ރައީސް ޞާލިހްގެ ފެންވަރު ދަށްކަމާއި، މަޤާމަށް ކުފޫ ހަމަނުވާކަން އިތުރަށް ހާމަވެއްޖެ: އިދިކޮޅު

21 Nov 2020 | 15:44

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފެންވަރާއި ފަންވަރު ދަށްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އެމަނިކުފާނު ކުފޫ ހަމަނުވާކަން އިތުރަށް ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފިއެވެ.

ހއ.ހޯރަފުށީ އެއާޕޯޓް ހުޅުުވުމަށްޓަކައި ބޭއްވި އަގޮބޮޑު ރަސްމިއްޔާތުގައި ރައީސް އިބްރާހިމް ޞާލިޙް ދެއްކެވި ވާހަފުޅަށް ރައްދު ދެއްވާ އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޞާލިހްގެ ވާހަކަފުޅުތަކަކީ އެމްޑީޕީގެ ނިސްބަތުން ވެސް ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ.

އެގޮތުން ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، ޢާންމު އުޞޫލުން، އެމްޑީޕޫގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޤައުމީ އިޤްތިޞާދާއި ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ދަރަނީގެ ހިސާބުތައް ވިދާޅުވުމުގައި، އެމަނިކުފާނު ޚުލާސާކޮށް ބަޔާންކުރެއްވި އެއްޗަކާ، އެ ހިސާބުތަކުން އެންމެނަށް ފެންނަންހުރި ހަޤީޤަތާ ދިމާ އިދިކޮޅުކަމަށް ބުނެފައިވެއެވެ. މިގޮތުން އިޤްތިޞާދީ ޢިލްމު ލިބިވަޑައިގެންފައި ނެތަސް، ދައްކަވާ ވާހަކަފުޅުތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވުމުގައިވެސް، އޭގައި ހުރި މަޢުލޫމާތާއި ޚުލާސާތައް ޞައްޙަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިނގިލި ދިއްކުރައްވާ، ރޯ ބުހުތާނު ދޮގުތަކެއް ހައްދަވާފައިވާއިރު، އެކަންކަން މިއަދުވެސް އަދި ފަހުންވެސް ސާބިތުކޮށްނުދެއްވާނެކަން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން އެތައް މިލިއަން ޑޮލަރެއްގެ ޚަރަދުކުރައްވައިގެން ބޭރުގެ ޕަބްލިކް ރިލޭޝަން މާހިރުން މެދުވެރިކޮށް އަދި އެތައް ބަޔަކު ރައީސް އޮފީހުގެ ވަޒީފާގައި ގެންގުޅުއްވައިގެން ނަފްސު އޮފުކުރައްވަން ރައީސް ޞާލިހް މަސައްކަތްކުރައްވާއިރު، މިބާވަތުގެ ފެންވަރުދަށް ވާހަކަފުޅުތައް ދެއްކެވީމައި، ރައްޔިތުންނަށް ހާމަވެގެންދަނީ ރައީސް ޞާލިޙަކީ ރާއްޖެފަދަ ތަޢުލީމީ އަދި ތަހުޒީބު މުޖްތަމައެއްގައި ވެރިކަންކުރައްވާ ފެންވަރާއި ފަންވަރު ކިބައިގައި ނެތް، އެފަދަ މަޤާމަކަށް ކުފޫ ހަމަނުވާ ބޭފުޅެއްކަން ކަމަށް ވެސް އިދިކޮޅު ދެޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނީލަންކިޔާ، ދީނީ ވަޙުދަތު ނަގާލަން ރާއްވަވާ، އިޖްތިމާޢީ އަދާލަތު ގެއްލުވާލާ، އިޤްތިޞާދު އިނދަޖައްސާލުމަށްފަހު، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ލަދުވެތި ނާކާމިޔާބު ނަތީޖާއާމެދު ބިރުވެތިވެ، ދޮގު ތުހުމަތުތަކެއްގެ އަލީގައި ސިޔާސީ ހަޔާތް އިތުރަށް އާބާދުކުރެއްވިދާނެކަމަށް ހީފުޅުވުމަކީ ބޮޑު ކުށެއް." ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް މިފަދަ ގިނަ ރޮގުތަކެއް ހައްދަވާ، މިހާތަނަށް އެއްވެސް ފިޔަވަޅެއް ފުއްދުމަށް އެޅިފައިނުވާ ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެން، ރައީސް ޔާމީނާއި ޕީޕީއެމްގެ މެންބަރުންގެ އަބުރު ކަތިލައްވައިގެންކަމަށްވިއަސް، މިއަދު ދިވެހިން ތިބީ އެއަށްވުރެ ހުޝިޔާރުވެގެން ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

މަތިންދާބޯޓުތައް ޗާޓަރކޮށްގެން، ކޮވިޑްގެ ތެރޭގައި ގައިގޯޅިކޮށް ރަތްދައްކާ އަވީގައި ކުޑަކުދިން ބައިތިއްބައިގެން ސަނާކިޔުއްވާ، ރަސްކަލެއްހެން ހަތްކޮޅުގައި ރަށަށް ބާލަން މަޖުބޫރުކުރުމުގެ އިތުރުން، އަމިއްލަ ސޫރައިގެ ވިހިތިރީސް ފޫޓްގެ ބޮޑެތި ކުރެހުންތައް ރަށުތެރޭގައި ބަހައްޓައިގެން ކުރަމުންދާ އިސްރާފުތަކަކީ، އެކަމަށްޓަކައި ރައްޔިތުން ދުވަހަކުވެސް އެމަނިކުފާނަށް މަޢާފުކުރާނެ ކަންކަމެއް ނޫނެވެ. އެކަމުގެ އަޒުލު ރައްޔިތުންގެ އަތްމަތިން ފުރަތަމަ ލިބިވަޑައިގަންނަވާނީ މާޗް 2021 ގައެވެ. އަދި، އެއަށްފަހު، ވަރަށް ހުތުރުގޮތެއްގައި ސެޕްޓެމްބަރު 2023 ގައެވެ. ރައްޔިތުންގެ ފައިސާ އިސްރާފުކުރައްވާ، ދޮގު މަޢްލޫމާތު ދެއްވުމުގެ ބަދަލުގައި، ޤާނޫނު އަރާ ހަމަކުރާނެ ދުވަހަށް ތައްޔާރުވުން އެމަނިކުފާނަށް އައުލާކަންބޮޑުކަމުގައި ދެކޭކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ނުހައްގުން އަނިޔާވެރިގޮތަކަށް މި ޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއްއަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެމްބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ" ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް