ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލުހުކުމް ބާތިލްވުމާއި ގުޅިގެން އެމަނިކުފާނަށް، ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މަރުހަބާ ދަންނަވައިފިއެވެ.
ޑރ.ވަހީދު، ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ޑރ.ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ބޭއިންސާފުން ކުރެވުނު 13 އަހަރުގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޑރ.ވަހީދު މިހެން ޓްވީޓްކުރެއްވުމާއި އެކު އެމަނިކުފާނަށް ވަނީ ރައީސް ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފާޑުކިޔައި ހަދާފައެވެ.
ޑރ.ވަހީދުގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައެވެ.