ބުރިޖު ލޯނަކީ މިވަގުތަށް ނަގަން މަޖްބޫރު ދަރަންޏެއް ހެއްޔެވެ؟

17 Oct 2020 | 20:23

ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ބެލުމަށްފަހު މިވަގުތަށް މަޖްބޫރު ނޫން މަޝްރޫއުތައް ފަސްކުރުމަށް މީގެ ދެތިންދުވަސް ކުރިން ވޯލްޑް ބޭންކުންވަނީ އިރުޝާދު ދީފައިއެވެ. މިހެން މިކަން އޮއްވައި ސަރުކާރުން މިއަދު މިވަނީ ބުރިޖު އަޅަން އިތުރު 6 ބިލިއަން ރުފީޔާގެ ލޯނެއް ނަގަން އިންޑިއާ އާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެންމެންވެސް މިކުރާ ސުވާލަކީ މާލެ ސަރަހައްދުގައި ބުރިޖުއަޅަން ލޯނު ނެގުން މިއީ މިވަގުތަށް ނަގަން މަޖްބޫރު ދަރަންޏެއް ހެއްޔެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައިއެވެ. މި ސަރަހައްދުން ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދިވެހިރާއްޖެ އަށެވެ. ފަތުރުވެރިކަމަށް ބަރޯސާ ވެފައި އޮތް ދިވެހި އިގްސިތޯދު މިވަނީ ދުވަހަކު ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.

ކޮވިޑް-19 ގެ ސީދާ އަދި ނުސީދާ އަސަރު ހުރިހާ ފަންނެއްގެ ހުރިހާ ގިންތިއެއްގެ ވިޔަފާރިތަކަށް ވަނީ ކޮށްފައެވެ. ކޮވިޑަށް ފައްސި ނުވިޔަސް ކޮވިޑުގެ އިގްތިސޯދީ އަސަރަށް ފައްސި ނުވާ، އޭގެ އަސަރު ނުކުރާ އެއްވެސް ދިވެހި ފަރުދަކު ނެތެވެ.

އެތައް ހާސް ރިސޯޓު މުވައްޒަފުންގެ ވަޒީވާ ވަނީ ގެއްލިފައިއެވެ. ރިސޯޓު ސަޕްލައިގެ އެކިއެކި މަސައްކަތުގައި ޝާމިލްވާ ހުރިހާ ކުންފުނިތަކުގެ މަސައްކަތް ވަނީ ހުއްޓިފައިއެވެ. ކޮންސްޓަރކްޝަން ސިނާޔަތުވެސް ވަނީ މުޅިން ކަހަލަ ގޮތަކަށް މަޑުޖެހުފައިއެވެ. ރެސްޓޯރެންޓު ތަކާއި އެހެނިހެން ކުދި ވިޔަފާރިތައް ބަނގުރޫޓު ވެގެން ވަޒީފާ ގެއްލި އެތައް ބަޔަކު ވަނީ ރަށަށް ބަދަލު ވެފައިއެވެ.

އަމިއްލަ ފަރުދުން ދަނީ ކޭކު އަޅައި، ހެދިކާ ވިއްކައިގެން ޒަރޫރީ ބޭނުމަށް މަޖްބޫރު ކަންތައް ހަމަޖައްސަމުންނެވެެ. އަނެއްބައި މީހުން މިވަގުތަށް "ސަވައިވް" ވަމުން ދަނީ ކުރިން "ސޭވް" ކޮށްފައި ހުރި ލާރިން ނެވެ. ބައެއް ފަރާތްތަކުން ސައިކަލާއި އަތުގައި ހުރި އެހެނިހެން ހަރުމުދާ ވިއްކަންވެސް މިހާރުވަނީ ފަށައިފިއެވެ.

ދިވެހި ދައުލަތްވެސް އޮތީ ހަމަ އެފަދަ ހާލެއްގައިއެވެ. ބަޖެޓު މެނޭޖު ކުރަމުންދަނީ އިންޓަރެސްޓާއި އެކު ނެގި ލޯނު ތަކުންނެވެ. ސިވިލްސާވިސް މުވައްޒަފުންގެ މުސާރަދީ ކަން ކުރަން ޖެހިފައި މިވަނީ ޓްރެފިކް ޖުރިމައިނާއިން ލިބޭ ލާރިންނެވެ.

ރައްޔިތުންނާއި ގައުުމު މިފަދަ ހާލަތެއްގައި އޮތްއިރު މިވަގުތު އަޅާ ކޮންމެ ފިޔަވަޅަކީ ވަރަށް ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅެެކެވެ. ވިޔަފާރި ރަނގަޅުވެ ކުރީގެ ހާލަތަށް އަނބުރާ ދެވޭނީ އަދި ކިތައް އަހަރުންކަން ސާވު ނުވާއިރު ކޮވިޑުގެ ދެވަނަަ ރާޅެއް އައުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

އާއްމު ފަރުދުންނާއި ގައުމު ކުރީގެ ހާލަތަށް ގެންދަން ސަރުކާރުން ވަރަށް ގިނަގުނަ ކަންތައްތައް ކުރަން ޖެހޭނެއެވެ. އެކަންކަން ކުރުމަށް ސަރުކާރުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ ހަރަދުތައް ވީހާވެސް ކުޑަކުރުމެވެ. އެކަން އެގޮތަށް ނުދާކަމާއި، ކޮވިޑުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބޭކާރު ގޮތުގައި ނުވަތަ ކަރޮޕްޝަނަށް މަގުފަހިވާގޮތަށް ހޭދަ ކޮށްފައިވާކަން ކޮވިޑް ހާއްސަ އޮޑިޓް ރިޕޯޓުތަކުން ވަނީ ފެނިގެން ގޮސްފައިއެވެ.

މިހުރިހާ ކަމެއް މިހެން އޮއްވައި، ހާލަތު ކުއްލިއަކަށް އިތުރަށް ގޯސްނުވާނެ ކަމުގެ ޔަގީންކަން ނެތީސް، މާލީ ގޮތުން މާބޮޑު ފައިދާއެއް ކުރުމުއްދައްތެއްގައި ނުލިބޭނެ މާލެ-ތިލަފުށި ބުރިޖު އަޅަން ލޯނު ނެގުމަކީ އެންމެ ބުއްދިވެރި ގޮތް ބާވައެވެ؟

މި 6 ބިލިއަން ރުފިޔާގެ ދަރަނިން ނުވަތަ މި ބުރިޖުން މިވަގުތު ދިވެހިރާއްޖެ އަދި އާއްމު ރައްޔިތުން ތިބި ހާލުން އަރައިގަންނަން އެއްވެސް އެހީތެރިކަމެއް ފޯރާނެ ބާވައެވެ؟ މިއަދު ބުރިޖު އަޅަން ފެށިއަސް މަސައްކަތްނިމި ބޭނުން ކުރަން ފެށޭނީ ދެތިން އަހަރު ފަހުން ކަމަށް ވާއިރު އެ ދެތިން އަހަރު ތެރޭގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ވެގެން ދާނީ ކިހިނެެއް ބާވައެވެ؟ އެކަން ކުރަން ސަރުކާރުން ވިސްނާފައިވަނީ ކިހިނެއް ބާވައެވެ؟ މިއީ މިއަދުގެ ހާލަތުން އަަރައިގަންނަން އެއްވެސް ވަރަކަށް ބޭނުން ހިފޭނެ 6 ބިލިއަން ރުފިޔާގެ ދަރަނި ބާވައެވެ؟

މި 6 ބިިލިއަންް ރުފިޔާވެސް ދައްކާނީ ދިވެހި ރައްޔިތުންގެ ލާރިން ކަމަށް ވާއިރު މި 6 ބިލިއަން ރުފިޔާ މިއީ ރައްޔިތުން މިއަދު ތިބި ހާލަތުން އަރައިގަންނަން ބޭނުންތެރި އަދި ނަގަން މުހިއްމު ދަރަންޏެއްކަން ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެއެވެ. މި 6 ބިިލިއަން ރުފިޔާއިން މިވަގުތު ކުރަން އެންމެ ރަނގަޅު ކަމަކީ އެ ބުރިޖު އެޅުންކަމަށް ވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ތިލަ ކޮށްދޭން އެބަ ޖެހެއެވެ.  

Advertisement

ކޮމެންޓް

Advertisement