ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެންނަން އުޅުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟
ސްރީލަންކާ ސަރުކާރުން އެގައުމުގެ މުސްލިމް ރައްޔިތުންގެތެރެއިން ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލާ ގަބުރުސްތާނަކަށް ދިވެހި ރާއްޖެ ހަދައިދޭން އެދި އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސެ ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވިކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެފައިވާ ސިޓީފުޅާއިމެދު ފުންކޮށް އެހެންނަޒަރަކުން ވިސްނައިލަން ޖެހިއްޖެއެވެ. ސަބަބަކީ އިންސާނިއްޔަތު ކަމުގެ ނަޒަރަކުން ބަލައިލާއިރު ގައުމެއްގައި މަރުވާ އެގައުމެއްގެ އަމިއްލަ ފަސްގަނަޑަށް އުފަން އަމިއްލަ ރައްޔިތުންގެ ހަށިތައް، އެހަށިތައް ނިސްބަތްވާ އާއިލާތަކުގެ މީހުންގެ ރުހުމާއި ދެކޮޅަށް ގަދަކަމުން މަރުވެފައިވާމީހާގެ ހަށިގަނޑު ނަގައިގެން ގެންގޮސް ކޮތަޅަކަށްލާފައި، އެހެންގައުމަކަށް އެކްސްޕޯޓްކުރުމަކީ، އިންސާނީ ކަރާމަތް ގެއްލުވައިލުމާއި ލާއިންސާނިއްޔަތުކަމުގެ އިންތިހާއަށް ގޮސްފައިވާ އަމަލަކަށްވާއިރު ދިވެހި ރާއްޖެފަދަ އިންސާނީ ހައްގުތައް ހިމާޔަތްކުރާ އަދި އދގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަންގައިވެސް ހިމެނޭ މެމްބަރު ގައުމަކުން މިފަދަ ޖަރީމާއެއްގެ ތެރެއަށް ވަދެގަތުމަށް އަވަސްއަރައިގެން އުޅުމުގެ ފަހަތުގައި ކޮންމެވެސް އެހެން ސްޓޯރީއެއް އޮންނާނެކަމަށް ގަބޫލުކުރެވޭތީއެވެ.
މީޑިއާގައި އެނބުރެމުންދާ ސްރީލަންކާގެ ސަރުކާރުގެ އެކިއެކި ބޭބޭފުޅުންގެ ވާހަކަފުޅުތައް އައިސްފައިވާގޮތުން މިއީ ސްރީލަންކާ ސަރުކާރުގެތެރޭގައި މަޝްވަރާކުރެވިގެން ހިގާ ކަމަކަށްވުރެ ބޮޑަށް ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް ހިންގޭ މިޖަރީމާގައި ދިވެހި ސަރުކާރުން އަމިއްލައަށް ބޭނިގަނެގެން ނުވަތަ ބައިވެރިވާން ބޭނުންވެގެން ހިންގާފައިވާ މަޝްވަރާތަކެކެވެ.
އަމިއްލަ ގައުމުގެ ރައްޔިތުންގެ ހަށިތައް އެހެން ގައުމަކުން ހަވާލުވާން އެދި ރައީސަކު އެހެންގައުމެއްގެ ރައީސަކަށް ރަސްމީ ސިޓީއެއް ފޮނުވުމަކީ ޑިޕްލޮމަސީއާއި ވަރަށް ބީރަށްޓެހި އަމްދުން ސްރީލަންކާފަދަ ގައުމެއްގެ ވެރިޔަކު ކޮށްފާނެކަހަލަ ޒާތެއްގެ ކަމެއްވެސް ނޫނެވެ. އެހެންނޫނަސް ބަލި ފެތުރިދާނެތީ އަމިއްލަ ގައުމުގައި މީހުން ވަޅުނުލައި ދިވެހި ރާއްޖެކަހަލަ ފެންތިލަ ބިމެއްގައި ދިރިއުޅޭ ބައެއްގެ ތެރޭގައި ވަޅުލައިގެން ބަލިމަޑުކަންފެތުރި ޝިފާއެއްވެސް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެއްގައި ދިވެހިން މަރުވެ ހުސްވާން ލަންކާގެ ރައީސް ބޭނުންފުޅުވަނީތޯއެވެ.
ދިވެހިންނަކީ އިސްލާމުންނަށްވީތީ ހިތްޕުޅުގައި ރަހުމެއްވެސް ނެތީތޯއެވެ. ސްރީލަންކާގެ ސަރުކާރުގެތެރޭގައި މިކަމުގެ މަޝްވަރާއެއް ހިގާފައެއް ނެތްކަމަށް އިވެއެވެ. އެހެންވީމާ މިއީ ސްރީލަންކާގެ ރައީސާއި ރާއްޖޭގެ ވެރިންތަކަކާއި މަޝްވަރާކުރެވިގެން އެއްބަސްވުމަކަށް އާދެވިގެން ފޮނުވި ސިޓީއެއް ކަމަށް ގަބޫލުކުރެވެއެވެ.
ގޯތާބަޔަރާޖަ ޕަކްސެގެ ސިޓީއަކީ މިމަޝްވަރާތަކަށްފަހު ހަމައެކަނި ރަސްމީކޮށްލުމަށް ކުރިކަމެކެވެ. މިސިޓީ ދިވެހި ރާއްޖޭގެ ރައީސަށް ފޮނުވުމާއެކު ޚާރިޖީވަޒީރު ދިވެހި ބަހުން ބަޔާނެއް ޝާއިއުކުރައްވައި ޓްވީޓެއް ކޮށްލުމާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އެކިފެންވަރުގެ ވެރިންނާއި އެމްޑީޕީގެ އެންމެ އިސްވެރިން އަވަސްއަރައިގަނެ މިކަމަށް މަރްހަބާކިޔައި ސޯޝަލް މީޑިއާ ފްލަޑް ކޮށްލުމުން ވިސްނާ ފިކުރު ހިންގާމީހަކަށް ފުދެއެވެ. ސުވާލަކީ އެމްޑީޕީއާއި އަދި ސަރުކާރަށް މިކަމުން ލިބޭން އޮތް ފައިދާއަކީ ކޮބައިތޯއެވެ.
ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެމްޑީޕީގެ ސަރުކާރުން މިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ސަބަބަކަށް ސިޔާސީގޮތުން ބެލެންއޮތީ ކޮޅުނބުގައި ހިންގާ އެމްޑީޕީގެ ސިޔާސީ ޖަގަހަ ހިމާޔަތްކުރުމެވެ.
މިފަހުގެ ތާރީޚްގައި އެމްޑީޕީގެ ސަރުކާރު ނޫން ދެން ރާއްޖޭގައި އުފެދިފައިވާ ސަރުކާރުތަކާއިދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ލީޑަރޝިޕް އަރުވާލެވިގެން ތިބޭ ރަށަކީ ކޮޅުނބެވެ. ކޮޅުނބު އެމީހުންގެ ހިތަކަށް ދީފައި އޮވެއެވެ. ސްރީލަންކާގައި އެމްޑީޕީގެ ވެރިންނަށް އެންމެ ހެޔޮއެދޭ މިތުރަކީ މިހާރު އޭނާގެ ސިޔާސީ ހަޔާތް ގޮތަކަށް އިރު އޮއްސިފައިވާ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގ ހެވެ.
ރާޖަޕަކްސެގެ އާއިލާއަކީ އެހާބޮޑަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގާތްކަން ބާއްވާ އާއިލާއެއް ނޫނެވެ. އެއާއިލާގެ ބޮޑުންކަމުގައިވާ ބޮޑުވަޒީރު މަހިންދަރާޖަޕަކްސެގެ ލިންކް ބޮޑަށް އޮންނަނީ ފެންނަ ފެނުމަށް ރާއްޖޭގެ ކުރީގެ ރައީސް ޔާމީންއާއިއެވެ.
ގޯތާބަޔަ ރާޖަޕަކްސެ ސްރީލަންކާގެ ރައީސަކަށް ހޮވި، އަދި ބޮޑުވަޒީރަކަށް މަހިންދަ ރާޖަޕަކްސެ ވަޑައިގަތްފަހުން ރާއްޖޭގެ ކުރީގެ ރައީސް މިހާރު މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި އަދި މިހާރުގެ ސަރުކާރާއެކު މާކަ އެދެވޭ ގުޅުންތަކެއް، މިދެންނެވީ ކުރީގެ ބޮޑުވަޒީރުގެ ސަރުކާރާއެކު އޮތް ފަދަ ވަރުގަދަ ގުޅުންތަކެއް އޮތްކަމަކަށް ނުފެނެއެވެ.
ދިވެހި ރާއްޖޭގެ ހިކިމަސް ސްރީލަންކާއަށް އެތެރެކުރުން މަނާކުރުމުގެ ވާހަކަތަކެއް ދެކެވިގެންދިޔައިރު އެކަމުގެ ހަގީގަތް ހޯދަން ދިވެހި ސަރުކާރުން އުޅުނުގޮތުން ކުނިތަކެއް ޖެހިފައިވާކަން ދޭހަވެއެވެ. ޚާރިޖީ ސިޔާސަތުވެސް އުޑާއި ބިމާއި ހާ ތަފާތެވެ. ރާޖަޕަކްސެމެންގެ ސަރުކާރަކީ އިންޑިއާއާއި ހުޅަނގާއި ގާތްވުމަށްވުރެ ބޮޑަށް ޗައިނާ ފްރެންޑްލީ ސަރުކާރެކެވެ. އެމްޑީޕީގެ ލީޑަރާއި އެޕާޓީގެ ސަރުކާރު ފެންނަނީ އިންޑިއާކަނޑުގައި ޗައިނާ އެކަހެރިކުރުމަށް ކުރާ މަސައްކަތަށް ވާގިވެރިވާ ބައެއްގެ ގޮތުގައެވެ.
ރަނިލް ވިކްރަމަ ސިންގގެ ތަރި އޮއްސިފައިވާގޮތުން އެމްޑީޕީގެ ވާފަތް ކޮޅުބުގައި ބަންނާނެ އެހެން ގަލެއް ހޯދަން އެޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުންނަށް މިހާރު ވަނީ ވިސްނަންޖެހިފައެވެ. މިވަގުތަށް ހުޅުވިފައިވާ ދޮރަކީ ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް ރާޖަޕަކްސެގެ ސަރުކާރުން ހިންގާ ޖަރީމާގައި ހިތާއި ހިތުގެ ގުޅުމުން ބައިވެރިވާކަން ސާބިތުކޮށްދިނުމެވެ.
ބަލިޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމަކަށް ޑަމްޕުކުރަން އުޅުމުގެ މިނާތަހްޒީބު އަދި ލާއިންސާނީ އަމަލުގައި ބައިވެރިވާން އެދޭކަން ފާޅުކުރުމަކީ ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް، އަދި ކޮންމެފަދަ ގުރުބާނީ އެއް ވާންޖެހުނަސް ރާޖަޕަކްސެގެ އާއިލާގެ ބާރުގަދަ ބޭފުޅުންނާއެކު އެއްސުފުރާއެއްގެ މަތިން ފަރިއްކުޅުއްވޭނެ ގޮތެއް ހޯއްދަވަން އެމްޑީޕީގެ ވެރިން ނިންމައިގެން ތިބި ކަމެކެވެ.
ރާއްޖޭގެ ޚާރިޖީވަޒިރު ވިދާޅުވީ ސްރީލަންކާގެ ރައީސްގެ އެދިވަޑައިގަތުން ފުރިހަމަކޮށްދެވޭނެ ގޮތެއް އޮތްތޯ ދިވެހި ސަރުކާރުން ބަލަމުންދާކަމަށެވެ. މިގޮތްތަކުގެތެރެއިން ނިންމަންޖެހޭ އެއްކަމަކީ މީހުން ވަޅުލާނެ ގަބުރުސްތާނެއް ކަނޑައެޅުމެވެ. މާލެއިން ނަމަ އާސަހަރާގައިތޯ ނުވަތަ ހުޅުމާލޭގެ ސަހަރާގައިތޯ ނިންމުމެވެ. ފަޅުރަށެއްވެސް ޚިޔާރު ކުރެވިދާނެއެވެ. ސްރީލަންކާއާއި އެންމެ ގާތުގައި އޮތީ ބޮޑު ތިލަދުންމައްޗެވެ. ބޮޑުތިލަދުންމަތީގައި މީހުން ދިރިއުޅުމަށްފަހު ފަޅުވެފައިވާ ރަށްރަށުގައި ގަބުރުސްތާން ހުރެއެވެ. މާލެއިން ހަތަރު އަވަށު ގަބުރުސްތާންތަކުގެތެރެއިން ކޮންމެވެސް އެއްގަބުރުސްތާންވެސް ކަނޑައަޅައި ޖާގަ ހެދިދާނެއެވެ. މަރުވާ މީހުންގެ ހަށިތައް ގެންނާނީ ސްރީލަންކަން އެއަރލައިންގައިތޯ ނުވަތަ މޯލްޑިވިއަންގައިތޯވެސް ކަނޑައަޅަންޖެހެއެވެ. ގާނޫނެއް ހަދަންޖެހިއްޖިއްޔާ ގާނޫން ހަދާ މަޖިލީހުގެ ރައީސް އެކަން ފުރިހަމަކޮށްލައްވާނެއެވެ.
މިލިޔުން ނިންމައިލުމުގެކުރިން އަދި އެއްކަމެއް ފާހަގަކޮށްލަން ބޭނުމެވެ. އެއީ އިންސާނީ ކަރާމަތް ނަގައިލާ ޖަރީމާއަކަށް ފަސްއަޅައި ފޮރުވަން އަޅުގަނޑުމެންގެތެރެއިން ފުންނާބު އުސް އިލްމުވެރިޔަކު ލޮބުވެތި ނަބިއްޔާގެ ހަދީސްފުޅެއްގެ ބޭނުން ކުރެއްވުމެވެ. އެއިލްމުވެރިޔާގެ އިންޓެންޝަން ގޯހީއަކީނޫނެވެ. މިކަމުގެ އަޑީގައި ފޮރުވިފައިވާ މުޑުދާރު ޖަރީމާ ފަހުމްވެވަޑައިގަތްނަމަ ނަބިއްޔާގެ ހަދީސް ބޭނުންފުޅުކުރެއްވުނު މަގާމާއިމެދު ހިތްޕުޅުގައި އުދާސް އުފެދިވަޑައިގަންނަވާނެއެވެ. ސްރީލަންކާގެ މުސްލިމް ރައްޔިތުން ބޭނުންވަނީ އެމީހުންގެ ކާބަފައިންވެސް ދިރިއުޅުނު އެމީހުންގެ އަމިއްލަ ގައުމުގައި އެމީހުންގެ ދަރިން އުފަންވެ، އެތާގައި ދިރިއުޅެ، އެތާގައި މަރުވެ، އެބުމުގައި ވަޅުލެވިގެންދާންކަން އެމުސްލިމު ރައްޔިތުން އެދަނީ ބުނަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists