ޕާކިސްތާންގެ ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު އެއްވެއްޖެ

19 Oct 2020 | 12:14

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޙާން ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ޕާކިސްތާނުގެ ގުޖްރަންވާލާގައި އެއްވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ބޮޑުވަމުންދާ ތަކެތީގެ އަގުތަކާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން އިމްރާން ޙާން ގެ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ އިއްތިހާދުގެ ކެމްޕެއިނެއް ފަށައިފައިވާ ވަގުތެއްގައެވެ.

މިދިޔަ މަހު އުފެދުނު ޕާކިސްތާން ޑެމޮކްރަޓިކް މޫވްމެންޓް (ޕީޑީއެމް) އޭ ކިޔުނު މި އިއްތިހާދުގައި އިދިކޮޅު 11 ޕާޓީއެއް ހިމެނިފައިވެއެވެ. އެމީހުންގެ އެންމެ ފުރަތަމަ އެއްވުން މިދިޔަ ހުކުރު ދުވަހު ބޭއްވުނު އިރު، މި އެއްވުމުގައި ޕާޓީތަކުގެ އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފެވެ.

ސިއްހީ ހާލަތާއި ގުޅިގެން ޖަލުން ދޫކޮށްލުމަށްފަހު ލަންޑަންގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު މުހާތަބު ކުރައްވާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ނަވާޒް ޝަރީފް ވިދާޅުވެފައިވަނީ އެގައުމުގެ އާމީ ޗީފް ޖެނަރަލް ޖަވެދް ބަޖްވާއަކީ ރަނގަޅު ގޮތުގައި ހިނގަމުން ދިޔަ ސަރުކާރު ނިންމުމަކަށް ގެނެސް ޖެނަރަލްގެ އަމިއްލަ އެދުންތަކާއި އެއްގޮތަށް ގައުމު ހިންގުމަށް އެދޭ މީހެއްކަމަށެވެ.

ބޮޑުވަޒީރުކަމަށް އިމްރާން ޙާން ހޮވުމާއި ގުޅިގެން އެމަނިކުފާނު ވަނީ ކެމްެޕެއިންގެ ވައުދާއި އެއްގޮތަށް އެންޓި ކޮރަޕްޝަން ކެމްޕެއިނަށް މުހިންމުކަމެއް ދީ، ކުރީގެ ސަރުކާރުގެ ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް މިކަމާއި ދެކޮޅު ފަރާތްތަކުން ފާހަގަކުރި ގޮތުގައި އިމްރާން ޚާންގެ މި ކެމްޕެއިން އަމާޒު ކޮށްފައިވަނީ ހަމައެކަނި ކުރީގެ ސަރުކާރުގެ މެމްބަރުންނަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ މެމްބަރުންނާއި އިންތިޚާބުގައި ތާއިދު ދިން ފަރާތްތަކުގެ ތެރެއިން އެއްވެސް މީހަކު ތަހުގީގު ކޮށްފައިނުވާކަމެވެ.

ޕާކިސްތާނަށް ވަނީ އިންފްލޭޝަންގެ މއްސަލައާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޮކްޓޯބަރު މަހު އިންޕްލޭޝަންގެ ހުރި 9.40 އިންސައްތައިގައި ކަމަށް ދައްކާއިރު މުހިންމު ކާނާގެ ބާވަތްތަކުގެ އަގު ވަނީ 50 އިންސައްތަ އިތުރު ވެފައެވެ.

މަސްދަރު: ބޭރުގެ ނޫސްތައް

Advertisement

ކޮމެންޓް

Advertisement