އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފި

21 Nov 2020 | 22:29

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުގައި ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ފުރައްސާރަކުރި މައްސަލައިގައި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރިއިރު، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދަޢުވާތައް ކުރުމަށް 18 ނޮވެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން އޭނާއާއި ދެކޮޅަށް ހުށައެޅިފައިވާ މައްސަލަތަކަކީ:

1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.

2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.

3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.

5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.

6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ، މިއެވެ.

މިމައްސަލައަކީ ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ނަމަވެސް، އޭނާ އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަޤާމުން ވަކިކޮށްފައެވެ.

އަދި މިމައްސަލައިގައި ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، ލެޕްޓޮޕާއި ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް

Advertisement