އަބްދުﷲ ޔާމީނޭ ޑޯނިއަރ އެކޭ... ތިއީ އޮޅުވައިލުމެއް!

30 Sep 2020 | 12:38

އެޑިޓަރުގެ ނޯޓް: މިއީ ހާޒިޖިއްޔާގައި ގިނަ ދުވަސްތަކެއް މަސައްކަތައް ކުރައްވާފައިވާ ޑިޕްލޮމެޓްއެއް "ވޮއިސް" އަށް ކޮންޓްރިބިއުޓް ކޮށްފައިވާ ރިޕޯޓެކެވެ.

އިންޑިއާއިން ދިވެހި ރާއްޖޭގައި ދުއްވަން ޑޯނިއަރ އެއަރ ކްރާފްޓެއް ގެނެސް ހަނިމާދޫ އެއަރޕޯޓްގައި ބޭއްވިކަން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންއިން އިއްޔެ ބުނެ ރާއްޖޭގެ އެމްއެންޑީއެފްގެ ނަމާއި ދިވެހި ދިދަ ޖަހާފައިވާ އެއަރކްރާފްޓެއްގެ ފޮޓޯ އާއްމުކޮށްފައިވެއެވެ.

އިންޑިއަން ހައިކޮމިޝަނުން ބުނެފައިވާކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އިންޑިއާ ސަރުކާރުން ދޭން އެއްބަސްވި ޑޯނިއަރ އެއަރކްރާފްޓް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އިންޑިއަން ހައިކޮމިޝަނުން ހާމަކޮށްލީ މިއެއަރކްރާފްޓާއި ގުޅިގެން އުފެދިދާނެ އެއްވެސް ކަހަލަ ނޭދެވޭ ބަހުސެއްގައި މިހާރުގެ ސަރުކާރު ބަރީއަކުރުން ކަމަށް ބޯޓާއިބެހޭގޮތުން ދެން ހާމަކޮށްފައިވާ ވާހަކަތަކުން ދޭހަވެއެވެ.

ޑޯނިއަރ އެއަރކްރާފްޓަކަށް ރައީސް ޔާމީން އެދުން

ޑޯނިއަރ އެއަރ ކްރާފްޓެއް ދިވެހި ރާއްޖޭގެ ދިފާއީ ބާރަށް ހޯދުމުގެ ވާހަކައެއް ރައީސް އަބްދުﷲ ޔާމީން އާއްމު ޕަބްލިކްގައި ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މުހައްމަދު ނަޝީދުގެ ރައީސްކަމުގައި އިންޑިއާއާއެކު އޭނާ ސޮއިކުރެއްވި އަސްކަރީ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ހެލިކޮޕްޓަރުތަކެއް އެމްއެންޑީއެފްގެ ސާވެލަންސްގެ ބޭނުމަށް ހަދިޔާކުރިކަމަށްބުނެ ރާއްޖޭގައި ދުއްވަން ގެނެސް އިންޑިއާ ސިފައިން އެހެލިކޮޕަޓަރުން ނުފައިބައިގެން އުފެދިފައިވާ މައްސަލަގަނޑެއްގެތެރޭގައެވެ.

ދިވެހި ރާއްޖެއަށް ދެ ހެލިކޮޕްޓަރެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނަޝީދުގެ ވެރިކަމުގައި ނިންމާފައި އޮތެވެ. އެކަމަކު ދުއްވަން ގެނައީ ފުރަތަމަ އެއް ހެލިކޮޕްޓަރެވެ. ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރެކޭ ބުންޏަސް ދިވެހި ސިފައިން ދުއްވަން ނުދެއެވެ. ސިފައިންނަށް ހެލިކޮޕްޓަރު ދުއްވަން ނޭގޭތީ ސިފައިން ތަމްރީނު ވަންދެން އިންޑިއާ ސިފައިން އެހެލިކޮޕްޓަރު ދުއްވަން ތިބެނީ ކަމަށް ބުނެއެވެ.

އެހުރިހައި އަހަރުތަކެއް ވެގެންދިޔައިރުވެސް އިންޑިއާއިން އެހެލިކޮޕްޓަރު ދުއްވަން ދިވެއްސަކު ތަމްރީނުކުރާކަށް ބޭނުމެއް ނުވިއެވެ. އެއް ހެލިކޮޕްޓަރު ދުއްވަމުންގޮސް ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ފޮނުވަން އިންޑިއާ ސަރުކާރުން ހުށަހެޅުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަމަކަށް އެއްބަހެއްނުވިއެވެ. އެކަމާއި އިންޑިއާ ސަރުކާރުން ރުޅިއައެވެ. ދިވެހި ސަރުކާރުން ބުނީ ހެލިކޮޕްޓަރަކަށްވުރެ ދިވެހި ރާއްޖެއަށް މުހިއްމީ ޑޯނިއަރ އެއަރކްރާފްޓެއް ކަމަށެވެ.

