ކޮވިޑުގެ ސަބަބުން ބަލިކަށިވެފައޮތް ޝަކްތާއިން ރެއާލް މެޑްރިޑް ބަލިކޮށްފި

22 Oct 2020 | 08:29

ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި ޝަކްތާ ޑޮނެސްކް ބައްދަލުކުރި މެޗް 3-2 ކުން ޝަކްތާ ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ އެގާރާއިގަ ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ޝަކްތާއިން ވަނީ ފުރަތަމަ ހާފުގައި 3 ގޯލު ކާމިޔާބުކޮށް ރެއާލް މެޑްރިޑް ސިއްސުވާލާފައެވެ.

ފުރަތަމަ އެގާރައިގަ ހިމެނޭ ޖުމްލަ 10 ކުޅުންތެރިންނުލާ ޝަކްތާއިން ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ އަދި ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ މާޓިންސް އަދި ސޮލޮމޮންސްއެވެ. ޝަކްތާގެ ދެވަނަ ގޯލަކީ ރެއާލްގެ ޑިފެންޑަރ ވަރާން އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

ދެވަނަ ހާފް ފެއްޓިތާ ކުރީ ކޮޅު ވިނީސިއަސް ޖޫނިއާ އަދި މޮޑްރިޗް ޖަހައިދިން ގޯލުތަކުން ރެއާލްގެ އުންމީދުތައް އާވެގެން ދިޔައިރު އެޓީމް ވަނީ މެޗް ނިމެން ގާތްވެފައިވަނިކޮށް ތިންވަނަ ގޯލެއްވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރް މެދުވެރިކޮށް ރެފްރީ ނިންމީ ރެއާލްގެ ވަލްވާޑޭ ޖެހި ގޯލަކީ އޮފްސައިޑް ގޯލެއް ކަމުގައެވެ.

މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒިދާން ބުނީ ބަލިވުމުން ޒިންމާ ނަގާކަމަށައި ކޯޗެއްގެ ހައިސިއްޔަތުން ނަތީޖާ ނެރުމަކީ އޭނާގެ ޒިންމާއެއް ކަމުގައެވެ. ކުޅުންތެރިންނަށް އަދި އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށްވެސް ޒިދާން ބުންޏެވެ.

ރެއާލްއަށް ކުރިއަށް އޮތީ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ލޯ އެ މެޗަކަށް އަމާޒުވާ އެލް ކްލެސިކޯއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރެއާލް އަދި ބާސެލޯނާވެސް ބަލިވެފައިވާއިރު ބާސެލޯނާ ވަނީ އެންމެފަހުން ޗެންޕިއަންސް ލީގުގައި ކުޅުނު މެޗް ފަސޭހަކަމާއެކު 5-1 ކުން ކާމިޔާބު ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement