ގޭންގް ސްޓާރ -5-

31 May 2020 | 06:29

ޗަކޯ އުޅެމުން އައި ގެއާ އަރާ ހަމަވިއިރު އެގޭ ބޭރުގައި ޗަކޯ ބަޔަކާ ވާހަކަ ދައްކަން ހުއްޓެވެ. އަހަރެން އަންނަތަން ފެނުމުން އަތުން އިޝާރާތްކޮއްލާ މަޑުކޮއްލުމަށް ބުނެލިއެވެ. އެމީހުންނާ ވާހަކަ ދައްކާ ނިންމާލުމަށްފަހު ޗަކޯ އެމީހުން އަތައް ފައިސާ ތަކެއް ގުނާފައި ދޭތަން އަހަރެންނަށް ފެނުނެވެ. އަދި އެ ފައިސާއާއެކު ކަޅުކުލައިގެ ދަޅެއްވެސް ދިންތަން ފެނުނެވެ. އެމީހުން ދިޔުމުން ޗަކޯ އަހަރެންނަށް އަންނަން އިޝާރާތްކުރިއެވެ. އަހަރެން އައުމުން އެތެރެއަށް ވަނުމަށް ޗަކޯ ބުނިއެވެ. އަހަރެން ވަދެ ސޯފާގައި ޖައްސާލުމުން ޗަކޯ އަހަރެން ކުރިމަތީ ގޮނޑިއެއް ބެހެއްޓުމަށްފަހު އިށީނެވެ.

" ކޮބާ ކިހިނެއް ކަންތައްތައް؟ ކޮން ކަމެއް ޖެހިގެން ތި ޖައްސާލީ؟ " ޗަކޯ ހިނިތުން ވެލާފައި އަހާލިއެވެ.

" އަހަރެންގެ މަގާމް މަތިވި ވާހަކަ ބުނެލަން މި ޖައްސާލީ އަދި ނުކުންނަން ޖެހެނީ ތިން ދުވަސް ފަހުން " އަހަރެން މިހެން ބުނެލިތަނުން ޗަކޯ ދެ އަތް ޖަހަާލިއެވެ.

" މަރުހަބާ. މިއަދު ތިޔަ އައީ ރަނގަޅު ދުވަހެއްގައި. މި ތިން ދުވަސް މީ އަހަރެން ވަރަށް މީހަކު ބޭނުން ވާ ދުވަސްކޮޅެއް. އަހަރެންގެ މީހުންކޮޅުވެސް ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް. އެބަޖެހޭ ލާރިކޮޅެއް ހޯދަން އުޅެން. އެކަމު ހަނދާން ކުރާތި އަހަރެން ލާރި ހޯދަންގޮސް މީހުންނާ ބައްދަލް ކުރަނީ ރީތި ގޮތަކަށްނޫންކަން. މީހަކު ކައިރިއަށް ލާރި ހޯދަން ދިޔައިޔާ ވަރަށް ބަހަނާ ދައްކާނެ އަދި ފިލަންވެސް މަސައްކަތް ކުރާނީ. ވީމާ މިއަދު އަހަރެން ކަލެއަށް ދަސްކޮއްދޭން މިއުޅެނީ މީހުން އަތުން ލާރި ހޯދާގޮތް. ވީމާ ހިނގާ ދަމާ " މިހެން ބުނުމަށްފަހު އަހަރެން ގޮވައިގެން ޗަކޯ އޭނާގެ ސައިކަލްގައި ނައްޓާލިއެވެ.

ދެމީހުން ދުއްވަމުން ގޮސް ހެންވޭރުގައި ހުރި ހަނި ގޯޅިއަކަށް މަޑުކުރީމެވެ. އަދި ސައިލަް ބެހެއްޓުމަށްފަހު ޗަކޯއާ އެކު އޭނާ ވަތް ގެއަކަށް ފަހަތުން ވަނީމެވެ. އެ ގެއެއްގެ ފަސްވަނަ ފްލޯއަށް އަރާ ދޮރުގައި ޓަކި ދިނީމެވެ. ދޮރު ހުޅުވީ ކުޑަކުއްޖަކު އުރަިއގެން ހުރި އަންހެނެކެވެ. ހުޅުވުމާއެކު ޗަކޯ އެތެރައަށްވަނެވެ. އަދި ސިޓިންރޫމްގައި އިން ސޯފާގައި އިށީނުމަށްފަހު އަންހެން މީހާ ކައިރީ ސުވާލުކުރަންފެށިއެވެ.

" ކޮބާ އެޑަމް؟ " ޗަކޯ ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

" ތީ ކާކު؟ އެޑަމް ވީ ބޭރުގައި " އެ އަންހެން މީހާ ބުނެލިއެވެ.

" އެޑަމްއަށް އެނގޭނެ މީ ކާކުކަން ގުޅާފަ އަހާބަލަ. ޗަކޯ ދަންނަންހޭ " ޗަކޯ ހިނިތުންވެލާފައި ބުނެލިއެވެ.

އަންހެން މީހާވަގުތުން ފޯނު ނަގައި އެޑަމްއަށް ގުޅިއެވެ. އަދި ގޭތެރޭގައި އިން މެހެމާނުގެ ވާހަކަ ދެއްކިއެވެ. ވެގެން އުޅޭ ގޮތް ސާފުކޮއްދޭނެ އެޑަމް ކައިރިން އަންހެން މީހާ އެދުމުން ޗަކޯއަށް ދޭންޖެހޭ ފައިސާ ނުދެވިގެން އުޅޭ ވާހަކަ ބުނިއެވެ. މިކަމާ އަންހެން މީހާ ވަރަށް ހިތްހަމަ ނުޖެހި އެޑަމްއާ ދިމާލަށް އެއްޗެހި ކިޔާލުމަށްފަހު ފޯނު ބޭއްވިއެވެ.

" ކިހާވެރެއްތަ އޭނާ ކަލެއަށް ދޭން ޖެހެނީ؟ އަދި މިއުޅެނީ މިމަހު ކުލިވެސް ނުދައްކާ " އަންހެން މީހާ ދެރަވެގެން އިސްދަށް ޖަހާލުމަށްފަހު ބުނެލިއެވެ.

" ވިހި ހާސް " ޗަކޯ ހިނިތުންވެލާފައި ބުނެލިއެވެ.

" ތިވަރެއް ނެތް އަހަރެން އަތަކު. އެޑަމްއަށްވެސް ލިބެނީ އެންމެ ފަނަރަ ހާސް. އޭގެން ކުލި ދައްކާފަ ނޯވޭ ވަރަށް އެއްޗެއް. " އަންހެންމީހާ ރޮވޭހާލު ބުނެލިއެވެ.

" އެހެންވިއްޔާ އޮތްތާކުން ހޯދާށޭ އެޑަމް ކައިރީ ބުނޭ އަހަރެންނެއް މިތާކުން ނުދާނަން ލާރި ނުލިބެނީހެއް މިހާރު ދެމަސް ވީ ލާރިނުދޭތާ " ޗަކޯ ހަރުކަށި ކަމާއެކު ބުނެލިއެވެ.

ޗަކޯ އޭނާގެ ގޮތުގައި އެގޭތެރޭ ހިފަހައްޓާލައިގެން އިނެވެ. އެކަމު އަހަރެންނަށް އެކަމުން ވީ އުދަގުލެވެ. މިކަން ޗަކޯއަށް ފާހަގަ ކުރެވުނުކަންވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އޭނާ އަޅާނުލާ އިނީ ކަމެއްވެގެންކަން އަހަރެންނަށް އެނގެއެވެ. އަންހެން މީހާ ދިޔައީ އިރު އިރު ކޮޅާ ލާރި ދިނުމަށް އެދި އެޑަމްއަށް ގުޅަމުންނެވެ. އޭނާ ހުރީ ވަރަށް ބިރުންކަން އަހަރެންނަށް އެނގެއެވެ. އެދުވަހުގެ ހަވީރު ވަގުތު އަންހެންމީހާއަށް އެޑަމް ގުޅާފައި ޗަކޯ އަތަށް ފޯނު ދިނުމަށް އެދުނެވެ. އަންހެން މީހާ ފޯން ދިނުމުން އެޑަމް ވާހަކަ ދައްކަންފެށިއެވެ.

" ޗަކޯ ހެޔޮނުވާނެ ގެއިން ނުކުމެބަލަ. މިހާރު އަންހެނުންނާ ކުޑަމީހާވެސް އެހުރީ ބިރުން ތިހެން ނޫޅެބަލަ ކަލެއަށް ލިބެންވާ އެއްޗެއް މަ މިދެނީ އިރުކޮޅެއްތެރޭ " އެޑަމް ތުރުތުރުއަޅާހާލު ޗަކޯ ކައިރީ ބުނެލިއެވެ.

" އެއްގަޑި އިރު މިދެނީ. އެވަގުތު އަހަރެން އެކައުންޓްއަށް އެލާރި ނުވަދެއްޖެނަމަ ދެން އަންނަ ވާހަކަތައް މާ ރީއްޗެއް ނުވާނެ. " ޗަކޯ އަޑުހަރުކޮއް ބުނެލިއެވެ.

ފޯން ކޯލް ނިންމާލުމަށްފަހު އަންހެން މީހާއަތަށް ފޯނު ދިނުމަށްފަހު ޗަކޯ ހަމަޖެހިލައިގެން އިނެވެ. ބައިގަޑިއިރުފަހުން އަންހެން މީހާއަށް އެޑަމް ގުޅާފައި ޗަކޯގެ އެކައުންޓް ބަލާލުމަށް ބުނިއެވެ. އަންހެން މީހާގެ އެދުމަށް ޗަކޯ އެކައުންޓް ބަލާލިއެވެ. އެކައުންޓްއަށް ވިހިހާސް ރުފިޔާ ވަދެފައި އިންތަން ފެނުނެވެ. ޗަކޯ ސޯފާއިން ތެދުވެ ޝުކުރިއްޔާއޭބުނެފައި އެގޭން އަހަރެން ގޮވައިގެން ނުކުތެވެ. ނުކުތުމާއެކު އަހަރެންނާ ދިމާލަށް ޗަކޯ އެނބުރުނެވެ.

" އަހަރެންނަށް އެނގޭ ކަލޭ އެމީހުންނަށް ހަމްދަރުދީވިކަން ނަމަވެސް ލާރި ހޯދަން އުޅެން ޖެހޭނީ މިހެން. ދޫދޭނަމަ ދުވަހަކުވެސް ލާރިއެއް ނުލިބޭނެ. އަހަރެންވެސް ކުރަން ބޭނުންވި ގޮތަކަށް ނޫން މި ކުރީކީ އަމުދުން ކުޑަކުއްޖެއް ހުއްޓާ ނަމަވެސް ހަމަ ފިއްތާލީ. " ޗަކޯ ރުޅި ރާގަކަށް އަހަރެންނާ ދިމާލަށް ބުނެލިއެވެ.

" ސުވާލެއް ކޮއްލަންތަ؟ " އަހަރެންނަށް ނުހުރެވިގެން ބުނީމެވެ.

" ކޮއްބަލަ. " ޗަކޯ ސައިކަލަށް އަރަމުން ބުނެލިއެވެ.

" ދެން އަންނަ ވާހަކަތައް މާ ރީއްޗެއް ނުވާނެ. އޭގެ ފަހަތުގައި ވަނީ ކޮންއެއްޗެއް؟ " އަހަރެން ބޯކަހާލަމުން ބުނެލީމެވެ.

" ކަލޭ ގަޅިތަ؟ ކަލޭ ހީކުރީ މަ މިއަދު ކަލޭ ގޮވައިގެން ލާރި ހޯދަން މި ނުކުތީ އާދައިގެ މީހުން ކައިރިއަށް ކަމަށްތައް؟ އެޑަމްއަކީ އަހަރެން އަތުން ގަވައިދުން ޑީލްނަގާ މީހެއް އޭނާ އަންހެނުންނަކަށްވެސް ނޭންގޭނެ. އެހާވެސް އޭނާ ރައްކާކޮއްގެން މަ މިގެންގުޅެނީ. އޭނާ ފަލީހަތްކޮއްލާނަމޭ ބުނީމަ ލާރިވެސް އެ ދިނީ. " ޗަކޯ ސައިކަލް ސްޓާޓްކޮއްލަމުން ބުންޏެވެ. އަހަރެންގެ ސުވާލަށް ފުރިހަމައަށް ޖަވާބު ލިބުމުން ޗަކޯއާއެކު ދެން އޮތް މީހާ ހޯދަން ދެމީހުން މާލެތެރޭ ދުއްވަން ފެށީމެވެ.

- ނުނިމޭ -    

Advertisement

ކޮމެންޓް