ޑޯނިއަރ އެއަރކްރާފްޓަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅުއްވީ އެފަދަ އެއަރކްރާފްޓެއް ރާއްޖެއަށް ހަދިޔާކޮށްފިނަމަ ޔަގީނުންވެސް އެއަރކްރާފްޓް ދުއްވަން ދަންނަ ބައިވަރު ޕައިލެޓުން ރާއްޖޭގައި ތިބޭނެތީއެވެ. ރާއްޖޭގެ ސަރަހައްދު ބެލުމުގެ ސާވެލަންސަށް އެމްއެންޑީއެފުން ކިތަންމެ ފަހަރު އައިލެންޑް އޭވިއޭޝަންގެ ޑޯނިއަރ ބޭނުންކޮށްފައިވެއެވެ. އެހެންވީމާ އިންޑިއާގެ ސިފައިން ބޯޓްދުއްވަން ކޮންމެހެން ގެންނާކަށް ނުޖެހޭނެއެވެ. މީގެކުރިންވެސް އިންޑިއާއިން އަސްކަރީ މަނަވަރު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. އެމަނަވަރުތައް ދުއްވަން ތިބެނީ ދިވެހިންނެވެ. ޑޯނިއަރ އެއަރކްރާފްޓެއް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާކުރުމަކީ ދވެހި ރާއްޖެއަށް ވެދޭނެ ވަރަށް ބޮޑު އެހީއަކަށްވާނެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑޯނިއަރއެއް ހޯދުމަށް ހިގައިދިޔަ މަޝްވަރާއަކީ މިއެވެ.

އެކަމަކު އިއްޔެ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ވާހަކަތަކުން ކުރީގައި ދިވެހި ސަރުކާރުން ކުރިމަޝްވަރާތަކާއި މިހާރު ކަންކުރިގޮތާއި އުޑާއި ބިމާއިހާ ތަފާތުކަން އެގެއެވެ.

ޑޯނިއަރގެ ތޮށިގަނޑުގައި އެމްއެންޑީއެފްގެ ނަންޖަހައި ދިވެހި ދިދައެއް ނަގައި އެބޯޓަކީ އިންޑިއާގެ އަސްކަރިއްޔާއިން އިންޑިއާކަނޑުގެ އަސްކަރީ ޖާސޫސީ މައުލޫމާތު އިންޑިއާގެ އަސްކަރިއްޔާއަށް އެއްކުރާ އެއަރކްރާފްޓެއްކަން އެގެއެވެ.

އެބޯޓް ދުއްވަނީ އިންޑިއާ ސިފައިންނެވެ. އޭގައި ހަރުކުރެވިފައިވާ ވަސީލަތްތަކާއި އޭގެމަރާމާތާއި އެހުރިހައި އެއްޗެއްގެ މިލްކުވެރިކަން ގޮސް ވަންނަނީ އިންޑިއާގެ އަސްކަރިއްޔާގެ ޖާސޫސީ ވިންގުގެ ތެރެއަށެވެ. މިއީ އަބްދުﷲ ޔާމީންގެ ނަން ބޭނުންކޮށްގެން ދިވެހިންނަށް އޮޅުވައިލާ ވަރަށް ބޮޑު އޮޅުވައިލުމެކެވެ.

އިންޑިއަން ހައިކޮމިޝަންއިން ހާމަކޮށްފައިވާ ވާހަކަތަކުން ދިވެހިންނަށް މަލާމާތެއްކޮށްފައިވާކަންވެސް ދޭހަވެއެވެ. އެއީ ޓެކްނޮލޮޖީގެގޮތުން ރަގަޅު ފިކްސްޑް ވިންގް އެއަރކްރާފްޓަކީ ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ރަށްތަކާއި ރިސޯޓްތަކަށް ހިމާޔަތްކޮށްދިނުމުގެ އޮޕަރޭޝަންތަކަށް ކޮންމެހެންވެސް ބޭނުންތެރި މުހިއްމު ވަސީލަތެއްކަން ދިވެހިންނަށް ޖާހިލުކަމުން ނޭގުމެއްގެތެރޭގައި ތިއްބައި އެކަން އެމްބަސީން ދިވެހިންނަށް ކިޔައިދިނުމުންނެވެ.

ހެލިކޮޕްޓަރުގަނޑެއް ދުއްވަންވެސް އުޅެއުޅެގެންވެސް ދިވެހި ސިފައިންގެ ބޭކަލަކަށް ދަހެއް ނުވިއެވެ. ރާއްޖޭގައި ޑޯނއިއަރ އެއަރކްރާފްޓް ދުއްވަން ދަންނަ ދިވެހި ކެޕްޓަނުން ވިލާތުން ތަމްރީނުހަދައިގެން ކިތަންމެ ގިނައިން ތިއްބަސް، އެމްއެންޑީއެފްގެ ބޭކަލަކަށް ޑޯނިއަރއެއް ދުވަންވެސް ދަސްނުވާނެކަމީ އެންމެންނަށްވެސް އެގޭކަމެކެވެ.

އިންޑިއާކަނޑުގައި ހިގާ ހަރަކާތްތައް ބަލައި އިންޑިއާއަށް ޖާސޫސީ މައުލޫމާތު އެއްކުރާ ޑޯނިއަރ އެއަރކްރާފްޓެއް ރާއްޖޭގައި ބާއްވައިގެން ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ ޔަގީންކަމަކީ ކޮބައިތޯއެވެ. 

Advertisement

ކޮމެންޓް