އިންތިޒާމްތައް ހަމަނުޖެހޭތީ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ޑިސެންބަރ 6 ވަނަ ދުވަހު!

26 Nov 2020 | 11:40

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމެއް 6 ޑިސެންބަރ ވަނަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ދެވަނަ އަޑު އެހުމެއް ތާވަލްކޮށްފައމިވަނީ ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބޭއްވުމަށްފަހުއެވެ.

މިއަދުގެ އަޑު އެހުމުގައި ހަމަޖެހިފައިވީ ހުށަހެޅިފައިވާ ޑޮކިއުމެންޓް ހަމަތޯ ބެލުމެވެ. ނަމަވެސް މިހާތަނަށްވެސް ދައުލަތުން ރައީސް ޔާމީން އާއި ވަކީލުންނަށް، މި މައްސަލާގައި ހިމެނޭ އޯޑިއޯ ކްލިޕް އަޑު އެހޭނެ ގޮތެއް ހަމަޖެހިފައިނުވާތީ މިއަދު ގެ އަޑު އެހުން ވަނީ ޝަކުވާ އަޑު އެހުމަށްފަހު އަންނަ މަހުގެ 6 ވަނަ ދުވަހަށް ލަސްކުރެވިފައެވެ.

ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިކޮށްގެން ޝަރީއަށް ގެންދިޔަނަމަވެސް މި ޝަރީއަށް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް، ރައީސް ޔާމީންއާއި ވަކީލުން ވަކިންނެވެ. އެހެންކަމުން ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ ވަކީލުންނާއެކު ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށެވެ.

މިދިޔަ ބުދަ ދުވަހުވެސް ވަނީ އެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައެވެ.ނަމަވެސް ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން އެމަނިކުފާނުގެ އެދުމުގެ މަތިން ވަނީ ޝަރީއަތް ކޯޓުން ކެންސަލް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް

Advertisement