ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފި

20 Nov 2020 | 23:36

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މިއަދު އުފައްދައިފިއެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވީ މިނިސްޓަރ އިމްރާން އަބްދުﷲއެވެ.

އެ ޑިޕާޓްމެންޓް ހުޅުއްވައިދެއްވުމަށްފަހު އިމްރާން ވިދާޅުވީ މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫންކަމަށާއި, މިއީ ވަރަށް ބޮޑު ޒިންމާއެއް, މަސްއޫލިއްޔަތެއް އަދި އަމާނާތެއްކަމަށެވެ.

ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާ އަލިވެގެން ނުދާނެކަމަށެވެ.

އަދި އާއްމު އަދުލުގެ ނިޒާމްގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާ ގޮތެއްގައި ހިންގި އެ ނިޒާމް ފުރިހަމަ ކުރެވުމަކީ މުޖުތަމައު ހަރުދަނާވެ, ބަދަހިވެ ދުޅަހެޔޮވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ފާތުމަތު ރޫނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެކުދިން އަނބުރާ މުޖުތަމައަށް ގެނައުން ކަމަށެވެ. އެކުދިން ތިބެން ޖެހޭނީ ގޭގައި, އަދި ސްކޫލްތަކުގައި ކަމަށާއި, މުހިއްމު އަމާޒަކީ އެއީކަމަށް ވިދާޅުވިއެވެ.

އެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރާނީ ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ކޮށްފައިވާ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. އަދި މި ޑިޕާޓްމަންޓް އުފެދުމާއެކު، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވުނީއެވެ.

ޤާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ. 

އަދި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުޤީޤީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވަރޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާޢި މަސްލަހަތު ހިމާޔަތްކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

Advertisement

ކޮމެންޓް

Advertisement