ފިނޑި ކަންކަން ނުކުރުމަށް އަލްހާން ފަހުމީއަށް ގޮވާލަން: އިދިކޮޅު ކޯލިޝަން

13 Oct 2020 | 12:43

"ދިޔަރެސް" ނޫހުގެ ދެ ނޫސްވެރިއަކަށް ރޭގެ ވަގުތެއްގައި މާލޭ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީ އިންޒާރުދިންކަމަށް ބުނާ މައްސަލަ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ އަލްހާން ފަހުމީއާއި އޭނާގެ އެކުވެރިޔަކާއި ދެމީހަކު ވެގެން ދިޔަރެސް ނޫހުގެ މަޝްހޫރު ނޫސްވެރިޔާ އަޙްމަދު އަޒާން އާއި އަދި އޭނާއާއެކު އެނޫހުގައި މަސައްކަތް ކުރައްވާ ނާހިލް އަޙްމަދާއި 2 މީހުންނާއި ދިމާކޮށް، އިންޒާރުދީ، ފުރައްސާރަ ކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އިދިކޮޅުން ބުނީ ނޫސްވެރިންނަކީ ޤައުމުގައި ހިނގަމުންދާ ކަންކަމުގެ ޙަޤީޤަތް ފޮރުވުމެއް ނެތި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ބުރަ އަދި މުޙިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ބަޔަކަށްވާއިރު، އެފަދަ ނޫސްވެރިންނާއި ދިމާކޮށް އިންޒާރުދީ ފުރައްސާރަކުރުމަކީ ކުރެވިގެންވާނޭ ކަމެއް ނޫންކަމަށެވެ. އަދި ޚާއްސަކޮށް ރައްޔިތުންނަށް ޚިދުމަތެއް ކުރުމުގެ ނިޔަތުގައި ޒިންމާދާރު މަޤާމުތަކަށް ކުރިމަތިލައިގެން އުޅޭ ފަރާތްތަކުގެ ކިބައިން މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ފެނުމަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭ ކަމެއްނޫންކަމަށް ވަނީ ބުނެފައެވެ.

"ވީމާ މިފަދަ ޒިންމާދާރުކަން ކުޑަ އަދި ފިނޑި ކަންކަން ނުކުރުމަށް އަލްހާން ފަހުމީއަށް ގޮވާލަމެވެ. ހަމައެއާއެކު، އަޙްމަދު އަޒާން އާއި ނާހިލް އަޙްމަދާއި ދިމާކޮށް އިންޒާރުދީ ފުރައްސާރަ ކުރި މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އެޅުން އަވަސް ކުރުމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލަމެވެ"، ބަޔާނުގައިވެއެވެ.

އަދި ނޫސްވެރިންނަށް ނުފޫޒެއް ނެތި، ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭންވެސް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement