ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލްތަކަށް އެދުނުތާ 99 ދުވަސް. ޖަވާބެއްނެތް!

24 Nov 2020 | 21:20

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް ހުށައެޅި މުހިންމު މައުލޫމާތެއް ނުލިބި ދިގު މުއްދަތެއް ވޭތުވެފައިވާކަމަށް ހާމަވެއްޖެއެވެ.

އެގޮތުން ރައީސް އޮފީހުގެ ފަރާތުން އެތަނުގެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލްތައް ހޯދުމަށް އެދިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ސަރުކާރުގެ އިދާރާތައް ޒިންމާދާރު ކުރުވުމުގެ މަަސައްކަތް ކުރަމުންދާ ޒުވާނެއް ކަމަށްވާ އައިމަން ލަތީފެވެ.

އައިމަން ކުރި ޓްވީޓެއްގައި ބުނީ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް ހާމަކުރަން އެދުނުތާ މާދަމާއަށް 99 ދުވަސް ވާނެ ކަމަށާއި، މީގެ ކުރިން ތަފްސީލްތައް ހޯދަން އެދުމުންވެސް އެކަން ވީ 65 ދުވަހުން ކަމަށެވެ. އަދި މައުލޫމާތެއް ހޯދަން ބޭނުންވާ ކޮންމެ ފަހަރަކު ޓްވީޓްކުރަންވީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އޭނާ ބުނީ ރައީސް އޮފީހަށް އެތަކެއް އީމެއިލެއް ފޮނުވައި، މިހާތަނަށް ފަސް ފަހަރު ގުޅާފައިވެސް ވާނެ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު އެތަނުގެ އިންފޮރމޭޝަން އޮފިސަރކަމަށްވާ އަޒްމީނާ ބައްދަލުވެފައި ނުވާކަމަށާއި، ސަބަބަކީ އަޒްމީން އެއްވެސް އިރަކު އޮފީހުގައި ނެތުން ކަމަށެވެ.

އައިމަން ވަނީ މިކަންތައް މިއަށްވުރެ ރަނގަޅުކުރުމަށް އެދިފައެވެ. އަދި އަޒްމީނަށް މަގާމުގެ ޒިންމާ އަދާ ނުކުރެވޭނަމަ، އެހެން ބޭފުޅަކަށް އެކަން ހަވާލުކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

ދާދިފަހުން ފާހަގަކުރި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ކޮންމެ ސަރުކާރެއްގައިވެސް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފައްދާ ތަނެކެވެ. އެހެންކަމުން އެތަނުގެ މުސާރައަށް ކުރާ ޚަރަދުތައް އަބަދުވެސް ބޮޑެވެ. 

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް