ސަލްޓަން ޕާކު މާދަމާ ހުޅުވަނީ!

20 Nov 2020 | 21:28

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ތަރައްގީކުރި "ސަލްޓަން ޕާކު" މާދަމާ އަލުން ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޔާމީންގެ ސަރުކާރުން އެ ޕާކަށް ދީފައި ވަނީ "ރަސްރަނި ބަގީޗާ" އެވެ. ނަމަވެސް އެ ޕާކުގެ ނަން މި ސަރުކާރުން ވަނީ ސަލްޓަން ޕާކުގެ ނަމަށް އަނެއްކާވެސް ބަދަލުކޮށްފައެެވެ.

ރަސްރަނި ބަގީޗާގެ ނަން "ސަލްޓަން ޕާކް" ގެ ނަމަށް ބަދަލުކުރަން ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީޚީ މުހިންމު ތަނަކަށް ވުމާއި އެކު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލަފާގެ ދަށުންކަމަށްވެސް ސިޓީ ކައުންސިލުން ކުރިން ބުނެފައި ވެއެވެ.

މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ ފަތިހު 04:30 އިން ފެށިގެން ހެނދުނު 09:00 އަށް އަދި ހަވީރު 04:30 އިން ރޭގަނޑު 09:30 އަށް ޕާކް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ޕާކުގައި އުޅޭ ވަގުތުތަކުގައި މާސް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ޝިފާ ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ހުރިހާ ޕާކުތަކަކާއި މައިޒާންތަކެއް ވަނީ ބަންދުކޮށްފައެވެ.ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފެށުމުން މިހާރު ވަނީ އަނެއްކާވެސް ޕާކުތަކާއި މައިޒާންތައް ހުޅުވުމަށް ހުއްދަދީފައެވެ.

ސަލްޓަން ޕާކު މާދަމާ ހުޅުވާއިރު ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީކުރި ލޮނުޒިޔާރަތް ޕާކު ވަނީ މި ނިމުނު ހަފްތާގައި ހުޅުވާފައެވެ.

Advertisement

ކޮމެންޓް