަވާލުކުރެވުނު ހަވާލުކުރުމުގެ 'ޑީލްތަކަށް' ބަލައިލުމުން ހޯދަން ބޭނުންވާ މީހަކަށް މިކަން ފެންނާނެއެވެ. އަދި، ފަހުގެ އެންމެ ބޮޑު ޚިޔާނަތުގެ މައްސަލަ ގޮތުގައި އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ވެސް އެއޮތީއެވެ. އެކަމުގައި ހިމެނޭ މަދު ބައެއް ކުށްވެރިވިއިރު، އެކަމުގައި ހިމެނޭ އަނެއް ބަޔަކު ތިބީ ސަލާމަތުން ނުވަތަ ސަލާމަތުގެ ދޮރުދޮށުގައެވެ.

ކޮންމެ އަކަސް، އޭކް ދުއި ދަސް ގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ފަހަރެއްގައި ވެސް، ހިނގައި ދިޔަ ފަސާދައިގެ އެއްވެސް އަމަލަކީ ރަނގަޅު އަމަލެއް ކަމުގައި ހެދުމެއް ނޫނެވެ. އަދި، އެއް ބަޔަކު ގޯސްވުމުން، އޭގެ ނަތީޖާއަކީ އަނެއް ބަޔަކު، ރަނގަޅުކަމުގައި ބުނުމެއް ވެސް ނޫނެވެ. ގޯސްވާނީ ގޯހަށެވެ. ކޮންމެ މީހަކު އެކަންކުރި ކަމުގައި ވިޔަސް ވެހެވެ. ވައްކަން ވައްކަމަށް ވަނީ ވަކި ބަޔަކު ކުރުމަކުން ނޫނެވެ. ވައްކަން ވައްކަމަށްވީ މައެވެ. ދެން، އޭކް ދުއި ދަސްގެ ވާހަކައާއިގެން ކުރިއަށް ދަމާ ހެއްޔެވެ؟

އަޅުގަނޑުމެންނަށް މިހާރު އެންމެ އަޑުގަދަކޮށް އިވޭ ވާހަކައަކީ އިހުގައި ވައްކަންކުރި ނުވަތަ ކުރާ ވާހަކައެވެ. މިހާރު އެކަމަށް ހުއްޓުން އައިކަމުގައެވެ. މިކަމުގެ ހަގީގަތް ބަލާލަން އެންމެ ފަސޭހަވާނި އެންމެން ވެސް ބަލައިގަންނަ ތަފާސް ހިސާބުގެ އަދަދުތަކެވެ. މިވެނި އަހަރެއްގައި ރާއްޖޭގެ ރިސާވު ހުރީ ކިހާވަރެއްގައިތޯ ބަލައިލާފައި ދެން ވިދިގެން އައި އަހަރުތަކުގައި މި ރިސާވަށް އައި ބަދަލު ބަލައިލުމުން ވައްކަމާ ފަސާދައިގެ އަމަލުތައް ހުއްޓުނުތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ލެވިދނެއެވެ. މިސާލަކަށް 2013 ހިސާބުގައި ރާއްޖޭގެ ރިސާވުގައި 200 މިލިޔަން ޑޮލަރު ވަރު ހުރިކަމުގައި ވިއެވެ. ދެން، 2018 ވަނަ އަހަރާ ހަމައަށް އައިރު މި އަދަދު 850 މިލިޔަން ޑޮލަރަށް ވުރެ މައްޗަށް ދިޔަކަމަށް ވެއެވެ. އަދި، 2020 އައި އިރު މިއަދަދު 200 މިލިޔަން ޑޮލަރަށް ވުރެ ދަށަށް ހިނގައްޖެ ކަމަށް ވިއެވެ. މި މަދުވި އަދަދު ޚަރަދުވެގެން ދިޔައީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. މި ފައިސާ ބޭނުންކޮށްގެން ތަރައްގީގެ މާ ބޮޑު މަޝްރޫއުތަކެއް ނުހިންގެއެވެ. ނަމަވެސް، ބަދަލު ދިނުމުގެ ގޮތުން ގައުމީ ޚަޒާނީގެ ޖާޑިން ނެގުނު ވަރަކަށް ނަގައި ބައެއް ފަރާތްތަކަށް މިލިޔަނުން ބަދަލު ދެވުނެވެ. ކޮންމެ އަކަސް، މި ނަންގަނެވުނު އަދަދުތަކަށް ބަލާލުމުން ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ 850 މިލިޔަން ޑޮލަރަކީ 200 މިލިޔަން ޑޮލަރަށްވުރެ ކުޑަ އަދަދެއްކަމެވެ! 2013އިން 2018 އާ ހަމައަށް އައި އިރު، އެ މުއްދަތުގެ ތެރޭގައި ބޮޑެތި ޚިޔާނަތުގެ މައްސަލަތައް ހިންގިފައިވާއިރުވެސް ދައުލަތުގެ ރިޒާވް މައްޗަށް ދިޔަކަމެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ރިސާވު 850 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަރަށް ވުރެ ދަށްވެ، ސަރުކާރުގެ ބަޖެޓު ހުސްވެ، ރާއްޖޭގެ ޑޮލަރުގެ އަގު ބޮޑުވެ، އެތައް ލޯނުތަކެއް، ބޮޑެތި އިންޓަރެސްޓު ރޭޓުތަކުގައި ނެގުމުގައި ފަސާދައިގެ އެއްވެސް އަމަލެއް ނެތްކަމެވެ. އާދެ، އޭކު ދުއި ދަސް އަށް ވެގެން ދިޔައީއެވެ.

ދެން އޮތީ ލޯނުގެ ދަންތުރައިގެ ވާހަކައެވެ. އަނެއްކާވެސް ހަމަ އޭކު ދުއި ދަސް ކަހަލަ ވާހަކައެކެވެ. އާދެ، ޗައިނާއިން ނެގި ލޯނުތަކަކީ ލޯނުގެ ދަންތުރައެކެވެ. ތަނުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލިގެން ހިނގައިދާނޭ ކަމެކެވެ. މިއީ މިއަދުގެ ސަރުކާރުން ކެނޑިނޭޅި ގޮވަމުންދާ ގޮވުމެކެވެ. ޝައްކެއް ނެތް ގޮތުގައި، ނުފޯރާ ފޮތިން ފޫގަޅަން އުޅެއްޖެ ނަމަ، އޮރިޔާން ނިވާނުކުރެވި، ބަރަހަނާވާނެއެވެ. ހަމަ އެހެންމެ، ނުދެއްކޭނޭ ވަރުގެ ލޯނުތަކެއް ނަގަން ވެއްޖެނަމަ ބޮޑެތި ބޮޑެތި ގެއްލުންތައްވާނެއެވެ. ދަރަނިވެރިވެ، ދައުލަތަކީ ފޭލްވެދިޔަ ދައުލަތެއް ކަމުގައި ބެލެވޭނެއެވެ. ދެން، އަނެއްކާވެސް ހިސާބުގެ ބައެއް އަދަދުތަކަށް ބަލާލަމާ ހެއްޔެވެ؟ ހަގީގަތް ހޯދުމުގެ ބޭނުމުގައެވެ.

• ހުޅުމާލޭ ބުރިޖަށް ދައްކަން ޖެހޭނޭ ކަމަށް ވަނީ 90 މިލިޔަން ޑޮލަރެވެ. ތިރީސް އަހަރުގެ މުއްދަތުގެ ތެރޭގައެވެ. މިއަދަދު އަނބުރާ ދައްކާތޯ، ތިރީސް އަހަރު ވަންދެން ޗައިނާގެ ސިފައިން ތިބި ކަމެއް އަދި އެނގިފައެއް ނެތެވެ. (ތިރީގައިވާ ވީޑިޔޯ ފީތާއިން ނެގިފައި)

• މާލެއާއި ވިލިނގިލިއާ ދެމެދު ބުރިޖު އެޅުމަށް އިންޑިޔާއިނ 500 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި ކަމަށް ބުނެއެވެ.

މިތަނުން ބޮޑީ ކޮން އަދަދެއް ހެއްޔެވެ؟ އޭކް ދުއި ދަސް ގެ އުސޫލުން 500 މިލިޔަނަށް ވުރެ ބޮޑީ 90 މިލިޔަނެވެ. ކީއްވެ ހެއްޔެވެ؟ 500ގެ އަދަދު ދިނީ އިންޑީޔާއިން ކަމަށް ވެފައި 90ގެ އަދަދު ދިނީ ޗައިނާއިން ކަމަށްވާތީއެވެ.

މީގެ އިތުރުން ވެސް، ބޮޑެތި އަދަދުތަކުގެ ލޯނު އިންޑިޔާއިން ނެގިއްޖެއެވެ. އެންމެ ފަހުން އިއުލާނު ކުރެވުނީ 250 މިލިޔަން ޑޮލަރުގެ ލޯނުގެ ވާހަކައެވެ. މި ލޯނުން ހަގީގަތުގައި، އެއްބަޔަކީ ކުރީގައި އިންޑިޔާއިން ނަގާފއިވާ ލޯނު ދެއްކުމަށްޓަކައި ބޭނުން ކުރަން ޖެހޭ ފައިސާއެވެ. އެ ގޮތުން ގާތްގަނޑަކަށް 100 މިލިޔަން ހޭދަކުރަން ޖެހެއެވެ. މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 8 ޕަސެންޓު ކަމުގައި ބުނެވެއެވެ. އިހުގައި މިފަދަ ލޯނުތައް ނެގިއިރު އެންމެ ބޮޑު އިންޓަރެސްޓު ރޭޓަކަށް އޮތީ 5 ޕަސެންޓެވެ. ދެން، ނަންގަތް 250 މިލިޔަން ޑޮލަރުގެ ލޯނަކީ 10 އަހަރުގެ ކުރިން ދައްކައި ޚަލާސްކުރެވޭނޭ އެއްޗެއް ނޫންކަމަށް ޝަރުތުކުރެވިފައިވާ ކަން ވެސް ބައެއް ޚަބަރުތައް ބުނެއެވެ. މި ޚަބަރުތައް ތެދުކަމުގައިވާ ނަމަ، 10 އަހަރު ދުވަސް ވަންދެން، އިންޓަރެސްޓު ދެއްކާލަ ދައްކާލައި ތިބުން ރާއްޖެއަށް މަޖުބޫރެވެ. ކަން މިހެން އޮތަސް ދަރަނީގެ ދަންތުރައަކީ ކޮބާ ހެއްޔެވެ؟ ޗައިނާއެވެ! އިންޑިޔާއެއް ނޫނެވެ! ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް ހަނދާންވަނީ އަޅުގަނޑުމެންގެ ހިސާބު މުދައްރިސަށް ކުދިންގެ ތަމްރީނުތަކުގެ ޖަވާބު ފެނިވަޑައިގަތް ގޮތެވެ. އޭކު ދުއި ދަސްއެވެ. މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި ތިރީގައިވާ ކުރެހުމަށް ބަލާލާށެވެ!

Advertisement

ކޮމެންޓް

Advertisement