ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމަކީ މައްސަލައެއް ނޫން: އައިކޮމް

27 Oct 2020 | 18:15

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ މައްސަލައެއް ނޫންކަމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް މި މައުލޫމާތު ހިއްސާ ކުރުމަށް އެދި "ދިޔަރެސް" ނޫހުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށައެޅުމުން އެ މިނިސްޓްރީން ވަނީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއް ކަމަށް ބުނެ، އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން އެ ނޫހުގެ ފަރާތުން ވަނީ ޑިފެންސް މިނިސްޓްރީގެ ނިންމުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިސްތިއުނާފްކޮށްފައެވެ.

އެ އިސްތިއުނާފްގެ މައްސަލަ ބެލުމަށްފަހު އައިކޮމްއިން މިއަދު ނިންމާފައިވަނީ އެ މައުލޫމާތު ހާމަނުކުރަން ޑިފެންސް މިނިސްޓްރީގެ ފަރާތުން ނިންމާފައިވަނީ ގާނޫނާއި އެއްގޮތުގެ މަތީން ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް މި މައްސަލަ ހުށައެޅި ފަރާތަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ ހައްގު އޮންނާނެކަމަށް ވަނީ ބުނެފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މި ނިންމުން އިސްތިއުނާފް ކުރާނެކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް