ޗައިނާއާ އެކު އޮތް އެފްޓީއޭ ހުއްޓުވުމުގެ އަގުދައްކަން ޖެހުނީ މަސްވެރިންނަށް: އެމްސީޓީސީއޯ

26 Dec 2020 | 15:54

2017ވަނަ އަހަރުގައި ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދުގައި ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ތަންފީޒުކުރުން ހުއްޓުވާފައި އޮތުމުގެ އަގުދައްކަން ޖެހިފައިވަނީ ދިވެހި މަސްވެރިންނަށް ކަމަށް މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރ އޯގަނައިޒޭޝަން (އެމްސީޓީސީއޯ)އިން ބުނެފިއެވެ.

ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދުގައި އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްކުރާ މި ޖަމްއިއްޔާއިން މިފަދައިން ބުނެފައިވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

އެ ޖަމްއިއްޔާއިން ބުނީ ޗައިނާ-ރާއްޖެ އެފްޓީއޭ ކުރިއަށް ގެންގޮސް ޑިއުޓީ އަކާއި ނުލައި ޗައިނާގެ 1 ބިލިޔަން އާބާދީއަށް މަސް ބޭރު ކުރެވޭނެގޮތް ހެދިނަމަ މިއަދު މިއުޅޭ ހާލުގައި އުޅެން ނުޖެހުނީސްކަމަށެވެ. އަދި ޗައިނާ-ރާއްޖެ އެފްޓީއޭ ހުއްޓުވީ ސިޔާސީ ސަބަބުތަކަށް ޓަކައިކަމަށާއި އޭގެ އަގުދައްކަން ޖެހުނީ މަސްވެރިންނަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބާނާ މަހަށް ހަމައަގު ނުލިބި، މަހަށްވާ ފައިސާ ލިބުން ލަސްވެގެންދާކަމުގެ ޝަކުވާތައް ގިނަ މަސްވެެރިން ދަނީ ކުރަމުންނެވެ. 

މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ލަސްވަމުންދާތީ މީގެ ކުރީގައި މަސްވެރިން ވަނީ ކަނޑުމަތީގައި މުޒާހަރާވެސް ކޮށްފައެވެ.

ކޮމެންޓް