މިފަހަރުގެ ޗުއްޓީ ދިވެހި-އަދަބީ ޗުއްޓީއަކަށް ހަދަމާ!

05 Dec 2020 | 11:13

ކުރިމަތިވަމުން މި އަންނަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީއެވެ. އެހެން އަހަރުތަކުގައި ޑިސެންބަރު ޗުއްޓީއަކީ ބޮޑު ޗުއްޓީ (ދަރިވަރުންގެ ގުރޭޑު ބަދަލުވާ ޗުއްޓީ) ކަމަށް ވިޔަސް، މި ފަހަރުގެ ހާލަތު އޮތީ އެހެންނެއް ނޫނެވެ. މި ފަހަރުގެ ޗުއްޓީއަކީ ކުލާސް ބަދަލުވާ ޗުއްޓީއެއް ނޫނެވެ. މީގެ އިތުރުން ކުރީގެ ޑިސެންބަރު ޗުއްޓީތައް ފެށެނީ އަޅުގަނޑުމެން ކޮންމެވެސް ތާކަށް ދާން ފޮށިތަންމަތި ބަންދުކޮށްގެން ތިއްބާ ކަމަށް ވިޔަސް މި ފަހަރު ކަންތައް ދިމާވެފައި މިއޮތީ މީގެ މުޅިން އިދިކޮޅަށެވެ. މި ފަހަރު ދަތުރުކުރުމުގައި ވެސް މިއޮތީ ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ހުރަސް އެޅިފައެވެ. އެހެންނަމަވެސް ޗުއްޓީ މި އޮތީ އައިސް ޖެހިފައެވެ. ކަރަންޓީނު ވެގެން ވިޔަސް ގިނަ ބަޔަކު އަންނަނީ ދަތުރު ހަދަމުންނެވެ. ހަމަމިއާ އެކު ވަރަށް ގިނަ ކުދިން ދިވެހިބަހަށް ދަށްކަމަށް ފާހަގަކުރެވުމާއެކު، މި ފަހަރުގެ ޗުއްޓީ ދިވެހި-އަދަބީ ޗުއްޓީއަކަށް ހަދައިލުން ކިހިނެއްވާނެތޯއެވެ.

އިސްކިރީން ވަގުތު ކުޑަކޮށް ފޮތް ކިޔުއްވުން.

ޗުއްޓީގައި ދިމާވާ އެއް މައްސަލައަކީ އިސްކިރީނަށް ގިނަ ވަގުތު ހެއްލި ގޮސް ގެއްލުމެވެ. މިކަން މި ގޮތަށް ދިމާވަނީ ގޭގައި ގިނަ ވަގުތު، ކަމެއް ނެތި އުޅެން ޖެހުމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިސްކިރީނު ވަގުތު ގިނަވުމުގެ ސަބަބުން ކުދިންނަށް ތަފާތު މައްސަލަތައް ދިމާވެއެވެ. އޭގެ ތެރޭގައި ރުޅިގަދަވުން ފަދަ ނަފުސާނީ މައްސަލަތަކާއި މީހުންނާ އެކަހެރިވުމާއި ސަމާލުކަން ހޯދުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ނިދާ ކޮޓަރީގައި ޓީވީ ހުންނަ ކުދިންގެ ތައުލީމީ ފެންވަރު ދަށްވުމާއި ފަލަވުމާއި ނުނިދުމާއި ބައެއް ކަހަލަ ގޭމާއި ފިލްމު ބަލާ ކުދިން އަތުންފައިން ގޯސް ހެދުމުގެ އަމަލުތައް ފެންނަ ކަމަށް ވެއެވެ. އެހެން ކަމުން ޗުއްޓީ ދުވަސްވަރު ފަދަ ދުވަސްވަރެއްގައި އިސްކިރީނު ވަގުތު ކުޑަކުރުމަށް، ދަރިވަރުން ލައްވާ ފޮތް ކިޔުއްވިދާނެއެވެ. މިގޮތުން ފޮތް ކިޔުއްވާއިރު ކޮންމެ ދުވަހަކު ވެސް ދިވެހި ފޮތަކުން ސަފުހާއެއް، ދެ ސަފުހާއެއް ނޫނީ މަޒުމޫނެއް، ދަތުރުނާމާއެއް ވެސް ކިޔުއްވިދާނެއެވެ.

ހަމައެކަނި ފޮތް ކިޔާލާށޭ ނުބުނެ ކިޔާނެ ގޮތެއް ހެދުން

ބައެއް ބެލެނިވެރިން ދިވެހި ފޮތް ކިޔާށޭ ދަރިން ގާތު ބުނެއެވެ. މިހެން އަދި ބުނުމަކުން ދިވެހި ފޮތް ކިޔަން ޝައުގުވެރިކަމެއް ނެތް ކުދިން އެކަމަަށް ސަމާލުކަމެއް ނުދެއެވެ. އެހެންކަމުން، ކުދިން ލައްވާ ފޮތް ކިޔުއްވުމަށް ޓަކައި، ކުދިން ކިޔާނެ ފޮތް ނުވަތަ ލިޔުން ބެލެނިވެރިޔާ ހޯދާށެވެ. މީހަކު ގާތު ބުނެގެން ނޫންނަމަ ދަރިފުޅުގެ މުދައްރިސް ގާތު ބުނެގެން ވެސް ލިޔުމެއް ހޯދިދާނެއެވެ. ނޫންނަމަ މިހާރު އޮންލައިންކޮށް ވެސް ވަރަށް ގިނަ ފޮތްތަކާއި ލިޔުންތައް ލިބެން ހުރެއެވެ. މަޖައްލާ.އެމްވީއާއި ސަރުނަ ފަދަ އޮންލައިން މަންސަތަކުން ވަރަށް ރަގަޅު ލިޔުންތައް ހޯދިދާނެއެވެ.

ލިޔުންތައް ހޯދުމަށް ފަހު ކިޔައިގެން ދަރިވަރު ކުރާނެ މަސައްކަތެއް ވެސް އޮންނަންވާނެއެވެ. މިގޮތުން ލިޔުން ކިޔައިގެން، މާނަ ނޭނގޭ ލަފުޒުތަކަކާއި އޭގެ މާނަ ނޯޓު ކުރަން ހަވާލުކުރެވިދާނެއެވެ. ނޫންނަމަ ބެލެނިވެރިޔާ، ލިޔުން ކިޔައިލުމަށް ފަހު އޭގެ ޕެރެގްރާފުތައް އޮޅުވާލާފައި ދަރިފުޅު ތަރުތީބު ކުރަން ވެސް ދެވިދާނެއެވެ. ނޫނީ ކިޔަން ދޭ ލިޔުން ހުލާސާކޮށްލާފައި އަލުން ލިޔަން ވެސް ހަވާލުކުރެވިދާނެއެވެ. މިފަދަ މަސައްކަތްތައް ދޭން ބެލެނިވެރިޔާއަކީ ދިވެހިބަހުގެ މާ މޮޅު މާހިރަކަށް ވާކަށް ވެސް ނުޖެހޭނެއެވެ. ދަރިފުޅު މަސައްކަތް ނިންމައިގެން ގެނައުމުން ކިޔާލާފައި "ވަރަށް މޮޅު" ފަދަ ބަހެއް ލިޔެލުމުން ފުދޭނެއެވެ. އެއީ ދަރިފުޅާ ހަވާލު ކުރެވުނު މަސައްކަތް ނިންމާފައިވާލެއް ވަރަށް މޮޅުވީތީ ދިން "ވަރަށް މޮޅު" އެއް ކަމަށް ބެލިދާނެއެވެ.

ކަސްރަތާ އެކު ވެސް ބަސް ކުރިއެރުވުން

ޗުއްޓީތެރޭގައި ގޭގައި ތިބެގެން އަބަދު ފޮތްކިޔުމާއި ޓީވީ ބެލުން ފަދަ ކަންކަން ކުރަން ޖެހިއްޖެ ނަމަ ދަރިވަރުންނަކަށް ޗުއްޓީއެއްގެ އިހުސާސެއް ނުވާނެއެވެ. އަނެއްކޮޅުން ކޮވިޑާ ގުޅިގެން ކަސްރަތެއް ނެތި ގޭގައި ތިބުމުގެ ސަބަބުން ކުދިންގެ ވިސްނުމާއި ހެދިބޮޑުވުމާއި ނަފުސާނީ އަދި ޖިސްމާނީ އެތައް އެތައް ކަމަކަށް ވާނީ އަސަރުކޮށްފައެވެ. އެހެންކަމުން، ޗުއްޓީގެ ދުވަސްވަރު ކަސްރަތު ލިބޭ ކޮންމެ ވެސް ހަރާކާތެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ފަތިސްނަމާދުން ފައިބައިގެން އާއިލާ އެއްކޮށް ހިނގާލަން ދިއުމަކީ ކުރެވިދާނެ ކަމެކެވެ. ނޫންނަމަ ފަތަން ނޫނީ މޫދަށް އެރެން ވެސް ދެވިދާނެއެވެ. އަދި އަތިރިމަތީގައި ކޭންޕު ޖަހައިގެން ތިބުން ފަދަ ކަމެއް ވާނީ ކުދިންނަށް ވަރަށް ވެސް މަޖާ ކަމަކަށެވެ. މިފަދަ ހަރަކާތެއް ރާވާ އިރު، ދެ ތިން އާއިލާއެއް އެއްވެ، އަތިރިމަތީގައި ކޭންޕުޖަހައި، ތަފާތު ކުޅިވަރުގެ ހަރަކާތްތަކާ އެކު ބޭއްވިދާނެއެވެ. މިފަދަ ހަރަކާތަކާ ބަސް ދަސްކޮށްދިނުމާ ވަރަށް ވެސް ބޮޑަށް ގުޅުވާލެވިދާނެއެވެ. މި ގޮތުން މިފަދަ ހަރަކާތްތަކުގެ ތެރޭގައި އުޅޭއިރު ދަރިންނާ ވީހާ ވެސް ބޮޑަކަށް ދިވެހި ބަހުން ވާހަކަ ދެއްކިދާނެއެވެ. އަދި ދަރިފުޅު ބުނާ އެއްޗެއް މައް ދިވެހިބަހުން ބުނުމަށް ބާރު އެޅިދާނެއެވެ.

ވަރަށް ގިނަ ދަރިވަރުންނަށް ދިމާވާ މައްސަލައަކީ ބަސްކޮށާރަށް ދަށްވުމުގެ މައްސަލައެވެ. މިފަދަ ހަރަކާތެއްގައި އުޅޭއިރު ވީހާ ވެސް ބޮޑަކަށް މާހައުލާ ގުޅޭ ބަސްތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ބާރު އެޅިދާނެއެވެ. މިސާލަކަށް ހިނގާފައި ދާއިރު ފެންނަ ގަސްތަކާއި މާމަލާއި އަދި ދޫންޏާއި މާހައުލުން ފެންނަ ތަކެތީގެ ނަންތައް ދަރިވަރަށް ކިޔައިދެވިދާނެއެވެ. މޫދު ދޮށަށް ދާއިރު ހޭޅި، ފަރު، ފަޅު، ކަނޑު، ވިލު، ގޮނޑުދޮށް ފަދަ ލަފުޒުތައް ދަސްކޮށްދެވިދާނެއެވެ. އަދި މޫދުން ފެންނަ މަސްމަހުގެ ނަންތައް ވެސް ދަސްކޮށްދެވިދާނެއެވެ. އަތިރިމަތީގައި ހެދިފައި ހުންނަ ގަސްގަސް، ކުރެދި، ދިއްގާ، މަގޫ ފަދަ ނަންތައް ވެސް ދަސްކޮށްދެވިދާނެއެވެ. އަދި ފެންނަ މަންޒަރުތައް ސިފަކުރާނެ ގޮތްތައް ވެސް ކިޔައިދެވިދާނެއެވެ. މިސާލަކަށް މަތިން ފެންނަ ވިލާގަނޑެއް ސިފަކޮށްދޭން ވެސް ބުނެވިދާނެއެވެ. މި ގޮތުން ބަހުގެ ބަސްކޮށާރު މުއްސަނދިވެ، ވާހަކަދެއްކުމަށާއި ސިފަކޮށްދިނުން ފަދަ އުކުޅުތައް ދަރިވަރަށް ދަސްވެގެންދާނެއެވެ.

މީގެ އިތުރުން ކުޅިވަރެއް ކުޅޭނަމަ ދިވެހިވަންތަ ކުޅިވަރުތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނިދާނެއެވެ. މިސާލަކަށް އައްޕޯޑަން، ފަސްއޮށް ފަދަ ކުޅިވަރުތަކަށް އިސްކަންދެވިދާނެއެވެ.

ދިވެހި-ސަގާފީ ދަތުރެއް ރޭވުން.

ޗުއްޓީއެއްގައި ކުރަން އެންމެ ރަގަޅު އެއް ކަމަކީ ދަތުރުކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއިލާއާ އެކުގައި ކުދިން ކުރާ ދަތުރުތަކަކީ ކުދިންނަށް ވަރަށް ބޮޑެތި ފައިދާ ކުރާ ކަމެކެވެ. އަދި އަހަރު ދުވަހުގެ ކިޔެވުމަށް ފަހު ހާސްކަމާއި ފިކުރުތަކާ ދުރުވެލަން އޮތް އެންމެ ރަގަޅު އެއް ފަރުވާއަކީ ވެސް ދަތުރުކުރުން ކަމުގައި ގިނަ ދިރާސާތަކުން ހާމަވެފައިވެއެވެ. މީގެ އިތުރުން، އެކި ތަންތަނަށް ދަތުރުކުރުމުގެ ސަބަބުން ދިރިއުޅުމުގެ ތަފާތު ރަހަތަކާއި އިޖުތިމާއީ އަގުތަކާއި ކަންކަން ރޭވުމާއި ވަގުތަށް ކަންކަން ނިންމުމާއި ބަހާއި ސަގާފަތާ ގުޅޭ ކަންކަން ދަސްވެގެން ދެއެވެ. ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި ދަތުރުކުރުމަކީ ކުލާސްރޫމަކުން ދަސްނުވާ އެތައް ކަމެއް ދަސްވެގެން ދާނެ ކަމެކެވެ.

ކޮވިޑުގެ ބަލިމަޑުކަން އޮތަސް ރާއްޖޭގެ އެއް ރަށުން އަނެއް ރަށުން ދަތުރުކުރާކަށް ހުރަހެއް ނެތެވެ. އެހެންކަމުން ދަރިންނާއެކު، ރާއްޖޭގެ އާސާރީ ނުވަތަ ސަގާފީ ރަށަކަށް ދަތުރުކޮށްލުން ވަރަށް ރަގަޅުވާނެއެވެ. ރާއްޖޭގައި މިފަދަ ވަރަށް ބައިވަރު ރަށްތައް އެބަހުއްޓެވެ. އުތުރުން ނަމަ އުތީމު، ބާރަށް، މަރޮށި، ކެލާ، މެދުރާއްޖެތެރެއިން ނަމަ ލޯކުރެންދޫ، ދެކުނުން ނަމަ ފ.ނިލަންދޫ، ލ.ގަން، ހުވަދުއަތޮޅު ގަން، ފޯއްމުލައް، ސ.ހިތަދޫ، މީދޫ ފަދަ ރަށްރަށަކީ ރާއްޖޭގެ އާސާރުތައް ދައްކައިލަން ގެންދެވިދާނެ ރަށްރަށެވެ. މި ތަންތަނަށް ގެންދިއުމުގެ ކުރިން، ތަންތަނާ ބެހޭ މައުލޫމާތު ދިނުމަށްފަހު ވެސް ގެންދެވިދާނެއެވެ. ނޫންނަމަ ރަށުން މީހަކު ހޯދައިގެން ވެސް މައުލޫމާތު ލިބޭނެ ގޮތް ހެދިދާނެއެވެ. މިފަދަ މައުލޫމާތުގެ ސަބަބުން ކުދިންގެ ހިތުގައި ގައުމީ ލޯބި އުފެދި އަމިއްލަވަންތަ ކަމުގެ އިހުސާސް ކުރެވިގެންދާނެއެވެ. އަދި މިފަދަ މައުލޫމާތުތަކަކީ ކުދިން ލިޔާ މަޒުމޫނުތަކުގެ މައުލޫމާތު މުއްސަނދި ކުރުމުގައި ފަހުން ވެސް ބޭނުން ހިފޭނެ މައުލޫމާތުތަކެވެ.

މިފަދަ ދަތުރަކާ ގުޅިގެން ދަރިންގެ ދިވެހި ބަސް ކުރިއެރުވިދާނެ ވަރަށް މުހިންމު އެހެން ބައެއް ކަންކަން ވެސް އެބަހުއްޓެވެ. އެއް ކަމަކީ ދަތުރުމަތީ ކިޔާނެ ފޮތެއް ހޯދައިދިނުމެވެ. އަނެއްކަމަކީ ދަތުރުގެ އުސް އަލިތައް ދަރިފުޅު ލައްވާ ނޯޓު ކުރުވުމެވެ. މިސާލަކަށް ގަޑި، ދުވަސް، ތަން، ބައްދަލުވި މީހުން، ދިމާވިކަންކަން، ދިމާވި އާ ކަންކަން، މަޖާ ކަންކަން ފަދަ ކަންކަން ނޯޓު ކުރެވިދާނެއެވެ. ވަރަށް ގިނަ ފަހަރު ދަރިފުޅު އެނބުރި ސުކޫލަށް ނުކުތުމުން ވެސް ޗުއްޓީގައި ކުރި ކަންކަން ލިޔަން ބުނެއެވެ. މިފަދަ ހާލަތަކަށް ވެސް މިކަން ވާނީ ވަރަށް މުހިންމު ކަމަކަށެވެ.

ނިންމުން.

ޗުއްޓީއަކީ ކަމެއް ނެތި އަތް އުރާލައިގެން އަބަދު ގޭގައި ތިބޭ ދުވަސްވަރަކަށް ހެދުމަށް ފަހު ދިރާސީ އައު އަހަރާ ކުރިމަތި ލުމަކީ ކުދިން ކިޔެވުމާއި ދުރުވެ، ފޫހިކަމާއި މާޔޫސްކަމާ ކުރިމަތިލަން ޖެހޭ ދުވަސްވަރަކަށް ނަހަދާށެވެ. ޗުއްޓީއަކީ އުނގެނުމުގެ އައު ގޮތްތައް ދަސްކުރާ، އުނގެނުމުގެ ބައެއް ކަމުގައި ހަދާށެވެ. އަދި އެއީ ދަރިންގެ ކުރިމަގާއި މުސްތަގުބަލަށް ޓަކައި ދިއްލޭ ވޮށެއް ކަމުގައި ހަދާށެވެ. 

Advertisement

ކޮމެންޓް