އދ.ގެ ބައެއް ކަންކަމަށް ޒަމާނީ އިސްލާހުތައް ގެންނަންޖެހޭ: ޝާހިދު

30 Sep 2020 | 18:25

އދ.ގެ ބައެއް ކަންކަމަށް ޒަމާނީ އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 75ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތްޕުޅުން ދެއްވި ތަގުރީރުގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އދ. އަކީ ދުނިޔޭގެ އަމާންކަން ދެމެހެއްޓުމުގެ އިސް މޭސްތިރިއެއްކަން ދިވެހިރާއްޖެއިން މީގެ 55 އަހަރު ކުރިން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި މިއަދުވެސް ރާއްޖެއިން އޮތީ އެ ވިސްނުމުގައި ސާބިތުކަންމަތީގައި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭން ފަހުގެ ތާރީޚެއްގައި ކުރިމަތިލާފައިވާ އެންމެ ބޮޑު ވަބާއާއި މުޅި ދުނިޔެ މިއަދު ކުރިމަތިލަމުންދާއިރު، ހުރިހާ ގައުމެއް ގުޅިގެން މަލްޓިލޭޓްރަލިޒަމަށް ކުރާ ތާއިދު އިއާދަކުރުން ފައިދާހުރި ކަމެއްގެ އިތުރުން ޒަރޫރީ ކަމަކަށްވެސް ވެފައިވާ ކަމަށެވެ. 

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ އ.ދ. އުފެދުނުތާ 75 އަހަރު ފާހަގަކުރަމުންދާއިރު، އުފާކޮށް ޝުކުރުވެރިވާންވީ ބައިވަރު ކަންތައްތައް ހިމެނޭކަމަށެވެ. އެގޮތުން ހަނގުރާމަތަކަކަށްފަހު އަމާން އައްސޭރިއަކަށް ދުނިޔެ ވާސިލްކޮށްދީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ސުލްޙަ މަސަލަސްކަން ހިފެހެއްޓުމުގައި އ.ދ.ގެ ދައުރު ވަރަށް ބޮޑުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އ.ދ.އިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ޤައުމަކަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ އަޑުއުފުލައި، ގުޅިގެން މައްސަލަތަކަށް ހައްލު  ހޯދުމުގެ މަގު ފަހިކޮށްދީފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ވަކީން ޚާއްޞަކޮށް، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް، ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އެއްސަފެއްގައި އެއްހަމައަކުން ބަސްބުނެ، ހެޔޮ ބަދަލުތައް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިން. މިއީ، އަޅުގަނޑުމެންފަދަ ކުޑަ ޤައުމުތަކަށް އޮތް ރައްކާތެރިކަމުގެ އައްސޭރި"، ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޒަމާނަށް ފެތޭގޮތަށް މިހާރުގެ އ.ދ.ގެ ބައެއް ކަންކަމަށް އިޞްލާހު ގެންނަން ޖެހޭކަން ހުރިހާ ފަރާތްތަކުން ގަބޫލުކުރާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެނަސް، އެ މުޢައްޞަޞާގެ މުހިންމުކަން އަދިވެސް ކުރިއެކޭ އެއްފަދައިން އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އ.ދ.އަކީ، އެންމެން އެކަތިގަނޑަކަށްވެ، އެއްބަހެއް ބުނެ، ޤައުމީ ތަޢައްސުބުން އެއްކިބާވެ ނަސްލީ ތަފާތުކުރުން ނައްތާލުމަށް އޮތް އެންމެ ބޮޑު ހައްލުކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement