އިންޑިއާ އައުޓް ހަރަކާތުގައި އައިސިސްގެ ކަޅު ދިދަ ބޭނުންކުރާތީ ކަންބޮޑުވޭ: ރައީސް ނަޝީދު

09 Oct 2020 | 19:12

ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ނިރުބަވެރި ޖަމާއަތެއްކަމަށްވާ އައިސިސްގެ ކަޅު ދިދަ ބޭނުންކުރާކަމަށް ރައްޔިޔުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އެގޮތުން އެ ދިދައިގައި މިހާރުވާ ލިޔުން، އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާންމު އުކުޅެއްކަމަށް މާހިރުން ދެކިލައްވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ދިވެހިން ވިސްނަވާތި"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް ރައީސް ނަޝީދު ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުން ފަހަތުގައި ތިބެގެން ކުރަމުންދާ ކަމެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

Advertisement

ކޮމެންޓް