Advertisement

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާރޑަންގެ މަގާމު ދިފާއުކުރައްވައިފި

17 Oct 2020 | 17:57

މިއަދު ކުރިއަށްދިޔަ ނިއުޒިލޭންޑްގެ އާންމު އިންތިޚާބު ކާމިޔާބުކުރައްވާ ބޮޑުވަޒީރު ޖަސިންޑާ އާރޑަންގެ މަގާމު ދިފާއުކުރައްވައިފިއެވެ.

މިހާތަނަށް ވޯޓުގެ 75 އިންސައްތައަށްވުރެ ބޮޑުބައި ގުނާފައިވާއިރު، ވަގުތީ ނަތީޖާތަކުން އެކަމަނާ އިސްކޮށް ހުންނަވާ ލޭބަރ ޕާޓީއާއި އެޕާޓީގެ އިއްތިހާދީ ބައިވެރިޔާކަމުގައިވާ ގްރީން ޕާޓީން ވަނީ މެޖޯރިޓީ ހާސިލްކޮށްފައެވެ. އެގޮތުން ލޭބަރ ޕާޓީއަށް 49 އިންސައްތަ ލިބިފައިވާއިރު، ގްރީން ޕާޓީއަށް ވަަނީ 7.9 އިންސައްތަ ލިބިފައެވެ. މިއީ އެގައުމުގެ މިހާރު އޮތް ވެރިކަމުގެ ނިޒާމު 1996ވަަނަ އަހަރުގައި ތައާރަފްކުރެވުނު ފަހުން އެއް ޕާޓީއަކަށް އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނު ފަހަރެވެ.

ޖަސިންޑާ އާރޑަން އަދި ލޭބަރ ޕާޓީއާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ނޭޝަނަލް ޕާޓީއެވެ. މިހާތަނަށް އެޕާޓީއަށް ވޯޓުލީ މީހުންގެ 27 އިންސައްތަ ލިބިފައިވާއިރު، މިއީ އެ ޕާޓީގެ ހަޔާތުގައިވެސް އެންމެ ދަށުން ވޯޓުލިބުނު ފަހަރެވެ. ނޭޝަނަލް ޕާޓީން ވަނީ ބަލި ގަބޫލުކޮށް، ބޮޑުވަޒީރު ޖަސިންޑާއަށް މަރުހަބާ ދަންނަވާފައެވެ.

ނިއުޒިލޭންޑްގެ އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މީގެ ތިން ހަފްތާ ފަހުންނެވެ.

ބޮޑުވަޒީރު ޖަސިންޑާއަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ޝަޚްސިއްޔަތެކެވެ. އެގޮތުން އެކަމަނާ ވަނީ ކޮވިޑް-19 ބަލިމަޑުކަން ނިއުޒިލޭންޑްގައި ކޮންޓްރޯލްކޮށް، ކަނާތު ފިޔައިގެ ހަރުކަށި ނިރުބަވެރިކަމާއި ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާފައެވެ، އަދި ޖަސިންޑާ ވަނީ މަގާމުގައި ހުންނަވަނިކޮށް ދަރިއަކު ހޯއްދަވައި، އެ ދަރިފުޅާއި އެކު އދ.ގެ އާންމު މަޖިލީހަށްވެސް ވަޑައިގެންފައެވެ.

Advertisement

ކޮމެންޓް