އިންޑިއާގެ ފޮރިން ސެކްރެޓަރީ މިއަދު ރާއްޖެއަށް ވަޑައިގަންނަވާނެ
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝްވަރްދަން ޝްރިންގްލާ މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ.
މިއަދުން މިމަހުގެ 10ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ރަސްމީ ދަތުރަކީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެއެވެ.
މިދަތުރުގެ ތެރޭގައި ހިމެނިގެންދާނޭ ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި މި ގްރާންޓް އެގްރިމެންޓްއަކީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި އެކު ސޮއިކުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) އާއި ގުޅޭ ދެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން ހިމެނެއެވެ. ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކްއަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނަވާ، އަދި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އެބޭފުޅާ ކުރައްވާ ދަތުރުފުޅެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists